ސްމާރޓް ޓްރެވަލް އޭޝިއާއިން ފުރަތަމަ ފަހަރަށް ކުރިއަށް ގެންދިޔަ "ބެސްޓް އޮފް ދަ ޑިކޭޑް އެވޯޑްސް" އިން އެންމެ ރޮމޭންޓިކް މަންޒިލްގެ އެވޯޑް ދިވެހިރާއްޖެ އަށް ލިބިއްޖެ އެވެ.

ސްމާރޓް ޓްރެވަލް އޭޝިއާ ގެ "ބެސްޓް އިން ޓްރެވަލް ޕޯލް" އަކީ 2005 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި މާކެޓް ރިސާރޗްގެ މަސައްކަތް ކުރުމަށްފަހު ދެވޭ އެވޯޑެކެވެ. މި ޕޯލް އަކީ މިނިވަންކަމާއި އިންސާފުވެރިކަމާއެކީ އެއާލައިންތަކާއި އެއާޕޯޓްތަކާއި ފަތުރުވެރިންގެ އެކި މަންޒިލްތަކުގެ އިތުރުން ހޮޓަލްތައް ވެސް ހިމަނައިގެން ކުރިއަށްގެންދާ ޕޯލެއް ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނީ ކޯވިޑް-19 އާއިއެކު ފަތުރުވެރިންގެ ދަތުރުތައް މަޑުޖެހުމުގެ ސަބަބުން ސްމާރޓް ޓްރެވަލް އޭޝިއާއިން ނިންމީ އެހެން އަހަރުތަކާއި ހިލާފަށް މިފަހަރުގެ އެވޯޑުތައް ތަފާތު ގޮތަކަށް ދިނުމަށް ކަމަށެވެ. އެގޮތުން 2010-2019 ގެ އަހަރުތަކުގައި ހިންގުނު ޕޯލްތަކުގެ ތެރެއިން މާކްސް އާއި ރޭންކިން އަށް ބެލުމުގެ އިތުރުން ކިޔުންތެރިންގެ ކޮމެންޓްތަކާއި ފޯކަސް ގްރޫޕްތަކުގެ ހިޔާލާއި އަދި ނޫސްވެރިންގެ ހިޔާލު ވަނީ މި އަހަރުގެ އެވޯޑު ދިނުމުގައި ބަލާފަ ކަމަށް އެމްއެމްޕީއާރްސީން މައުލޫމާތުދެއެވެ. މީގެ ސަބަބުން އިތުރު ކެޓަގަރީތަކެއް ވަނީ އުފެދިފައިވާ ކަމަށާ އެގޮތުން ރޮމޭންސް، އެޑްވެންޗަރ، ރޫމްސް، ހޮޓެލްސް އަދި ކޮމެންޑޭޝަން ލިސްޓަކީ މުޅިން އަލަށް މި އެވޯޑަ ށް އިތުރުރުކުރެވުނު ކެޓަގަރީތަކެއް ކަމަށްވެސް އެމްއެމްޕީއާރްސީން މައުލޫމާތުދެއެވެ.

އެމްއެމްޕީއާރްސީން ބުނީ ކުރީ އަހަރުތަކުގައި ބައެއް ކެޓަގަރީތަކުން 25 ފަރާތް ހޮވާފައިވާއިރު މިފަހަރު ވަނީ ލިސްޓް ކުރު ކުރެވި ބައެއް ކެޓަގަރީތަކުން އެންމެ ގިނަވެގެން 10 ފަރާތް ހޮވާފަ އެވެ. މިއީ އޭޖް ކެޓަގަރީ އަދި ދަތުރުކުރުމުގައި އަންނަ ބަދަލުތަކުގެ އިތުރުން ހޮޓަލް ތަކުން މިހާރު ފޯރުކޮށްދޭ ހިދުމަތްތަކަށް ބަލައިގެން ގެނެވުނު ބަދަލުތަކެއް ކަމަށެވެ. މޯސްޓް ރޮމޭންޓިކް އެސްކޭޕް އެވޯޑްގެ އިތުރުން ވެސް ދިވެހިރާއްޖެ ވަނީ އެހެން އެވޯޑްތަކެއް ހާސިލް ކޮށްފަ އެވެ.

މި އެވޯޑް ތަކަކީ:

• ބެސްޓް ސްޕާ ހޮޓެލްސް އިން 3 ވަނަ - ކޮންރެޑް މޯލްޑިވްސް، ރަންގަލި އައިލެންޑް

• ބެސްޓް ލަގްޒަރީ ހޮޓެލްސް (އޭޝިއާ) އިން 4 ވަނަ – ޗެވަލް ބްލެންކް ރަންދެލި، މޯލްޑިވްސް

• ޓޮޕް ރޫމްސް ވިތް އަ ވިއު އިން 4 ވަނަ – ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި

• ބެސްޓް ނިއު ހޮޓެލްސް (2017-2019 ) އިން 9 ވަނަ - ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި މޯލްޑިވްސް

މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީއާރް.ސީ)ގެ މެނޭޖިންގް ޑިރެކްޓަރ ޠައްޔިބް މުޙައްމަދު ވަނީ ދިވެހިރާއްޖެއިން މި އެވޯޑުތަަައް ހާސިލްކުރި ހުރިހާ ފަރާތްތަކަށް މަރުހަބާ ކިޔާފަ އެވެ. ޠައްޔިބް ވިދާޅުވީ މުޅި ދުނިޔޭގައި ވެސް ގުދުރަތީ ގޮތުން އެންމެ ރީތި އަދި އެންމެ ރޮމޭންޓިކް އެއް މަންޒިލްގެ ގޮތުގައި ދިވެހިރާއްޖެ ހިމެނި މިފަދަ އެވޯޑެއް ލިބުމަކީ ވަރަށްވެސް ބޮޑު އުފަލެއް ކަމަށެވެ. ސަބަބަކީ، މި އެވޯޑަކީ ސީދާ ފަތުރުވެރިންނާއި ކިޔުންތެރިންގެ ފަރާތުން ލިބުނު އެވޯޑެއް ކަމަށް ވުމުން ކަމަށާ މި އެވޯޑްގެ ސަބަބުން ހަނީމޫނަށް އަންނަ ފަތުރުވެރިންގެ މެދުގައި ދިވެހިރާއްޖެ މި ސަރަހައްދުގައި އިތުރަށް މަޝްހޫރުވެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ދިވެހިރާއްޖެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ބެލެވި، ރާއްޖޭގެ ހައިބަތު އުފުލޭނެ ކަމަށް ޠައްޔިބް ވިދާޅުވިއެވެ.

ސްމާރޓް ޓްރެވަލް އޭޝިއާ އަކީ ސަރަހައްދުގެ ހޮޓެލްތައް ރިވިއުކޮށް، އެއާލައިން ސީޓް ސާވޭގެ އިތުރުން ވިޔަފާރިތަކާއި ސްޕާތައް ރިވިއުކުރާ ފަރާތެކެވެ. ސްމާރޓް ޓްރެވަލް އޭޝިއާގެ ކިޔުންތެރިންގެ އޯޑިއަންސްގެ ގޮތުގައި 5.1 މިލިއަން ފަރާތް ހިމެނޭ އިރު މި ކިޔުންތެރިން އެވްރެޖްކޮށް އަހަރެއްގެ ތެރޭގައި 14 ދަތުރު ކުރެއެވެ.