"ކްލާހަށް ދަރިވަރުން ގެނެސްގެން ކިޔަވައިދިނީމާ ދަރިވަރުންނަށް އެތައް އެޑްވާންޑޭޖްތަކެއް އެބަ ލިބޭ،" މާލެ ސަރަހައްދުގެ ސްކޫލްތައް އަލުން ހުޅުވުމާއި އަތޮޅުތަކުގެ ސްކޫލްތަކުގައި ކިޔަވައިދޭ ގަޑި އިތުރު ކުރުމާބެހޭ މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އޮންލައިން ކްލާސްތަކުން ނުލިބޭ އެތައްކަމެއް ދަރިވަރުން ސްކޫލަށް ހާޒިރުވުމުން ލިބެއެވެ. ޑރ. އައިޝަތު އަލީ ވިދާޅުވީ، ސްކޫލްތައް ބަންދުކޮށްފައި ހުރުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. ހާއްސަކޮށް، އެންމެ ބޮޑު ކަންބޮޑުވުމަކީ، މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އެކަމުގެ އަސަރު ދަރިވަރުންގެ ކިޔެވުމާއި އެހެނިހެން ކަންކަމަށްވެސް ކުރަމުން ދިއުމެވެ. އެގޮތުން، ދަރިވަރުންގެ ކިޔެވުމަށް ކޮށްފައިވާ އަސަރު ދެނެގަތުމަށް ކުރަމުން އަންނަ ދިރާސާއިން މިހާރުވެސް އެނގިފައިވާ ގޮތުގައި ދަސްކުރުމުގެ ބާރު ވަނީ ދަށަށް ދާން ފަށާފައެވެ.

ސްކޫލްތައް ހުޅުވައިގެން ކިޔަވައިދިނުން ކުރިއަށް ގެންދެވޭނެ މާހައުލެއް އުފެއްދުމުގެ މުހިއްމުކަން މިނިސްޓަރުގެ އެ ވާހަކައިން އެނގެއެވެ. ދެވަނަ ފަހަރަށް ބަންދުކުރުމަށް ފަހު މާލޭގެ ސްކޫލްތަކުގެ މަތީ ގްރޭޑްތަކަށް އަލުން ކިޔަވައިދޭން ފަށާފައިވާއިރު، މިއީ ވިސްނާލުން މުހިއްމު ނުކުތާއެކެވެ. ކޮވިޑް-19 ފެތުރޭތީ ސްކޫލްތައް ބަންދުކުރުމަށް ފަހު މާލޭގެ ސްކޫލްތަކުގެ މަތީ ގްރޭޑްތަކުގެ ކިޔެވުން ފުރަތަމަ ފެށި މަޑުމަޑުން ގްރޭޑްތައް އިތުރުކުރަމުން ގެންދިއުމުގެ ޕްލޭނަކާ އެކުގައެވެ. އެކަމަކު، އެގޮތަށް ކަންތައް ނުވީ އޮގަސްޓްމަހު ރާއްޖޭގައި ކޮވިޑް ފެތުރުން ގާތްގަނޑަކަށް ކޮންޓްރޯލުން ނެއްޓިގެން ދިއުމުންނެވެ.

ފަސް އެނބުރި ބަލާލައި، އެފަހަރު އެގޮތަށް ކަންތައް ދިމާވާން މެދުވެރިވި ސަބަބުތަކާމެދު ވިސްނައި ފިކުރު ހިންގާލުން މުހިއްމެވެ. އަލުން ސްކޫލްތައް ހުޅުވައި ގްރޭޑަކަށް ފަހު ގްރޭޑެއްގެ ދަރިވަރުން ސްކޫލަށް ގެންދިއުމަށްޓަކައި ފަހި މާހައުލެއް އުފެއްދުމަށެވެ. ދަރިވަރުންގެ ކިޔެވުމާއި ވިސްނުމުގެ ގާބިލުކަމަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށެވެ.

މިދިޔަ އޮގަސްޓްމަހު ރާއްޖޭގައި ކޮވިޑްގެ ހާލަތު ކޮންޓްރޯލުން ނެއްޓިގެން ދިޔައީ އަހަރެމެންގެ އުޅުން ބެހެއްޓުނު ގޮތުންނެވެ. ގްރޫޕް ހައިގެން މަސްދަތުރުތަކާއި ޕިކްނިކްތައް ދާން ފެށުމުންނެވެ. ޕާޓީކަށް މީހުން ތަންތަނަށް ޖަމާވާން ފެށުމުންނެވެ. ކެފޭ ރެސްޓޯރެންޓްތަކަށާއި ޓޭކަވޭ ހިދުމަތް ދޭ ތަންތަން ފުރިބާރުވެ، އެ ތަންތަނުގައި ގިނަ އަދަދެއްގެ ބަޔަކު ވަގުތު ހޭދަކުރަން ފެށުމުންނެވެ. ބޭރުގައި އުޅޭއިރު ބަހައްޓަންޖެހޭ ގައިދުރުކަން ނުބެހެއްޓޭ ގޮތަށް އެއްވުންތައް ބާއްވަން ފެށުމުންނެވެ. ރާއްޖެއިން ފުރަތަމަ ކޮވިޑް ފެނުނު ދުވަސްވަރު އެބަލި ކޮންޓްރޯލްކުރަން އެންމެން ދިން ސަމާލުކަން މަޑުމަޑުން ގެއްލިގެން ގޮސް، ކޮވިޑްގެ މަތިން އަހަރެމެން ހަނދާން ނައްތާލުމުންނެވެ.

އަނެއްކާވެސް ސްކޫލްތައް ހުޅުވާލިއިރު އަހަރެމެން މިތިބީ އެކަމަށް ތައްޔާރަށްތޯ އަމިއްލައަށް ވަޒަންކޮށްލަން އެބަ ޖެހެއެވެ. ކޮވިޑުން ރައްކާތެރިވުމަށްޓަކައި ބަހައްޓަންޖެހޭ ހަމަތައް ހިފެހެއްޓޭ މިންވަރު ވަޒަންކޮށްލަން އެބަ ޖެހެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މީގެ ހަފްތާއެއްހާ ދުވަސްކުރިން ވެސް ކަންބޮޑުވުމާއެކު ބުނެފައިވަނީ، ބަލި ފެތުރުމަށް މަގުފަހިވާ ކަންތައްތައް މުޖުތަމައުގެ ތެރެއިން ވަރަށް ބޮޑަށް ފެންނަމުންދާ ކަމަށެވެ. އެގޮތުން، އާއްމު ހިދުމަތްދޭ ތަންތަނުގައި އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރަމުން ދޭތޯ ނުވަތަ ނުދޭތޯ ބެލުމަށްޓަކައި ކުރިއަށްގެންދާ އިންސްޕެކްޝަންގެ ހަތަރުވަނަ ބުރުގައި ފެނުނު ކަންތައްތަކުގެ ތަފްސީލް ދެއްވަމުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެފައިވަނީ، އިންސްޕެކްޓްކޮށްފައިވާކަން ދައްކައި އޮޅުވައިލުމަށް އަމިއްލައަށް ސްޓިކާ ޖަހާފައިވާ ބައެއް ތަންތަންވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ގައިޑްލައިންތަކާ އެއްގޮތަށް ހުރި ކަމަށް ފާހަކުރެވޭ ތަންތަނަށްދޭ ސްޓިކާ އަމިއްލައަށް އެބޭފުޅުން ތައްޔާރުކުރައްވައިގެން އިންސްޕެކްޓް ނުކުރަނީސް ތަތްކޮށްފައި އެބަހުރި،"
ޑރ. ނަޒްލާ ރަފީގު

ދެން ފާހަގަކުރެވިފައި ވަނީ، ޑރ. ނަޒްލާ ވިދާޅުވެފައިވާ ގޮތުގައި، ހަމައެކަނި އިންސްޕެކްޓްކުރާ ގަޑީގައި ކަންތައްތައް ރަނގަޅަށް ބަހައްޓާފައި އެހެން ވަގުތުތަކުގައި ރައްކާތެރިކަމުގެ އުސޫލުތަކަށް އަމަލު ނުކުރާ މައްސަލައެވެ.

މި ދެކަމުންވެސް ދޭހަވަނީ އެއް ކަމެކެވެ. އެއީ މިފަދަ ހައްސާސް ކަމެއްގައިވެސް އަމިއްލަ ނަފުސަށް ތެދުވެރި ނޫން ބަޔަކު މުޖުތަމައުގައި އެބަތިބި ކަމެވެ. މިއީ މިފަދަ ބަލިމަޑުކަމެއްގެ ތެރޭގައިވެސް އަހަރެމެންގެ ވިސްނުމާއި އަމަލުތައް ގޮސްފައިވާ ހިސާބެވެ!

ސްކޫލްތައް ހުޅުވަން އަހަރެމެން ތައްޔާރުތޯ ކުރާ ސުވާލާ މިކަންތައްތަކާ ގުޅެނީ ކިހިނެތްހޭ ހިތަށް އަރައިފާނެ އެވެ. އެކަމަކު، މިއީ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ދެ ކަންތައްކަން ރަނގަޅަށް ވިސްނާލައިފިނަމަ އެނގޭނެއެވެ. ސްކޫލްތަކުގެ ދަރިވަރުންވެސް ދިރިއުޅެނީ މި ކުޑަކުޑަ މުޖުތަމައުގެ ތެރޭގައެވެ. ހިނގަނީ އެއް މަގުތަކަކުންނެވެ. ދަނީ އެއް ތަންތަނަށެވެ. އެ ދަރިވަރުންގެ މައިންބަފައިން ނުވަތަ ބެލެނިވެރިންވެސް ހިމެނޭނީ އުސޫލުތަކަށް އަމަލު ނުކުރާ ފިހާރަތަކާއި ކެފޭތަކަށް ޒިޔާރަތްކުރަން ތިބި ރައްޔިތުންގެ ތެރޭގައެވެ. މީގެ މާނައަކީ، ގޭތެރެއިން ދަރިވަރުންނަށް ކޮވިޑް ޖެހުމުގެ މަގު ފަހިވުމެވެ. ބޭރުގައި އުޅޭ އުޅުމުގެ ތެރޭގައިވެސް އެކުދިންގެ ހަށިގަނޑަށް ވައިރަސްގެ އަސަރު ކުރުމުގެ ފުރުސަތު އޮތްކަމެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، މާލޭގެ ސްކޫލްތައް ފުރަތަމަ ފަހަރު ހުޅުވިއިރުވެސް ސްކޫލްތަކުގައި ވަރުގަދަ ސަމާލަތީ ފިޔަވަޅުތަކެއް އެޅި ކަމަށެވެ. އެ ފަހަރުގެ ތަޖުރިބާއަކީ ސްކޫލްތަކުގެ ތެރެއިން ކޮވިޑް ފެތުރިގެން ނުދިއުމެވެ.

ޑރ. ނަޒްލާވެސް ވިދާޅުވި ގޮތުގައި، އޭރުގައި ދަރިވަރުންނާއި ޓީޗަރުންނަށް ސްކޫލްތެރެއިން ވައިރަސް އެރުމުގެ ކޭސްތަކެއް ފާހަގަވެފައެއް ނެތެވެ.

"އަޅުގަނޑުމެންނަށް ހަމަ މަދު ކޭސްއެއް، ކޮމިއުނިޓީ ތެރޭގައި ބަލި އުޅޭތީ، ފެނުނު ކޮންމެވެސް ވަރަކަށް ކުދިން އަދި ޓީޗަރުންވެސް ޕޮޒިޓިވިތަން. އެކަމަކު، އެއީ ސްކޫލްތެރެ އިން ޓްރާންސްމިޓްވެގެންނެއް ނޫން،"
ޑރ. ނަޒްލާ ރަފީގު

ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި، ކުރިން ސްކޫލްތައް ހުޅުވިއިރު ކޮވިޑަށް ޕޮޒިޓިވްވި ޓީޗަރުންނާއި ދަރިވަރުންގެ ވެސް ކޮންޓެކްޓުންގެ ކެޓަގަރީއަށް ފެތޭ ބަޔަކު ސްކޫލްތަކުގައި ނެތެވެ. މީގެ މާނައަކީ، ސްކޫލްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒުވެފައި އޮތުމެވެ.

ސްކޫލްތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ދަރިވަރުންނާއި ޓީޗަރުން ސްކޫލަށް ވަނުމުގެކުރިން ހުން ބެލުމާއި އަތް ސެނިޓައިޒްކުރުން ހިމެނެއެވެ. ކްލާސްތަކުގެ ތެރޭގައި ދަރިވަރުން އިށީނދެ ތިބޭ އެރޭންޖްމަންޓާއި ޓީޗަރުން ކިޔަވައިދިނުމުގައި ކްލާސް ތެރޭގައި އަމަލުކުރާ ގޮތްތައްވެސް ހުރީ ގައިދުރުކަމަށް މަގުފަހިވާނެ ގޮތަށެވެ. އެހާ ފަރުވާތެރިވެގެން ދަރިވަރުން ސްކޫލްތަކަށް ގެންދާއިރު ގޭތެރޭގެ މާހައުލާއި ބޭރުތެރެވެސް އެގޮތަށް ތައްޔާރުވާން ޖެހެއެވެ. ދަރިވަރުންނާ މުއާމަލާތްކުރަންޖެހޭ އެންމެންވެސް ފަރުވާތެރިވެ، ރައްކާތެރިކަން އިސްކުރަން ޖެހެއެވެ.

އެހެން ނޫނީ ސްކޫލަށް ގެންދާ ގްރޭޑްތައް އިތުރުކުރުމުގެ ބަލުގައި ސްކޫލްތައް އަނެއްކާވެސް ބަންދުކުރަން ޖެހިދާނެއެވެ. އެއީ ދަރިވަރުންނަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ. އަހަރެމެންގެ ޅަޖީލުގެ ކުރިމަގަށް އެޅޭނެ ބޮޑު ހުރަހެކެވެ. އެކަން އެގޮތަށް ވިޔަ ނުދިނުމުގެ ހުރިހާ ބާރެއް އޮތީ ހަމަ އަހަރެމެންގެ އަތްމަތީގައެވެ!

އެޑިޓަރުގެ ނޯޓު:

މިއީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ދިވެހި މީޑިއާއިން އިސް ނަގައިގެން ކުރިޔަށް ގެންދާ ގައުމީ ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓެކެވެ.