އަބުރުގެ ގާނޫނު މަޖިލީހުން ފާސްވެގެން އަންނައިރު އެ ގާނޫނުގައި މީގެކުރިން ހުރި ތޫނުކަން ހުރެއްޖެނަމަ ދުސްތޫރީ އުސޫލުގެ ތެރެއިން ޝަރުއީ މަރުހަލާތަކަށް ހުށަހަޅާނެ ކަމަށް މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެއެވެ.

އަބުރުގެ ގާނޫނަކީ މީޑއާއަށް ނުފޫޒު ފޯރުވުމުގެ މަގްސަދުގައި ކުރީ ސަރުކާރުން ފާސްކުރި ގާނޫނެއްގެ ގޮތުގައި ބައެއް މީޑިއާތަކުން ސިފަކުރަމުންދާ މިދަނޑިވަޅުގައި ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނިޝާން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން އަބުރުގެ ގާނޫނު އަލުން ފާސްވެގެން އައުމުން އެ ގާނޫނު އަލުން ދިރާސާ ކުރައްވާނެ ކަމަށެވެ.

އެގޮތުން މީގެކުރިން ވަކާލާތުކުރި ކަންތައްތަކާ އަރާރުންވާކަހަލަ ކަންތައްތަކާއި އެ ގާނޫނުގައި ހުރި ތޫނުކަމާއި އިންސާނާއަށް ކެތްނުވާވަރަށް ގޯސް ކަންތައްތަކެއް ހުރެއްޖެނަމަ ގާނޫނުއަސާސީއާއި އަޅާ ކިޔުމަށްފަހު ދުސްތޫރީ ހަމަތަކުގެ ތެރެއިން ހައްލު ހޯދައިދިނުމަށްޓަކައި ރާއްޖޭގެ ޝަރުއީ މަރުހަލާތަކަށް ހުށަހަޅާނެ ކަމަށެވެ.

"ގާނޫނުއަސާސީގައި ހުރި މަބްދަޢުތަކާ ތަޢާރުޒުވާ ގޮތަކަށް އަބުރުގެ ގާނޫނު އޮވެއްޖެކަމަށްވާނަަމަ އެކަން ހައްލުކުރުމަށް ގެންނާނަން. ގާނޫނީ އިމުގެ ތެރެއިން އެކަމަށް ފަރުވާ ހޯދަދޭނަން. ކުރިމަގުގައިވެސް ބްރޯޑްކާސްޓް ކުރުމާއި ޓެލެކާސްޓް ކުރުމުގައި އަބުރުގެ ގާނޫނަށް ވިސްނައިގެން ބްރޯޑްކާސްޓް ކުރުމުން ރަނގަޅު ނަތީޖާ ފެންނާނެ. އަދި އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެންގެ ކައިރީގައި އިދިކޮޅުގައި ތިބެގެން މިހާރުގެ ސަރުކާރުން ދެއްކި ވާހަކަތަކަށް ރިޢާޔަތް ކުރާއިރު އަޅުގަނޑު ގަބޫލެއްނުކުރަމޭ ކުރީގަ އޮތް ތޫނުގޮތަކަށް ދެމިޔަލާފަ އޮތް ހަންޖަރެއްގެ ގޮތުގައި މިގާނޫނު އަންނާނެ ކަމަކަށް."
ގާނޫނީވަކީލު ނިޝާން

އަލަށް ފާސްވެގެން އަންނަ އަބުރުގެ ގާނޫނަކީ މީޑިއާއަށް ލުއި، ކަންކަން ކުރެވޭ ނިޒާމެއްގެ ތެރެއިން ރަނގަޅު ހެޔޮލަފާ ގާނޫނެއް ޑްރާޕްޓްވެގެން އައުން ކަމަށާއި އަބުރުގެ ގާނޫނަކީ ރާއްޖޭގެ ރައްޔިތުންނަށް ދެއްކޭ ރީތި ގާނޫނަކަށްވުމަކީ ކުރައްވާ އުންމީދެއް ކަމަށް ނިޝާން ވިދާޅުވިއެވެ.

އަބުރުގެ ގާނޫނަކީ ޖިނާއީ ދައުވާ ކުރެވޭގޮތަށް އޮންނަންޖެހޭ ގާނޫނެއްގެ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގަބޫލުފުޅު ނުކުރައްވާކަން އެމަނިކުފާނުގެ އަމަލުފުޅުންވެސް މީގެކުރިން ވަނީ ހާމަވެފައި ކަމަށާއި އެހެންކަމުން އަލަށް ފާސްވެގެން އަންނަ އަބުރުގެ ގާނޫނަކީ އަނިޔާވެރިނޫން ގާނޫނެއްގެ ގޮތުގައި އޮންނާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށްވެސް ވަކީލު ނިޝާން ވިދާޅުވިއެވެ.

އަބުރުގެ ގާނޫނަކީ އޮންނަންޖެހޭ ގާނޫނެއް ކަމަށާއި އިންސާނެއްގެ އަބުރަށްވުރެ ހިމާޔަތްލިބިގެންވާ އެއްޗެއް އޭގެ ޒާތުގައި އޮންނާނެ ކަމަކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށާއި ނަމަވެސް ހިތާމައަކީ ގާނޫގައި ހުންނަ ގޯސް ކަންތައްތައް ޖަޒުބާތީ އަދި ފަނާކުރަނިވި ވިސްނުންތަކުގައި ބޭނުންކުރުމުގެ ނަތީޖާއަކީ ގާނޫނުގެ އަސްލު މަގްސަދު ހާސިލްކުރުމުގައި ދަތިތަކަކާއި ކުރިމަތިލާން ޖެހުން ކަމަށް ނިޝާން ވިދާޅުވިއެވެ.

"އަބުރަކީ ތަބީޢީގޮތުން އަދި ފިތުރީގޮތުން އިންސާނާއަށް އަމާޒުކުރާ އެއްޗެއް. އެހެންނަމަވެސް ނިމިގެންދިޔަ ތަނުގަ އަޅުގަނޑުމެންނަށް ފެނުނީ މީޑިއާތަކަށް ޚާއްސަކޮށްގެން މަސައްކަތްތަކެއް ކުރިތަން. ހިޔާލުފާޅުކުރުމާއި އަބުރު ރައްކާތެރި ކުރުމުގެ މިނިވަންކަމަށް ގެނައީ ގާނޫނެއް. އެހެންކަމުން ހިޔާލުފާޅުކުރުމާ އަބުރާ އެއްކޮށްލީ."
ވަކީލު ނިޝާން

އަބުރުގެ މައްސަލަތަކަކުގައި މަދަނީ ދައުވާ ކުރެވޭގޮތަށް ގާނޫނު އޮތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވަމުން ނިޝާން ވިދާޅުވީ، ޖިނާއީ ކަންކަން ހިމެނޭ ކަމެއް އޮތްނަމަ ޑިފޮރމޭޝަން އެކްޓްގެ ތެރެއަށް ވެއްދުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ނުދެކޭ ކަމަށެވެ.

ރާއްޖޭގައި ޖިނާއީ މައްސަލަތަކުގެ ވަރަށް ޚާއްސަ ގާނޫނުތަކެއް ހެދިފައި އެބަހުރި ކަމަށާއި އެހެންކަމުން އެފަދަ މުހިންމު ގާނޫނެއް ހެދިފައި އޮތްވާ މަދަނީ ގާނޫނެއްގެ ތެރެއަށް ޖިނާއީ ކުށެއް ވެއްދުމުގެ ބޭނުމެއް ނުފެންނަ ކަމަށްވެސް ނިޝާން ވިދާޅުވިއެވެ.

އަބުރުގެ ގާނޫނަކީ މަދަނީ ގާނޫނެއްގެ ގޮތުގައި ގެނެސް ޖިނާއީކަމެއް ހުރިކަމެއްވާނަމަ އެގާނޫނެއް ގާނޫނުލްއުގޫބާތުގެ ތެރެއަށް ގެނެސް އެކަމަކާ ގުޅުންހުރި ގާނޫނަކުން ފަރުވާ ހޯދޭނޭ ކަމެއް ކަމަށްވެސް ނިޝާން ވިދާޅުވިއެވެ.

އަބުރާބެހުމުގެ މައްސަލަތަކަކީ މަދަނީ ކުށެއްގެ ގޮތުގައި ގާނޫނުގައި ހިމެނުމަށްފަހު ރީތި ގާނޫނެއްގެ ގޮތުގައި އެ ގާނޫނު ވުޖޫދުވުމަކީ ކުރައްވާ އުންމީދެއް ކަމަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވިދާޅުވިއެވެ.