އެމްޑީޕީއަށް ނިސްބަތްވާ ވަޒީރެއް އަދި މެމްބަރެއްގެވެސް މައްސަލަ އަބަދުވެސް ބަލަމުންދަނީ އެ ޕާޓީގެ އެތެރެއިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް ވަޒީރެއްގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ވެއްދޭނީ 10 މެމްބަރުން ސޮއިކޮށްގެން ހުށަހަޅައިގެން ކަމަށާއި އެމްޑީޕީގެ މެމްބަރުން އަދި ވަޒީރު ބޭފުޅުންނާއި ގުޅޭ މައްސަލަތަކަށް ޕާޓީގެ އެތެރޭގައި އަބަދުވެސް މަޝްވަރާކުރާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނަކީ އެކަކު އަނެކަކުގެ ގާތުގައި ކަންކަން ހުއްޓާލުމަށާއި އަދި ކަންކަން ފެއްޓުމަށް ބުނަންޖެހޭ ދެ މީހުން ނޫން ކަމަށާއި ކުރާ ކޮންމެ ކަމެއް ވަރަށް ސާފުކޮށް އެނގިތިބެ މަސައްކަތްކުރާ ދެ މީހުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީ އުފެދިގެން އައީ އަނިޔާއިން ރައްޔިތުން ސަލާމަތް ކުރަންކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން އަބަދުވެސް މަސައްކަތްކުރަނީ ޖަލުތަކުގައި ދެވޭ އަނިޔާތައް ހުއްޓުވުމަށާއި ކޮރަޕްޝަނާ ދެކޮޅަށް ކަމަށެވެ.

ޕާޓީގެ ނަޒަރުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަަށް ކަންތައްތައްވާން ފެށީމަ ޕާޓީން އެކަންކަމާ ދެކޮޅަށް އަޑުއުފުލާނެ. ރައްޔިތުންގެ މަޖީލީހަށް އެއްވެސް ބޭފުޅެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމަކަށް އެއްވެސް ބޭފުޅަކު ސޮއިކުރައްވާފަނުވޭ. އެމްޑީޕީގެ އެތެރޭގެ މަސައްކަތްތަކެއް ކުރިއަށް އެބަދޭ."
ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

އިންޑިއާ އަދި ޗައިނާގެ ލޯނުގެ ވާހަކަތަކަށް އަލިއަޅުއްވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދަރަނީގެ ދަންތުރައަކަށް ވަނީ ނަގާ ފައިސާއިން ކުރާ ކަންތަކުން އަނބުރާ އެ ފައިސާ ދެއްކޭނެ އިގްތިސާދީ ހަރަކާތް ނެރެވޭން ނުފެށުން ކަމަށެވެ. އިންޑިއާއިން ނެގި ލޯނާއި ޗައިނާ އިން ނެގި ލޯނުގައި ވަރަށް ބޮޑު ތަފާތުތަކެއް އެބަހުރި ކަމަށާއި އެގޮތުން އިންޑިއާއިން ނަގާ ލޯނު ޓެންޑަރ ކުރަނީ ޓެންޑަރ ބޯޑުންކަމަށާއި ސަރުކާރުން އެކަންތައްތައް ކުރަނީ އިތުރު ހުރަހެއް ނާންނަ ގޮތައް ދެފުށް ފެންނަ ގޮތަކަށް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އިންޑިއާ އައުޓް"ގެ ނަމުގައި މީސްމީޑިއާގައި ހިންގާ ކެމްޕޭނަކީ ދިވެހިން އަޑީގައި ތިބެގެން ހިންގާ ކެމްޕެއިނެއް ނޫން ކަމަށާއި މި މަސައްކަތުގެ އަޑީގައި ތިބީ ހަރުކަށި ޖަމާއަތްތަކަށް ނިސްބަތްވާ ބަޔަކު ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެ މަސައްކަތަުގެ ތެރެއަށް އެއްވެސް ސިޔާސީ ޕާޓީއެއް ވަދެދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަން. އަދި އަޅުގަނޑު ނުދެކެން އެ މަސައްކަތުގައި ސަރުކާރު ހިމެނޭ ޕާޓީތަކަކުން ވަންނާނެ ކަމަކަށް. އުންމީދުކުރަނީ މިބާވަތުގެ ކަންކަމަކީ ހުރިހާ ސިޔާސީ ޕާޓީތަކަށް އެއްބަސްވެވެންޖެހޭނެ ކަމެއްގެ ގޮތުގަ."
ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރާއްޖޭގެ އިސްތިގުލާލު ގެއްލިގެންދާނެ ބާވަތުގެ ކަންކަމަށް އެއްވެސް ޕާޓީއަކުން ބާރުދީގެން ނުވާނެ ކަމަށާއި ހަރުކަށި ޖަމާއަތްތަކަށް ތާއީދުކުރާނަމަ އަދި އެ ޖަމާއަތްތަކުން ގޮވާ ގޮވެލިތަކަށް ތާއީދުކުރާނަމަ ޖަމާއަތްތަކަށް އެދެވެނީ ވަރަށް ބޮޑު ފުރުސަތެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.