ކުވައިތުގެ އަމީރު ޝައިޚް ނަވާފް އަލްއަހްމަދު އައްސަބާހް، ކުވައިތުގެ އައު ވަލީއަހުދުގެ މަގާމަށް ޝައިޚް މިޝާލް އަލްއަހްމަދު އަލްޖާބިރު އައްސަބާހްގެ ނަންފުޅު ހުށަހަޅުއްވައިފިއެވެ.

ޝައިޚް މިޝާލް އަލްއަހްމަދު އަލްޖާބިރު އައްސަބާހްއަކީ، މިވަގުތު ކުވައިތު ނޭޝަނަލް ގާރޑުގެ ނާއިބެވެ.

ކުވައިތުގެ ރަސްމީ ނޫސް އޭޖެންސީ، ކޫނާއިން ބުނެފައިވަނީ، އައު ވަލީއަހުދުގެ މަގާމަށް ޝައިޚް މިޝާލް އަލްއަހްމަދު އަލްޖާބިރު އައްސަބާހްގެ ނަންފުޅު، މިހާރުގެ އަމީރު ޝައިޚް ނަވާފް ހުށަހެޅުއްވީ، ވެރިކަންކުރާ އައްސަބާހް އާއިލާގެ ރުހުމާ އެކުގައި ކަމަށެވެ.

ޝައިޚް މިޝާލް އަލްއަހްމަދު އަލްޖާބިރު އައްސަބާހްގެ ނަންފުޅު ވަލީއަހުދުގެ މަގާމަށް ހުށަހެޅުއްވި ނަމަވެސް، މަގާމު ކަށަވަރުވާނީ ކުވައިތުގެ ޕާލަމެންޓުން ފާސްކުރުމުންނެވެ.

ޝައިޚް މިޝާލް އަލްއަހްމަދު އަލްޖާބިރު އައްސަބާހްގެ ނަންފުޅު، އައު ވަލީއަހުދުގެ މަގާމަށް އައްޔަންކުރަން އަމީރު ހުށަހެޅުއްވިއިރު، އޭނާ ވަލީއަހުދަކަށް އައްޔަންކުރަން ތާއީދުކުރައްވައި ވެރިކަންކުރާ އައްސަބާހް އާއިލާގެ ދެ ބޭފުޅަކުވެސް ޓްވީޓް ކުރައްވާފައި ވެއެވެ.

ޝައިޚް މިޝާލް އަލްއަހްމަދު އަލްޖާބިރު އައްސަބާހްއަކީ، އަވަހާރަވި އަމީރުގެ އެންމެ ހަގު ކޮއްކޯފުޅެވެ.

މިވަގުތު ކުވައިތު ނޭޝަނަލް ގާރޑުގެ ނާއިބުގެ މަގާމުގައި ހުންނެވި ޝައިޚް މިޝާލްވަނީ، ކުވައިތުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ އެންމެ އިސް ވެރިޔާގެ އިތުރުން، ދާޚިލީ ވަޒީރުކަންވެސް ކުރައްވާފައެވެ.

ކުވައިތުގެ އައު އަމީރުކަމުގައި މިހާރު ހުންނެވީ އުމުރުފުޅުން 83 އަހަރުގެ ޝައިޚް ނަވާފް އަލް ސަބާހުލްއަހްމަދު އަލްޖާބިރު އައްސަބާހްއެވެ.

އޭނާ އައު އަމީރަކަށް މިދިޔަ ހަފްތާތެރޭގައި އައްޔަން ކުރެވުނީ، އަމީރުކަމުގައި ހުންނެވި އޭނާގެ ބޭބޭފުޅު ޝައިޚް ސަބާހުލްއަހްމަދު އަލް ޖާބިރު އައްސަބާހް އަވަހާރަވުމާ ގުޅިގެންނެވެ.