ލޯނާއި ހިލޭ އެހީގެ ގޮތުގައި މިހާތަނަށް ގާތްގަނޑަކަށް 520 މިލިޔަން ޑޮލަރު ލިބިފައިވާ ކަަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖެއަށް ކުރިމަތިވި މާލީ ދަތިކަން ހައްލުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ލޯންގެ ގޮތުގައާއި ކޮންސެޝަނަލް އެހީގެ ގޮތުގައި އަދި އެހެން ގޮތްގޮތުން 520 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ހިލޭ އެހީ އާއި ލޯންގެ ގޮތުގައި 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ކުރިން އަންދާޒާކުރި ކަމަށާ އެކަމަކު މިހާރު ލިބޭނެކަމަށް އަންދާޒާކުރަނީ 14 ބިލިއަން ރުފިޔާ ކަމަށެވެ. މިއީ ލިބޭނެ ކަމަށް އަންދާޒާ ކުރި ވަރަށްވުރެ 15 ބިލިއަން ރުފިޔާގެ ދަށްވުމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ދައުލަތުގެ އާމްދަނީ ދަށްވިނަމަވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެމުން އަންނަ ކަމަށާއި، ތަރައްގީގެ މަޝްރޫއުތައް ހުއްޓާނުލާނެކަމުގެ ޔަގީން އަމީރު ވަނީ ދެއްވައިފަ އެވެ.

ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް އެކިގައުމުތަކުން ރާއްޖެއަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އިންޑިއާއިން 250 މިލިއަން ޑޮލަރު ބޮންޑެއް ވިއްކާފައިވާއިރު އޭޑީބީން ވަނީ 50 އިންސައްތައިގެ ހިލޭއެހީ ހިމެނޭ ގޮތަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ. މީގެ އިތުރުން ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުން 22.6 މިލިއަން ޑޮލަރުގެ ލޯނަކާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ)ން 20 މިލިއަން ޑޮލަރު، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން 28.9 މިލިއަން ޑޮލަރު އިންޓަރެސްޓް ފްރީ ލޯނެއް އަދި ޖައިކާ 47.5 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ވަނީ ދީފައެވެ.