ކޮވިޑް-19 އަށް ޕޮޒިޓިވްވެ އަދި ބަލީގެ އަލާމާތްތައް ފެނިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ދެވުނު ފަރުވާތަކަށްފަހު، ރައީސް ޓްރަމްޕް އެނބުރި ވައިޓްހައުސްއަށް ވަޑައިގެންފިއެވެ.

ވައިޓްހައުސްއަށް ވަޑައިގެން ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކުގެ ސަބަބުން އަނެއްކާވެސް އެމެރިކާގައި ބަހުސްތަކާއި އަރާރުންތައްވަނީ ފެށިފައެވެ.

އެމެރިކާގެ ރައްޔިތުންނަށް ޓްރަމްޕް ގޮވާލެއްވީ، ކޮވިޑް-19 ބަލި ޖައްސާ ވައިރަސް ދެކެ ބިރު ނުގަތުމަށެވެ.

އެމެރިކާއަށް ކޮވިޑްފަތުރާ ވައިރަސް ބަލިކުރެވޭނޭ ކަމަށާއި، އެކަމަށް ބޭނުންވާ އެންމެ ފުރިހަމަ އާލާތްތަކާއި، ބޭސް އެމެރިކާގައި އެބަހުރި ކމަށް ޓްރަމްޕް ވިދާޅުވިއެވެ.

ވައިރަސް ދެކެ ބިރުނުގަތުމަށް ޓްރަމްޕް ގޮވާލެއްވިއިރު، ޚުދު ޓްރަމްޕަށްވެސް ވަނީ ބަލި ޖެހިވަޑައިގެންފައެވެ. އަދި މިބަލީގައި 210،000 އަށްވުރެ ގިނަ އެމެރިކާ ރައްޔިތުން މަރުވެފައި ވެއެވެ. އަދި އެމެރިކާ ވެފައިވަނީ ދުނިޔޭގައި ބަލީގެ ހާލަތު އެންމެގޯސް ގައުމަށެވެ.

ވޯލްޓަރ ރީޑް ނޭޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރުން ޓްރަމްޕް ވައިޓްހައުސްއަށް ވެދެވަޑައިގެންނެވިއިރު ހުންނެވީ މާސްކްވެސް ނާޅުއްވައެވެ.

ވައިޓްހައުސްއަށް ވެދެވަޑައިގެންނެވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ޓްރަމްޕް ވިދާޅުވެފައިވަނީ، އޭނާ ކެމްޕެއިނަށް އެނބުރި ވަޑައިގަތުމުން އޭނާ ވެވަޑައިގަންނަވާނީ އާދަޔާޚިލާފް ބަތަލަކަށް ކަމަށެވެ. އަދި އިދިކޮޅު ޑިމޮކްރޭޓުންގެ ހަޑިމުޑުދާރު ރޭވުންތަކުގެ އިތުރުން އޭނާވަނީ ޗައިނާ ވައިރަހުންވެސް ސަލާމަތްވެވަޑައި ގެންފައި ކަމަށް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

ހޮސްޕިޓަލުން ނުކުމެވަޑައިގެން ކޮވިޑް ބައްޔާ ގުޅޭގޮތުން ޓްރަމްޕް ދެއްކެވި ވާހަކަތަކާ ގުޅިގެން އެމެރިކާގެ ސިއްހީ ތަޖުރިބާކާރުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ޚުދު ރައީސް ޓްރަމްޕާއި ފަސްޓްލޭޑީ މެލާނިއާއަށް ކޮވިޑްބަލި ޖެހުމާއި، ވައިޓްހައުސްގެ އެތައް އޮފިޝަލުން ބައްޔަށް އިއްޔެވެސް ޕޮޒިޓިވްވެފައިވާތީ، މި ބައްޔާމެދު ޓްރަމްޕް ގެންގުޅުއްވާ ވިސްނުންފުޅު ބަދަލު ކުރައްވަންޖެހޭ ކަމަށް ސިއްހީ ތަޖުރިބާކާރުން ވިދާޅުވެފައި ވެއެވެ.

ހޮސްޕިޓަލުން ޓްރަމްޕް ވައިޓްހައުސްއަށް ވަޑައިގެންނެވިއިރު، ވޯލްޓަރ ރީޑް ނޭޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރުގައި ޓްރަމްޕަށް ފަރުވާދެއްވި ޚާއްސަ ޑޮކްޓަރ ނޭވީ ކޮމާންޑަރ ޝޯން ކޯންލީ ވިދާޅުވީ، ޓްރަމްޕް ހޮސްޕިޓަލުން ދޫކޮށްލީ ސިއްހީ ހާލުކޮޅު ހޮސްޕިޓަލުން ދޫކޮށްލާވަރަށް ރަނގަޅުވުމުން ކަމަށެވެ. އެހެން ނަމަވެސް، ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހަށް ރައީސްގެ ހާލުކޮޅު މުޅީން ފިޓްނުވާނޭ ކަމަށްވެސް ވިދާޅުވިއެވެ.

ޓްރަމްޕް ޓްވީޓްކުރެއްވި ވީޑިއޯ މެސެޖްގައި އޭނާ ވާހަކަފުޅު ދައްކަވަމުން ގެންދެވިއިރު ވަރުބަލިފުޅުކަމާއި، ފުން ނޭވާފުޅު ލައްވަމުން ގެންދެވިކަން މީޑިއާއިން ފާހަގަކޮށްފައި ވެއެވެ.