ދިވެހިރާއްޖޭގެ ހައިކޯޓު އުފައްދާފައި ވަނީ 1980 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 05 ވަނަ ދުވަހު އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމްގެ ގަރާރަކުންއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ، 07 އޯގަސްޓް 2008 ގައި ތަސްދީގު ކުރެވި އެގާނޫނު އަސާސީގެ 282 ދެވަނަ މާއްދާގެ ދަށުން، 2008 ސެޕްޓެމްބަރ 18 ވަނަ ދުވަހު އިންތިގާލީ ސުޕްރީމްކޯޓު އުފެދެންދެން، އަދުލު އިންސާފު ގާއިމު ކުރުމުގެ އެންމެ އިސް ކޯޓެއްގެ ގޮތުގައި ހިނގަމުން އައިސްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓެވެ.

ހައިކޯޓުގެ 40 އަހަރުގެ ދިގު ތާރީޚުގައި 30 ފަނޑިޔާރުން ކޯޓަށް ޚިދުމަތްކުރައްވާ ގިނައަދަދެއްގެ މައްސަލަތައް ނިންމާފައިވެއެވެ. ހައިކޯޓުގެ ޚިދުމަތްތައް މުޅިރާއްޖެއަށް ދިނުމުގެ އާ ހަރުފަތަކަށް އެރީ 2005 ވަނަ އަހަރު ކޯޓުގެ ޝަރުއީ ވަފުދަކުން މާލެ ފިޔަވާ ރާއްޖޭގެ އެންމެ ބައިބޯ ރަށްކަމަށްވާ ސ. ހިތަދޫއަށް ގޮސް މައްސަލައެއް ހިންގުމުންނެވެ. އޭގެ ފަހުން މިވީ ދުވަސްތަކުގައި ވަކި ނިޒާމެއްގެ ތެރެއިން ހަމަޖެހި، އުތުރާ ދެކުނުގައި ހައިކޯޓުގެ ގޮފިތައް ގާނޫނުގައި ކަނޑައެޅިގެން ގާއިމް ކުރެވިފައިވެއެވެ.

އަދި ގޮފިތައް ޤާއިމްކުރެވުނު ފަހުން ޝަރުޢީ ވަފުދުން އަތޮޅުތަކަށް ގޮސް 190 މައްސަލައިގެ ޝަރީޢަތްތައް ބާއްވައި ހުކުމްކޮށްފައިވެއެވެ.

ޓެކްނޮލޮޖީގެ ގޮތުން ވޭތުވެ ދިޔަ 40 އަހަރު ދުވަހު ހައިކޯޓުން އެކި މުހިއްމު މަރުހަލާތައް ކަޑައްތު ކޮށްފައިއެވެ. އެގޮތުން ވީޑިއޯ އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތްތައް ހިންގަން ފެށުމާއި، ކޯޓުގެ އެތެރޭގެ އިދާރީ މަސައްކައްތައް މޯލްޑިވްސް އީ ކޯޓު މެނޭޖްމަންޓް ސިސްސަޓަމް މެދުވެރިކޮށް ކުރަން ފެށުން ހިމެނެއެވެ.

އަދި މިއަހަރު ތެރޭގައި ކޯޓުގެ ޝަރީއަތުގެ މަރުހަލާގެ ހުރިހާ ހަރުފަތެއް ޓެކްނޮލޮޖީގެ ޒަރީއިން ފުރިހަމަ ކުރުމަށްޓަކައި ކޯޓު މޮޑިއުލް ބޭނުންކުރަން ފެށުމަށް ކުރެވޭ މަސައްކަތްތައްވެސް ފާހަކޮށްލެވެއެވެ. ހަމައެއާ އެކު ކޮވިޑް 19 ގުޅިގެން ދިމާވި ހާލަތުގައި ކޯޓުގެ ޚިދުމަތްތައް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި ޝަރީއަތްތައް އޮންލައިންކޮށް ބާއްވަން ފެށުނެވެ.

މިހެން ހެދުމުން ޚަސްމުންނާ އަދި ފަނޑިޔާރުންނާ ކޯޓު ސްޓާފުން އެމީހަކު ތިބިތަނެއްގައި ތިބެގެން އިންޓަރނެޓްގެ ޒަރީއާއިން ކޮންފަރެސްސްކޮށް ޝަރީޢަތުގައި ބައިވެރިވާން ފުރުސަތު ލިބި ހުއްޓުމެއްނެތި ޚިދުމަތް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދިޔައެވެ.

މައުލޫމާތު ފެތުރުމާއި ކޯޓުގެ ޝަރީޢަތްތަކާއި މައުލޫމާތުތަކަށް ވަކީލުންނާއި، ގާނުނީ ދާއިރާއިން ކިޔަވާ ކުދިންނާއި އަދި އާންމު ފަރުދުންނަށް ފަސޭހައިން ވާސިލްވެވޭނެ ގޮތް ހެދުމަށް ކޯޓުގެ ޝަރީޢަތްތައް ވެބްސައިޓް މެދުވެރިކޮށް ސާރޗަބަލް ޑޭޓާބޭސްއެއްގެ ތެރެއިން އެންމެ ފުރަތަމަ ދިވެހިރާއްޖޭގައި ލިބޭނެގޮތް ހެދުމަކީ ހައިކޯޓުން ރައްޔިތުންނާ ގާތުން ރައްޔިތުންނާ ގުޅިގެން ޚިދުމަތާއި އަދި މާޢުލޫމަތު ދިނުމަށް އެޅުނު މުހިންމު އަދި ތާރީޚީ ފިޔަވަޅެކެވެ.

ރާއްޖޭގައި އެއްބާވަތެއްގެ ޝަރީއަތްތައް އެއްފޮތަކުން ފެންނާނެ ގޮތަށް ޗާޕްކޮށް ބެހުމަކީވެސް މިކޯޓުން ފެށި މުހިއްމު ޚިދުމަތެކެވެ. ހަމަމިއާއެކު ޝޯޝަލް މީޑިއާގެ ޒަރީއާއިން ކޯޓުގެ ކުރެވޭ ކޮންމެ ޝަރީއަތެއްގެ މަޢުލޫމާތު އާންމުންނާ ހިއްސާކުރުމަކީވެސް ޚާއްސަކޮށް ރާއްޖޭގެ ޒުވާން ޖީލުތަކަށް ޚިދުމަތާ ބެހޭ މައުލޫމާތު ލިބިދިނުމަށް ހުޅުވާލެވުނު ދޮރެކެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝޯޝަލް މީޑިއާ އެކައުންޓްތަކުގެ ތެރެއިން ޓްވިޓަރ (@mvhighcourt) ރާއްޖޭގެ ޝަރުއީދާއިރާއިން އެންމެ ފުރަތަމަ ވެރިފައިޑް ސްޓޭޓަސް ލިބުނު އެކައުންޓެވެ.

ކޯޓުގެ ޕްރޮސެސްތަކާއި މަސައްކައްތައް ހިންގާގޮތް އަދާ ހަމަކޮށް އެއްފޮތަކުން ފެންނާނެހެން ހެދުމަކީ މަސައްކަތްތައް ހިންގާއިރު ފެންވަރު ހިފެހެއްޓި، އޮޅުންތައް ނުއަރައި އޮމާންކޮށް ގެންދިއުމަށް މަގުފަހި ކޮށް ދޭނެކަމެކެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ މަސައްކަތްތައް ގެންދާނެ ގޮތް އަދި އިންތިޒާމްކުރެވިފައިވާ ނިޒާމް ބަޔާންކުރާ ކޯޓުގެ ސްޑޭންޑާރޑް އޮޕަރޭޓިން ޕްރޮސީޖަރއއެއް އެކުލަވާލައި އެކަށައެޅުމަކީ ގާނޫނުތަކާއި، ގަވާޢިދުތަކާއި އަދި ފަނޑިޔާރުންގެ ޢާންމު މަޖިލީހުން ފާސްކުރާ އުސޫލްތަކާ އެއްގޮތްވާގޮތުގެ މަތިން ޚިދުމަތްދިނުން ކަށަވަރުވެގެން ދާނެކަމެއް ކަމަށްވުމާއެކު، ފޮތެއްގެ ސިފައިގައި ލިޔެވި ޝާޢިއުކުރެވުމަކީވެސް ފެންވަރު ރަގަޅު ޚިދުމަތެއް ދިނުމަށް ކުރެވޭ މަސައްކަތަށް އިތުރުވެގެން ދިޔަ ބޮޅެކެވެ.

ދިވެހިރާއްޖޭގެ ހައިކޯޓަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި ތައްޔާރުކޮށްފައިވާ ސަޕްލިމެންޓް ނެރެދެއްވީ ހިންގުމާ ހަވާލުވެހުރި ފަނޑިޔާރު އަލްއުސްތާޒު ޝުއައިބު ހުސައިން ޒަކަރިއްޔާއެވެ.

ހައިކޯޓުގެ ތާރީޚާއި މުހިންމު އިވެންޓްތަކާއި ޚިދުމަތަށް އައި ބަދަލުތަކަށް ބިނާކޮށް ލިޔެފައިވާ ކޯޓުގެ ތާރީޚީ ފޮތް "ދިވެހިރާއްޖޭގެ ހައިކޯޓު: ޚިދުމަތުގައި 40 އަހަރު" ނެރެދެއްވާފައިވަނީ ފަނޑިޔާރު އަލްއުސްތާޒު އަބްދުﷲ ހަމީދެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ މަސައްކަތްތައް ގެންދާނެ ގޮތް ނެރެދެއްވާފައިވަނީ ފަނޑިޔާރު އަލްއުސްތާޒު އަލީ ސަމީރެވެ. ކޯޓުގެ މަސައްކަތްތައް ގެންދާނެ ގޮތް އެއްފޮތަކުން ފެންނާނެހެން ހެދުމަކީ މަސައްކަތްތައް ހިންގާއިރު ފެންވަރު ހިފެހެއްޓި، އޮޅުންތައް ނުއަރައި އޮމާންކޮށް ގެންދިއުމަށް މަގުފަހި ކޮށްދޭނެކަމެކެވެ.

ކޯޓުގެ ޝަރީއަތުގެ މަރުހަލާގެ ހުރިހާ ހަރުފަތެއް ޓެކްނޮލޮޖީގެ ޒަރީއިން ފުރިހަމަ ކުރުމުކީ ޚިދުމަތްތައް ޒަމާނާއެއްގޮތަށް ތަރައްގީ ކުރުމަށް މުހިއްމު ކަމެކެވެ. މިކަމަށް އަމާޒުކޮށް ބޭނުންކުރުމަށް ތައްޔާރު ކުރެވިފައިވާ ކޯޓް މޮޑިއުލް ފައްޓަވާދެއްވީ ފަނޑިޔާރު އަލްއުސްތާޒު މުހައްމަދު ނިޔާޒެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ 40 އަހަރު ދުވަހުގެ ޚިދުމަތަށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ "ޚިދުމަތުގައި 40 އަހަރު ވީޑިއޯ" ލޯންޗް ކޮށްދެއްވާފައިވަނީ ފަނޑިޔާރު އަލްއުސްތާޒު މުހައްމަދު ފައިސަލްއެވެ.