ޝައިޚް މިޝާލް އަލްއަހްމަދު އަލްޖާބިރު އައްސަބާހް، ކުވައިތުގެ ވަލީއަހުދުގެ މަގާމުގެ ހުވާ ކުރައްވައިފިއެވެ.

ޝައިޚް މިޝާލް، ކުވައިތުގެ ވަލީއަހުދުގެ މަގާމުގެ ހުވާ ކުރެއްވީ، ވަލީއަހުދުގެ މަގާމަށް އޭނާ އައްޔަން ކުރަން ކުވައިތުގެ ޕާލަމެންޓުން މިއަދު ފާސްކުރުމާ ގުޅިގެންނެވެ. ޝައިޚް މިޝާލްގެ ނަންފުޅު ފާސްކޮށްފައިވަނީ ޕާލަމެންޓުގެ އިއްތިފާގުންނެވެ.

ކުވައިތުގެ އަމީރު ޝައިޚް ނަވާފް އަލްއަހްމަދު އައްސަބާހް، ކުވައިތުގެ އައު ވަލީއަހުދުގެ މަގާމަށް ޝައިޚް މިޝާލް އަލްއަހްމަދު އަލްޖާބިރު އައްސަބާހްގެ ނަންފުޅު ހުށަހެޅުއްވީ އިއްޔެއެވެ.

މިކަމާ ގުޅިގެން މިއަދު ބޭއްވި ޕާލަމެންޓް ޖަލްސާއިން ޝައިޚް މިޝާލް އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ފާސްކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޝައިޚް މިޝާލްވަނީ ޕާލަމެންޓަށް ވަޑައިގެންފައެވެ.

ޝައިޚް މިޝާލް، ކުވައިތުގެ އައު ވަލީއަހުދުގެ މަގާމުގެ ހުވާ ކުރެއްވީ، ކުވައިތުގެ އަމީރު ޝައިޚް ނަވާފް އަލްއަހްމަދު އައްސަބާހްގެ ކުރިފުޅުމަތީގައެވެ.

އައު ވަލީއަހުދުގެ މަގާމުގެ ހުވާ ކުރެއްވުމަށްފަހު ޓީވީ މެދުވެރިކޮށް ގައުމާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޝައިޚް މިޝާލްވަނީ، ބައިބައިވުންތައް އެއްފަރާތްކޮށް އެއްބައިވަންތަވުމަށް ކުވައިތުގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ. ބައިބައިވުންތައް ނައްތާލުމަށް ކުރެއްވެންހުރި ހުރިހާކަމެއް ކުރައްވާނޭ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ސަރަހައްދާއި، ބައިނަލްއަގްވާމީ މުޖުތަމައުގެ ހަމަޖެހުމާއި، ސުލްހައަށް ކުވައިތުން ކުރަމުންއައި މަސައްކަތްތަކާއި ޒިންމާތައް އަދާކުރުންމަތީ ކުވައިތު ދެމިއޮންނާނޭ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.

ކުވައިތުގެ އައު ވަލީއަހުދު ޝައިޚް މިޝާލް އަލްއަހްމަދު އަލްޖާބިރު އައްސަބާހް:

ކުވައިތުގެ އަމީރުކަމުގައި ހުންނެވި ޝައިޚް ސަބާހުލްއަހްމަދު އަލް ޖާބިރު އައްސަބާހް އަވަހާރަވީ މިދިޔަ ހަފްތާ ތެރޭގައެވެ.

އައު އަމީރުގެ މަގާމަށް، އުމުރުފުޅުން 83 އަހަރުގެ ޝައިޚް ނަވާފް އަލް ސަބާހުލްއަހްމަދު އަލްޖާބިރު އައްސަބާހް އައްޔަން ކުރެވުނީ މިދިޔަ ހަފްތާގެ ބުދަދުދުވަހުއެވެ.

ވަލީއަހުދުގެ މަގާމަށް މިއަދު އައްޔަން ކުރެވުނު ޝައިޚް މިޝާލްއަކީ، އަވަހާރަވި އަމީރުގެ އެންމެ ހަގު ކޮއްކޯފުޅެވެ.

ކުވައިތު ނޭޝަނަލް ގާރޑުގެ ނާއިބުގެ މަގާމުގައި ހުންނެވި ޝައިޚް މިޝާލްއަކީ އިނގިރޭސިވިލާތުގެ ހެންޑަން ޕޮލިސް ކޮލެޖްގެ ގުރެޖުއޭޓެކެވެ.

އޭނާއަށް މީގެކުރިން ސަރުކާރުގެ އިސް އެތައް މަގާމުތަކެއް ހުށަހެޅުނު ކަމަށާއި، ނަމަވެސް އެއިން އެއްވެސް މަގާމެއް ގަބޫލުފުޅު ކުރައްވާފައި ނުވާ ކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ވަލީއަހުދުގެ މަގާމަށް އަތުވެދާނެ ކަމަށް ބެލެވުނު ޝާހީ އާއިލާގެ ބޭފުޅުންގެ ތެރެއިން ޝައިޚް މިޝާލްއަކީ ފަސްބައިގައި އެއްވެސް ކިލަނބުކަމެއްނެތް، މައްސަލަތަކެއްގެ ތުހުމަތުތަކެއް ނެތް ހަމައެކަނި ބޭފުޅާ ކަމަށް މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.