ދިވެހިރާއްޖެ އިތުރަށް އިޝްތިހާރުކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީއާރް.ސީ) އިން ސައުތް ކޮރެއާގައި ޚާއްސަ މާކެޓިންގ ޚަރަކާތްތަކެއް ފަށައިފިއެވެ.

އެމް.އެމް.ޕީއާރް.ސީން ބުނީ ރީޑިސްކަވަރ މޯލްޑިވްސް، ދަ ސަނީ ސައިޑް އޮފް ލައިފް، މި ޓެގްލައިންގެ ދަށުން އެމްއެމްޕީއާރްސީން ދަނީ އައުޓްޑޯ ބަސް ކެމްޕޭނަކާއި ރީޑިސްކަވަރ މޯލްޑިވްސް، ދަ ސަނީ ސައިޑް އޮފް ލައިފް، އޮންލައިންޕްރޮމޯޝަން އަދި ހަނީމޫނަށް ޙާއްސަ އޭޖެންޓުންނާއިއެކު އޮންލައިން ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދަމުންދާ ކަމަށެވެ.

އެމް.އެމް.ޕީއާރް.ސީން ބުނީ ތިން މަހުގެ މުއްދަތަކަށް ކުރިއަށްދާ އައުޓްޑޯ ބަސް ކެމްޕޭންގެ މަޤްސަދަކީ ރާއްޖެ އިޝްތިހާރުކޮށް ފަތުރުވެރިންގެ މެދުގައި ދިވެހިރާއްޖެއާ މެދުޝައުގުވެރިކަން އިތުރުކުރުން ކަމަށެވެ. ސައުތު ކޮރެއާގެ ގޭންގްނަމް ސަރަހައްދަށް ޙާއްސަކޮށްގެން ކުރިއަށްގެންދާ މި ކެމްޕޭނުގައި ޖުމްލަ ފަސް ބަހެއްގައި ޑިސެމްބަރު މަހުގެ ނިޔަލަށް ހިރާއްޖެ އިޝްތިހާރު ކުރާނެ ކަމަށެވެ. މިކެމްޕޭނުގައި ބޭނުންކުރާ މެސެޖިން އާއި ފޮޓޯތަކުން ދައްކުވައިދޭނީ ދިވެހިރާއްޖޭގެ ޖަޒީރާވަންތަކާމާއި ރައްކާތެރިކަމެވެ. މި ކެމްޕޭންގެ ޒަރިއްޔާއިން 150 މިލިއަނަށްވުރެ ގިނަ މީހުނަށް ރާއްޖެ އިޝްތިހާރުވޭނެ ކަމަށާ މީގެ އިތުރުން ފަތުރުވެރި މަންޒިލެއްގެ ގޮތުގައި މީހުން ރާއްޖެއަށް ކުރާ އިތުބާރު ބޮޑުވެ، ރާއްޖެ އައުމަށް ފަތުރުވެރިންގެ މެދުގައިޝައުގުވެރިކަން އިތުރުކޮށްދޭނެ ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.

އެމް.އެމް.ޕީއާރް.ސީން ކުރިއަށްގެންދާ ދެވަނަ ކެމްޕޭނަކީ ސައުތު ކޮރެއާގައި މަޝްހޫރު އޮންލައިން ޕްލެޓްފޯރމްތަކުގައި ރާއްޖެ އިޝްތިހާރުކުރުމެވެ. މި ކެމްޕޭނުގެ ދަށުން ސައުތު ކޮރެއާގެ އެންމެ ބޮޑު އެއް ސާރޗް އިންޖީންކަމުގައިވާ "ނޭވާ" ޕޯރޓަލްގައި ކީވޯރޑް އެޑްގެ ޒަރިއްޔާއިން އަދި ކޮރެއާގައި އެންމެމަޤްބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކަމަށްވާ ފޭސްބުކް އަދި އިންސްޓަގްރާމްގައި ރާއްޖެ އިޝްތިހާރުކުރެވޭނެ ކަމަށް އެމްއެމްޕީއާރްސީން މައުލޫމާތުދެއެވެ. މިކެމްޕޭންގެ މަޤްސަދަކީ ރާއްޖެއަކީ ކޮންމެހެންވެސް ޒިޔާރަތް ކުރަންވާނެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކޮށް ރާއްޖެ އޮތީ ސައުތް ކޮރެއާ ފަތުރުވެރިންނަށް މަރުހަބާކިޔުމަށް ތައްޔާރަށްކަން ހާމަކޮށްދިނުން ކަމަށްވެސް އެކޯޕަރޭޝަނުން މައުލޫމަތުދެއެވެ.

މީގެ އިތުރުން ރާއްޖެއަށް ހަނީމޫނަށް އަންނަ ފަތުރުވެރިން އިތުރުކުރުމުގެ މަޤްސަދުގައި ސައުތު ކޮރެއާގެ ހަނީމޫން ޚާއްސަ އޭޖެންޓުންނާއި އެކުވެސް ދަނީ އޮންލައިން ޕްރޮމޯޝަނެއް ކުރިއަށްގެންދަމުންނެވެ. ރާއްޖެއަކީ ސައުތު ކޮރެއާ ފަތުރުވެރިންގެ މެދުގައި މަޤްބޫލު ހަނީމޫން މަންޒިލެކެވެ. މި ކެމްޕޭނުގެދަށުން ސައުތު ކޮރެއާގެ މަޝްހޫރު ދެ އޭޖެންޓުން މެދުވެރިކޮށް ރާއްޖެ ޕްރޮމޯޓް ކުރެވިގެންދާނެ ކަމަށް އެމްއެމްޕީއާރްސީން މައުލޫމާތުދެއެވެ.

އެމްއެމްޕީއާރްސީން ބުނީ ސައުތު ކޮރެއާ އަކީ ދިވެިހިރާއްޖެއަށް މުހިއްމު މާކެޓެއް ކަމަށާ ރާއްޖޭގެ ބޯޑަރު މާޗް މަހު ބަންދުކުރުމާ ހަމައަށް ސައުތު ކޮރެއާއިން ވަނީ 5،722 ފަތުރުވެރިން ދިވެހިރާއްޖެ ޒިޔާރަތްކޮށްފަ އެވެ. ފަތުރުވެރިން ރާއްޖެ އަށް ކުރާ އިތުބާރު ދެމެހެޓުމަށްޓަކައި ރާެއްޖޭގެ ޖަޒީރާވަންތަކަމަށް އަލި އަޅުވައިލުންވަރަށް މުހިއްމެވެ. އެއީ ރާއްޖޭގެ ރަށްތައް ފެތުރިފައިވާ ގޮތުގެ ސަބަބުންނާއި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެ އަކީ ފަތުރުވެރިންނަށާއި ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ރައްކާތެރި މަންޒިލަކަށް ވާތީއެވެ.