ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ބޭންކް އެކައުންޓްތައް ފްރީޒް ކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ސުޕްރީމް ކޯޓުންވެސް ތާއީދު ކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައަޅާފައިވަނީ، ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފައިވާ މައްސަލާގައި ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހެޅި ގަޒިއްޔާ ބެލުމަށްފަހު މީގެ ކުޑަ އިރުކޮޅެއް ކުރިން ކުރި ހުކުމުގައެވެ.

އެމްއެމްޕީއާރްސީ ޚިޔާނާތާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާތަކެއް ރައީސް ޔާމީންގެ ބޭންކް އެކައުންޓުގައި ހުރިކަމަށް ބުނެ ކްރިމިނަލް ކޯޓުން ޔާމީންގެ އެކައުންޓް ފްރީޒްކުރަން ކުރި ހުކުމް ހައިކޯޓުން ބާތިލްކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗްމަހުގެ ތެރޭގައެވެ.

މިމައްސަލަ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުންގެ މައްޗަށް ހިމެނޭ ބެންޗަކުން މައްސަލަ ބެލުމަށްފަހު ކުރި ހުކުމުގައި ބުނެފައިވަނީ، މޯލްޑިވްސް އިސްލާމިކް ބޭންކްގައި ރައީސް ޔާމީންގެ އަމިއްލަފުޅު ނަމުގައި ހުޅުވާފައިވާ އެކައުންޓުތަކެއް ފްރީޒްކުރަން ފުލުހުންގެ ފަރާތުން ހުށަހެޅިއިރު، އެ އެކައުންޓްތަކުގައި ހުރި ފައިސާއާއި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުމެއް އޮތްކަން ފާހަގަކުރެވިފައި ނުވާކަމަށެވެ.

ފަނޑިޔާރުންގެ ބެންޗްގައި ތިއްބެވި 3 ފަނޑިޔާރުންނަކީ، ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު އާއިޝާ ޝުޖޫން މުހަންމަދެވެ.

މައްސަލައިގެ ހުކުމުގައި ބުނެފައިވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ތަހުގީގާ ގުޅިގެން ކޯޓު އަމުރެއް ހޯދުމަށް 13 ޑިސެމްބަރު 2018 ގައި ކްރިމިނަލް ކޯޓަށް ހުށަޅާފައިވާ ފޯމާއެކު ހުށަހަޅާފައިވާ ލިޔުމުން، ފްރީޒްކުރުމުގެ އަމުރަކަށް އެދި ހުށަހެޅި ތަހްގީގުގެ ފޯކަސްއަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެސްކްރޯ އެކައުންޓަކަށް 10 ޖޫން 2018 ގައި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަމިއްލަ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކުން ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރުގެ މުއާމަލާތެއްކަން ސާފުކޮށް އެނގޭ ކަމަށެވެ.

ނަމަވެސް، ސުވާލު އުފެދިފައިވާ ފައިސާ ޖަމާކުރެވުނު އެސްކްރޯ އެކައުންޓް ފްރީޒްކުރުމުގެ އަމުރަކަށް އެދުމުގެ ބަދަލުގައި، މޯލްޑިވްސް އިސްލާމިކް ބޭންކްގައި އާބްދުﷲ ޔާމީން ހުޅުވާފައިވާ 8 އެކައުންޓް ފްރީޒްކުރަން ހުށަހެޅިއިރު، އެ 8 އެކައުންޓުގައިވާ ފައިސާއާއި، އެސްކްރޯ އެކައުންޓަށް ޖަމާކުރި ފައިސާގެ މުއާމަލާތް ގުޅެނީ ކިނިހެއްކަމެއް އަދި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާއާއި، އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ 8 އެކައުންޓުގައިވާ ފައިސާއާ ގުޅުން އޮތްކަން ނުވަތަ ނޫންކަން ހައިކޯޓުގައި ފުލުހުންގެ ފަރާތުން ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ދައްކާފައިވާ ވާހަކަތަކުގައި ބަޔާންކޮށްފައި ނުވާކަމަށް ހުކުމުގައި ވެއެވެ.

އެހެންކަމުން، މޯލްޑިވްސް އިސްލާމިކް ބޭންކްގައިވާ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓުތައް ފްރީޒްކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ގާނޫނާ އެއްގޮތަށް ނެރެފައިވާ އަމުރެއްކަމަށް ނުފެންނަ ކަމަށް 3 ފަނޑިޔާރުން އިއްތިފާގުވެފައި ވެއެވެ.