ވިލާ ކޮލެޖުގެ 2021 ވަނަ އަހަރު ޖެނުއަރީ އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ވިލާ ކޮލެޖުގެ 2021 ވަނަ އަހަރުގެ ޖެނުއަރީ އިންޓޭކު ފެށުމަށް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ވިލާ ކޮލެޖުން ބުނީ، އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކަށް އެކި ދާއިރާއަކުން 102 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި ދާއިރާތަކުގެ ތެރޭގައި އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ޓީޗިންގ، އެޑިއުކޭޝަން، ޝަރީޢާ، ލޯ، އިސްލާމް، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، ބިޒްނަސް މެނޭޖްމަންޓް، އިކޮނޮމިކްސް، އެކައުންޓިންގ އެންޑް ފައިނޭންސް، ބޭންކިންގ އެންޑް ފައިނޭންސް، މާކެޓިންގ، ހިއުމަން ރިސޯސް، އިންޖިނިއަރިންގ، ރިސާރޗް، ނަރސިންގ، ސައިކޮލޮޖީ، ޕަބްލިކް ހެލްތް އަދި މެރިން ސްޓަޑީސް ހިމެނޭކަމަށް ވިލާ ކޮލެޖުން މައުލޫމާތު ދެއެވެ.

ވިލާ ކޮލެޖުން ބުނީ ޖެނުއަރީ އިންޓޭކްގައި މާސްޓަރސް ފެންވަރުގެ 14 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ސެޓްފިކެޓް ފެންވަރުގެ 6 ކޯހަކާއި، ޑިގްރީ ފެންވަރުގެ 27 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 21 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 14 ކޯހަކާއި އަދި ސެޓްފިކެޓް 3 ފެންވަރުގެ 11 ކޯހަކާއި ސެޓްފިކެޓް ލެވެލް 2 ގެ 2 ކޯހުގެ އިތުރުން ސެޓްފިކެޓް ލެވެލް 1 ގެ 1 ކޯސް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހަމަ އެއާއެކު، އޭސީސީއޭގެ ނޮލެޖް ލެވެލް، ސްކިލް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލްގެ އިތުރުން، އޭސީސީއޭ ކިޔަވާ ދަރިވަރުންނަށް ޚާއްސަ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރުކްސް ޔުނިވަރސިޓީގެ ބީއެސްސީން އެޕްލައިޑް އެކައުންޓިންގ ކޯހަށް ވަނުމުގެ ފުރުސަތުވެސް ކުރިއަށް އޮތް ޖެނުއަރީ އިންޓޭކަށް ހުޅުވާލާފައިވާކަމަށް ވިލާ ކޮލެޖުން ބުނެއެވެ.

ވިލާ ކޮލެޖުން ބުނީ ޖެނުއަރީ އިންޓޭކުގައި ހުޅުވާލެވޭ ކޯސްތަކުގެ ތެރެއިން 79 ކޯހަކީ އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު އޮތް ކޯސްތަކެއް ކަމަށެވެ.

ޖެނުއަރީ 2021 އަށް ހުޅުވާލެވުނު ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އެއް ކަމަށްވާ، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ މާސްޓަރސް އަދި ބެޗެލަރސް ޑިގްރީ ކޯސްތައް ހިމެނޭނެ ކަމަށް ވިލާ ކޮލެޖުން ބުނެއެވެ.

މި ކޯސްތަކަކީ ކޮންމެ ކޯހެއްގެވެސް ދާއިރާގެ ޕްރޮފެޝަނަލް ބޮޑީތަކާއި އިންޑަސްޓްރީތައް ޤަބޫލުކުރާ މިންގަނޑުތަކަށް ފެތޭ، ދަރިވަރުން ވަޒީފާގެ މައިދާނަށް އެންމެ ފުރިހަމައަށް ތައްޔާރުކޮށް ދެވޭނެގޮތަށް ފަރުމާކުރެވިގެން ހިންގޭ ކޯސްތަކެއް ކަމަށްވެސް ވިލާ ކޮލެޖުން ބުނެއެވެ.

ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކިއު.އައި. ކެމްޕަހުގެ އިތުރުން ވިލާ ކޮލެޖު އަތޮޅުތެރޭގެ ކެމްޕަސްތަކުގައިވެސް މިކޯސްތައް ފެށުމަށްވަނީ ހަމަޖެހިފައެވެ.

ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް ފޯމް ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީޚަކީ 19 ޑިސެމްބަރ 2020 އެވެ. ކޯސްތަކުގެ ކިޔެވުން، ޖެނުއަރީ މަހުގެ 3 ވަނަ ހަފްތާ ތެރޭގައި ފަށަން ވަނީ ނިންމާފައެވެ.

ވިލާ ކޮލެޖުން އިތުރަށް ބުނީ އެ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ދަރިވަރުންނަށް މަންތްލީ އިންސްޓޯލްމަންޓަށް ފީ ދެއްކޭނެ އިންތިޒާމްވެސް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ބެޗެލަރސް ޑިގްރީ ޕްރޮގްރާމެއް ކިޔެވުމުގެ ފުރުސަތުވެސް ހުޅުވާލެވިފައިވާކަމަށް ވިލާ ކޮލެޖުން ބުނެއެވެ.