ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެމްބަރުން ތިބޭ ތަރުތީބު ބަދަލުކޮށް ޕާޓީތައް ވަކިން ތިބޭގޮތަށް އާންމު ކޮމިޓީން ފާސްކޮށްފިއެވެ.

މެންބަރުން ތަޅުމުގައި އިށީނދެވަޑައިގެން ތިއްބަވާ ތަރުތީބުތަކަށް ބަދަލު ގެނައުމަށް ނިންމާފައިވަނީ ކޮމިޓީއަށް ވަޑައިގެންތިއްބެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ޑިމޮކްރެޓިކް އެހެން ގައުމުތަކެކޭ އެއްފަދައިން ރިޔާސީ ނިޒާމުތަކުގައި މަޖިލީހުގައި މެންބަރުން ތިއްބަވާ ގޮތަށް ކަންކަން ބަދަލުކުރުމަށާ ޕާޓީތައް ވަކިވާގޮތަށް ތަރުތީބު ބަދަލުކުރުމަށް ފެންނަކަމަށް ކޮމެޓީގައި މެންބަރުން ވަނީ ތާއީދުކޮށްފައެވެ.

ނަމަވެސް ބައެއް މެމްބަރުންވަނީ މިހާރު އޮތް ތަރުތީބަށް ބަދަލުގެނެސް ހއ. ފެށިގެން ސ. އަތޮޅާއި ހަމަށް މެމްބަރުން ތިއްބަވާ ގޮތަށް ތަރުތީބަށް ބަދަލު ގެނައުމަށްވެސް ލަފާދީފައެވެ.

މަޖިލީހުގެ ތަޅުމުގައި ސިޔާސީ ޕާޓީތަކުގެ މެމްބަރުން ވަކިން ތިބޭގޮތަށް ތަޅުމުގެ އެތުރުން ބަދަލުކުރުމަށް މަޝްވަރާކުރީ މިމަހުގެ 3 ވަނަ ދުވަހުގައެވެ.

މަޝްވަރާގެ ބައްދަލުވުމުގައި ހަސަން ލަތީފް ވިދާޅުވީ، އެކި މެންބަރުން މިކަމުގައި ފެންނަ ޚިޔާލުތައް ހުށަހަޅާފައިވާ ކަމަށާއި އަދި ދުނިޔޭގެ ރިޔާސީ ނިޒާމު އޮތް ގައުމުތަކުގައިވެސް މަޖިލީހުގެ މެންބަރުން ޖަލްސާގައި ތިއްބަވާ ތަރުތީބުތަކަށް ބަލައި، އެންމެ ރަނގަޅު ގޮތަކީ ޕާޓީތަކުގެ މެމްބަރުން އެކީގައި ތިއްބަވާނެ ގޮތަކަށް ބަދަލުގެނައުން ކަމަށެވެ.

މިގޮތަށް ބަދަލު ގެންނައިރު ޕާޓީޓަކުގެ މެންބަރުން ތިއްބަވާ ތަރުތީބު ކަނޑައަޅާނީ އެޕާޓީއެއްގެ ޕާލިމަންޓްރީ ގްރޫޕަކުން ކަމުގައި ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.

މިބަދަލު ގެންނައިރު ކަންކަން ރަނގަޅަށް ބަލައި ދިރާސާ ކުރުމަށްފަހު މަޖިލީހުން ގޮތެއް ނިންމުމަކީ ރަނގަޅު ކަމެއްކަމަށް ކޮމިޓީގެ މެމްބަރުންވެސް ދެކެވަޑައިގަންނަވާ ކަމަށް ހަސަން އޭރު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މިނިންމުމަށް އަމަލުކުރެވޭނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅާ ފާސްކުރުމުންނެވެ.