އިންޑިއާއި ދެކޮޅަށް ހިންގާ ހަރަކާތުގެ ދިދައަކަށް އައިސިސްގެ ކަޅު ދިދަ ބޭނުން ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވަނީ އިންޑިއާއި ދެކޮޅަށް ހިންގާ ހަރަކާތުގެ ދިދައަކަށް އައިސިސްގެ ކަޅު ދިދަ ބޭނުން ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެ ދިދައިގައި މިހާރު އެވާ ލިޔުން އައިސިސް ދިދައިގެ ލިޔުމަށް ބަދަލުކުރުމަށް ރޭވުމަކީ މި ބާވަތުގެ މުއާމަލާތުގެ އާއްމު އުކުޅެއް ކަމަށް މާހިރުން ދެކޭ ކަމަށެވެ.

އަދި ދިވެހިން މިކަމަށް ވިސްނުމަށްވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެ ޓްވީޓު ކުރައްވާފައިވާއިރު އެމަނިކުފާނު ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބަައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ "އިންޑިއާ އައުޓް"ގެ ނަމުގައި މީސްމީޑިއާގައި ހިންގާ ކެމްޕޭނަކީ ދިވެހިން އަޑީގައި ތިބެގެން ހިންގާ ކެމްޕެއިނެއް ނޫން ކަމަށާއި މި މަސައްކަތުގެ އަޑީގައި ތިބީ ހަރުކަށި ޖަމާއަތްތަކަށް ނިސްބަތްވާ ބަޔަކު ކަމަށެވެ.

އަދި މި ކެމްޕެއިނަކީ އެ ޖަމާއަތުން ރާވާ ހިންގާ ކެމްޕެއިނެއް ކަމަށާއި ޒުވާނުންގެ ތެރެއިން 250 ހަށްވުރެ ގިނަ ޒުވާނުން މީގެ ކުރިން އައިސިސް އާއި ގުޅިގެން ހަނގުރާމަކުރުމަށް ދިޔަ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެ ޒުވާނުން ރެކްރޫޓް ކޮށްފައިވަނީވެސް ހަމަ އެހެން ޒުވާނުން. ވިސްނަވާލައްވާ އެއީ ކިހިނެތް ހިނގާދިޔަ ކަމެއްތޯ. ހަނގުރާމައަށް ދިޔަ ޒުވާނުންނާއި ރާއްޖޭގެ އިސްތިގުލާލަކާއި އެއްވެސް ގުޅުމެއް ނުވޭ. ދިވެހިރާއްޖޭގައި މަނާ ކަމެއް ކުރަން މަރު އަތަށްލައިގެން އެހެން ގައުމަކަށް ހަނގުރާމައަށް."
ރައީސް ނަޝީދު

ތަރައްގީވެފައިވާ ގިނަ ގައުމުތަކުގައި ކޮންމެވެސް އެހެން ގައުމެއްގެ އަސްކަރިއްޔާއިން ތިބޭނެ ކަމަށާއި މި ދުނިޔެއަކީ ލާމެހިފައިވާ ދުނިޔެއެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. މި ދުނިޔޭގައި ހިނގާ ކަންކަން އިންސާފުވެރިކަމާއެކީގައި ހަމަޖެހޭ ގޮތަކަށް ހައްލުކުރުމަށްޓަކައި އޭގައި އެތަށް ގައުމެއް ބައިވާންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ސަރުކާރުން މިސްރާބު ބަހައްޓާފައިވަނީ އިންޑިއާގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް އިންޑިއާ އާއި ޖަޕާނާއި އަދި އޮސްޓްރޭލިޔާ، އެމެރިކާގެ އިތުރަށް އިނގިރޭސިވިލާތް ގުޅިގެން މި މަސައްކަތް ހިންގުމަށް. އަޅުގަނޑު ދެކޭ ގޮތުގައި އެއީ ވަރަށް ބުއްދިވެރި ގޮތެއް. އަޅުގަނޑު ދެކޭގޮތުގައި އެއީ މި މަސައްކަތް ހިނގަންޖެހޭ ގޮތްވެސްމެ"
ރައީސް ނަޝީދު

"އިންޑިއާ އައުޓް" ގެ ނަމުގައި ކެމްޕޭނެއް ފަށާފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާގެ އަސްކަރީ މަރުކަޒުތައް އަޅަން އުޅޭ ކަމަށް އިދިކޮޅުން އަންނަނީ ތުހުމަތުތަކެއްވެސް ކުރަމުންނެވެ.

ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ އެ މަސައްކަތުގެ ތެރެއަށް އެއްވެސް ސިޔާސީ ޕާޓީއެއް ވަދެދާނެ ކަމަކަށް އެމަނިކުފާނު ގަބޫލެއްނުކުރައްވާ ކަމަށާއި އަދި އެ މަސައްކަތުގައި ސަރުކާރު ހިމެނޭ ޕާޓީތަކަކުން ވަންނާނެ ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.