ބައިމަދު އުއިޣުރު މުސްލިމުންގެ މައްސަލާގައި ދުނިޔޭގެ 39 ގައުމަކުން ޗައިނާ ކުށްވެރިކޮށްފިއެވެ.

އިއްޔެ އދގައި ބޭއްވި އިންސާނީ ހައްގުތަކާބެހޭ ބައްދަލުވުމެއްގައި އެ ގައުމުތަކުންވަނީ، ޗައިނާއިން އެގައުމުގެ މުސްލިމް ނަސްލުގެ މީހުންނަށް ކުރާ އަނިޔާއާއި، މުސްލިމުންގެ ހައްގުތައް ނިގުޅައިގަންނަ މައްސަލަ ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ.

އިއްޔެގެ ބައްދަލުވުމުގައި މުސްލިމުންގެ މައްސަލާގައި ޗައިނާ ކުށްވެރިކުރުމުގައި އެންމެ އިސްކޮށް އޮތީ ޖަރުމަނުވިލާތެވެ.

ޖަރުމަނުވިލާތުގެ އިތުރުން، އެމެރިކާ، އިނގިރޭސިވިލާތް، ޖަޕާންވެސް ހިމެނޭގޮތުން ދުނިޔޭގެ 39 ގައުމަކުންވަނީ، އުއިޣުރު މުސްލިމުންގެ ހައްގުތަކަށް އިހްތިރާމްކުރުމަށް ޗައިނާއަށް ގޮވާލާފައެވެ.

ހަމަ އެއާއެކު، ހޮންގްކޮންގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާ މެދުވެސް އެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

"ޝިންޖިއާންގެ އިންސާނީ ހައްގުތަކުގެ ހާލަތާއި، މިފަހުން ހޮންގްކޮންގައި ހިނގައިދިޔަ ކަންތައްތަކާމެދު އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ"
ޖަރުމަނު އެމްބަސެޑަރ ކްރިސްޓޮފަރ

ޖަރުމަނު އެމްބަސެޑަރވަނީ، އދގެ އިންސާނީ ހައްގުތަކާބެހޭ އޮބްޒާވަރުން ޝިންޖިއާން ސަރަހއްދަށް ދިއުމުގެ ހުއްދަ އެއްވެސް ޝަރުތަކާނުލައި ވަގުތުން ދިނުމަށް ޗައިނާ ސަރުކާރަށް ގޮވާލައްވާފައެވެ.

ޝިންޖިއާން ސަރަހައްދަކީ، ޗައިނާގެ ބައިމަދު އުއިޣުރު މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ސަރަހައްދެވެ.

ޗައިނާ ސަރުކާރުން އެ ސަރަހައްދުގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ހަރުކަށި އަމަލުތަކުގެ ދަށުން، މިލިއަނަކަށް ވުރެ ގިނަ މުސްލިމުން ބޮޑެތި ކޭމްޕްތަކުގައި ބަންދުކޮށްގެން ގެންގުޅޭ ކަމަށް އދއިންވެސް ވަނީ ބުނެފައެވެ.

މިމައްސަލާގައި ޗައިނާ ސަރުކާރުން ބުނަމުންދަނީ، މުސްލިމުން ބަންދުކޮށްގެން އުޅޭ ކޭމްޕްތަކަކީ ވޮކޭޝަނަން ޓްރޭނިންގދޭ ތަންތަން ކަމަށެވެ.

އެކަމަކު، ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކާއި، މުސްލިމުން ބުނަމުންދަނީ އެއީ ޖަލުތަކެއް ކަމަށެވެ.

އދގެ ބައްދަލުވުމުގައި ގައުމުތަކުންވަނީ، ޝިންޖިއާން ސަރަހައްދުގައި ޗައިނާއިން މުސްލިމުންނާ ދެކޮޅަށް ހިންގާ އެކިއެކި އަމަލުތަކުގެ ވާހަކަތައް ފާހަގަކޮށްފައެވެ.

އެގޮތުން، އިސްލާމްދީނަށް މުސްލިމުން އުޅުނަ ނުދިނުމަށް ހިންގާ އަމަލުތަކާއި، މުސްލިމުންނަށް ވަރުގަދައަށް ފާރަލުމާއި، ގަދަބާރުން އަޅުމަސައްކަތް ކުރުވުމާއި، އެނޫންވެސް އިންސާނީ ހައްގުތަކާ ޚިލާފް އެތައްކަމެއް ފާހަގަކޮށްފައި ވެއެވެ.

އދގެ ބައްދަލުވުމަށްފަހު، އެކުލަވާލި ގަރާރުގައި ސޮއިކުރި 39 ގައުމުގެ ތެރޭގައި ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކާއި، ކެނެޑާ، ހެއިޓީ، ހޮންޑިއުރަސް، އޮސްޓްރޭލިއާ އަދި ނިއުޒީލެންޑްވެސް ހިމެނެއެވެ.

ޗައިނާގެ ބިރުދެއްކުންތަކާއި، ހުރަސްއެޅުންތަކާ އެކުވެސް މިދިޔަ އަހަރަށްވުރެ ގިނަ ގައުމުތަކުން މިއަހަރުގެ ގަރާރުގައި ސޮއިކޮށްފައިވާކަން، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމާއަތެއް ކަމަށްވާ، ހިއުމަން ރައިޓްސް ވޮޗުން ފާހަގަކޮށްފައި ވެއެވެ.

މިއަހަރުގެ ގަރާރުގައި 39 ގައުމަކުން ސޮއިކުރިއިރު، މިދިޔަ އަހަރުގެ ގަރާރުގައި ސޮއިކޮށްފައިވަނީ 23 ގައުމުންނެވެ.

ގައުމުތަކުން އެކަށައަޅައި ސޮއިކުރި އިންސާނީ ހައްގުތަކުގެ ގަރާރަށް ޗައިނާއިންވަނީ ވަރަށް ރުޅިވެރިކަމާއެކު ރައްދު ދީފައެވެ.

ޗައިނާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޒަންގް ޖުން ވިދާޅުވީ، ގައުމުތަކުން އެކަށައެޅި ގަރާރުގައި ޗައިނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއްނެތް ތުހުމަތުތަކެއް ކަމަށެވެ.

އަދި މި ގަރާރުގެ ބޭނުމަކީ، އދގެ މެމްބަރު ގައުމުތައް، އެއްގައުމު އަނެއްގައުމަށް ޖެއްސުން ކަމަށްވެސް ޗައިނާގެ މަންދޫބު ވިދާޅުވެފައި ވެއެވެ.