މާލޭގައި ކޮވިޑުގެ ކޮމިއުނިޓީ ސްޕްރެޑެއް ފެށުމާއެކު އަހަރެމެން އެންމެން ދެމަހެއްހާ ދުވަހު ފުރަބަންދުގައި ތިބެން ޖެހުނެވެ. އެ ފުރަބަންދުން ވީއްލުމާއެކު އަހަރެމެންނަށް ހީވީ، މިކަމުން ދެން މި އަރައިގަނެވުނީހެންނެވެ. ސަރުކާރުން ވަރަށް ބޮޑު ލުއިތަކެއް ދިންވެސް މެއެވެ. ޕޮޒިޓިވް ކޭސްތަކުގެ އަދަދު މަދުވާން ހަމަ ފެށުމާއެކު އަހަރެމެންނަށް މާ ބޮޑު ބެލުމެއްނެތި އުޅެވެން ފެށުނެވެ.

އެ ދުވަސްވަރު ރާއްޖޭގެ ކުޅަދާނަ ޑޮކްޓަރަކު ވަރަށް މައުނަވީ ޓްވީޓެއް ކުރެއްވިއެވެ. އެ ޑޮކްޓަރުގެ ބަހުންނަމަ، ފެންނަނީ ފުޓްބޯޅަ މެޗެއްގައި ކުޅުންތެރިޔާ ފޮނުވާލާ ޕެނަލްޓީ ޝޮޓެއް ގޯލް ދަނޑީގައި ޖެހިފައި ނުކުތުމުން ގޯލްކީޕަރު އުފާފާޅުކުރަން ފެށި މަންޒަރެވެ. އޭނާ އެ ފޯރީގައި ހުއްޓާ އެ ބޯޅަ ފެނުޖެހިފައިގޮސް ގޯލަށް ވަނީއެވެ. ކީޕަރު އެވަގުތު އުފާފާޅުނުކޮށް ބޯޅަ އެއްކޮށް މަތަވަންދެން މަޑުކުރިނަމަ ބޯޅަ ގޯލަށް ނުވަދެ ސަލާމަތް ކުރެވުނީހެވެ.

އެ ޑޮކްޓަރު އަހަރެމެންގެ ސަމާލުކަމަށް އެ ގެނެސްދެއްވީ މުހިއްމު މެސެޖެކެވެ؛ ފުރަބަންދު އުވާލިޔަކަސް އަދި މިކަން ނިމުނީ ނޫން ކަމެވެ. ޕޮޒިޓިވް ކޭސްތަކުގެ އަދަދު ދަށަށް ދިޔައަސް އަދި އުފާފާޅުކުރަން ނުޖެހޭކަމެވެ. ހަގީގަތުގައި ކުރިން ޕޮޒިޓިވް ކޭސްތަކުގެ އަދަދު މަދުވި ދުވަސްވަރު އަހަރެމެންނަށް އިތުރަށް ސަމާލުކަން ދެވުނުނަމަ، ފަހަރުގައި މިކަމުން އަހަރެމެންނަށް މިހާރު އޮތީހީ ވަރަށް ބޮޑަށް އަރައިގަނެވިފައެވެ.

އަހަރެމެންނަށް އޭރު އަމަލުތައް ބެހެއްޓުނީ މުޅިން އެހެން ގޮތަކަށެވެ. ނަތީޖާއަކަށްވީ، ސަމާލުނުވެވި ތިއްބާ، ކޮވިޑުގެ ނަމްބަރުތައް އަނެއްކާވެސް މައްޗަށް ދާން ފެށުމެވެ. އަނެއްކާވެސް ބޮޑު ޕީކެއް އައިސް އެންމެން ހާސްކޮށްލިތަނެވެ.

ސަރުކާރަށްވެސް ދެން ޖެހުނީ އިތުރު ފިޔަވަޅުތަކެއް އަޅާށެވެ. ރޭގަނޑު 10 އިން ފެށިގެން ފަތިހު ފަހެއް ޖަހަންދެން ބޭރުގައި އުޅުން މަނާކުރިއެވެ. އަދި ރޭގަނޑު އަށަކުން ފެށިގެން ފަތިހު ފަހެއް ޖަހަންދެން ދުއްވާއެއްޗެހި ދުއްވުން މަނާކުރިއެވެ. އޭގެ ސަބަބުން އާއްމު ދިރިއުޅުމަށް ވަރަށް ބޮޑަށް އަސަކުރިއެވެ. ގެސްޓްހައުސްތައް ހުޅުވުން ފަސްވެ އަދި ކެފޭ، ރެސްޓޯރަންޓްތަކާއި ފިހާރަތަކުގެ ވިޔަފާރި ދަށްވެ، މަޑުމަޑުން ރަނގަޅުވާ އަތަށް އަޅާފައި އޮތް ގައުމުގެ އިގްތިސާދު އަނެއްކާވެސް ވެންޓިލޭޓަރަށް ލާން ޖެހުނެވެ. އެތައް ބަޔެއްގެ އާމްދަނީ ހުއްޓުނުނީއެވެ. ސްކޫލްތައް އަލުން ބަންދުކޮށް، ދަރިވަރުންގެ ކިޔެވުމަށް ބުރޫއެރީއެވެ.

ހައްތަހާވެސް އަހަރެމެންނަށް ސަމާލުކަން ނުދެވުމުގެ ނަތީޖާއެވެ!

ފިޔަވަޅުތަކާ އެކު އަނެއްކާވެސް މަޑުމަޑުން މިދަނީ އާ އާއްމު ހާލަތަކާ ދިމާލަށެވެ. ކޮވިޑުގެ ނަމްބަރުތައް ތިރިވެއްޖެއެވެ. އެގޮތުން، ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް އެޅުމުގައި އެޗްޕީއޭއިން މިންގަނޑެއްގެ ގޮތުގައި ބަލަން ކަނޑައަޅާފައިވާ "ޕްރިއޮރިޓީ އީޒް ޕްލޭން އިންޑިކޭޓާ ސްކޯ" ހަތަރަކަށް ވަނީ ދަށްވެފައެވެ. މި ސްކޯއަކީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާ ގުޅޭގޮތުން އެޗްޕީއޭއިން ކަނޑައަޅާފައިވާ ޕްލޭނާ އެއްގޮތަށް ކުރިއަށް ދެވިދާނެކަން އަންގައިދޭ މިންވަރެވެ.

މިދިޔަ އޮގަސްޓް މަހުގެ 12 އިން 18 އާ ދެމެދު މި ސްކޯ ނުވައަކަށް އެރިއެވެ. އެ އަށްވުރެ އެންމެ ނަންބަރެއް މައްޗަށް ޖެހުނަސް، އެއީ ބަލި ކޮންޓްރޯލް ކުރުމުގެ އެންމެ ހަރުކަށި ފިޔަވަޅުތައް އަޅަންޖެހޭ ހިސާބުކަމަށް އެޗްޕީއޭ އިން އޮންނަނީ ކަނޑައަޅާފައެވެ. ލުއިތަކާއެކު ކުރިއަށްދެވޭ ހިސާބަށް ނުވަތަ "މޫވް އޭޒް އިން އީޒް ޕްލޭން" މިންގަނޑަށް އިންޑިކޭޓާ ސްކޯ ދަށްވެފައި މިވަނީ، ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިތާ 15 ވަނަ ހަފުތާއިން ފެށިގެން (ޖުލައި 22 އިން ފެށިގެން) "ރެސްޓްރިކްޓިވް މެޝާސް" ގެ މިންގަނޑުގެ ތެރޭގައި ހުރުމަށް ފަހުގައެވެ.

މި ފެހި ސިގްނަލާއެކު، ސަރުކާރުން ވަނީ އަނެއްކާވެސް ވަރަށް ބޮޑު ލުޔެއް ދީފައެވެ. ރޭގަނޑު އަށެއްގެ ފަހުން އެއްގަމު އުޅަނދު ދުއްވުން މަނާކުކުރި ކުރިން މިހާރު ވަނީ އަނބުރާ ގެންގޮސްފައެވެ. އެހެންވެ، މިހާރު އެއްޗެހި ދުއްވުން މަނާވާނީ ހަމައެކަނި ރޭގަނޑު 10 އިން ފަތިހު ފަހަކަށެވެ. މާނައަކީ، އަނެއްކާވެސް އިގްތިސާދީ ހަރަކާތްތައް ފުޅާވުމެވެ.

އެކަމަކު، މި ދަނޑިވަޅުގައި އަހަރެމެން ކުރިމަތިލާން ޖެހޭ ވަރަށް ބޮޑު ހަގީގަތެއް އެބަ އޮތެވެ. މިއީ އެންމެ ސަމާލުވާންވީ ވަގުތު ކަމަށް ވުމެވެ. މި ފަހަރުވެސް ނަމްބަރުތައް ތިރިވާން ފަށާ ތަނުން، އަދި ލުއިތައް ދޭން ފެށުމާއެކު އަހަރެމެންނަށް ސަމާލުނުވެވިއްޖެނަމަ ތިންވަނަ ރާޅެއް ބިންދާލުން ވަރަށް ކައިރިއެވެ. އޭރުން މިހުރިހާ ދުވަހުވީ ގުރުބާނީ ފެނަށް ވެގެން ހިނގައިދާނެއެވެ. ދެން އިތުރު ރާޅެއް ބިންދާލައިފިނަމަ، އެތައް ވިޔަފާރިތަކަކާއި އެތައް ބައެއްގެ ދިރިއުޅުން ގެނބިގެން ދިއުން ގާތެވެ!

މިވަގުތު އަހަރެމެން އިތުރަށް ސަމާލުވާންވީ މުހިއްމު ދެތިން ސަބަބެއް އެބަ އޮތެވެ. ފުރަތަމަ ކަމަކީ، ގެސްޓްހައުސްތަކުގެ ވިޔަފާރި މާލެ ސަރަހައްދުގައި ފެށުމަށް ފުރުސަތު ދެވެން އޮތީ ޕޮޒިޓިވް ކޭސްތަކުގެ އަދަދު ފަސް ޕަސެންޓުގައި ދެހަފުތާ ހިފެހެއްޓިގެން ކަމަށް ވުމެވެ. ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކުގެ ތެރެއިން މިވަގުތު ނުފެށި އޮތް އެންމެ ބޮޑު ހަރަކާތަކީ ގެސްޓްހައުސް އޮޕަރޭޝަނެވެ. ގެސްޓްހައުސްތައް ނުހުޅުވި ލަސްވާ ލަސްވުމަކީ ރާއްޖޭގެ މެދުފަންތީގެ އެތައް ވިޔަފާރިވެރިންނަކަށް އޭގެ ނުރަނގަޅު އަސަރުކޮށް، ސީދާ ގޮތުން އާއްމުންނަށް ލިބޭނެ ގެއްލުމެވެ. އެހެންވެ ގެސްޓްހައުސްތަކަށް ފަހި ފުރުސަތެއް ދިނުމަށް މިވަގުތު އަހަރެމެން ސަމާލުވާން ޖެހެއެވެ.

ހަމަ އެގޮތަށް، ސްކޫލްތަކަށް ފުރުސަތު ދެވެން އޮތީވެސް ހާލަތު ރަނގަޅުވެގެންނެވެ. ސްކޫލްތައް މެދުކެނޑުމުގެ ސަބަބުން މާލޭ ސަރަހައްދުގެ ދަރިވަރުންގެ ކިޔެވުން އެތައް މަހެއް މިވަނީ ފަހަތަށް ގޮސްފައެވެ. އިތުރަށް ފަސްވެއްޖެނަމަ، އިއާދަނުކުރެވޭނެ ފަދަ ގެއްލުމެއް ވެދާނެއެވެ. އޯލެވެލް އާއި އޭލެވެލް އިމްތިހާނަށް އަސަރުކޮށް، ދަރިވަރުންގެ މުސްތަގުބަލަށް ނޭދެވޭ ގޮތްތަކެއް ވެދާނެއެވެ. އެހެންވެ، ސްކޫލްތައް އަލުން ހުޅުވާފައި އޮތް އޮތުން އެގޮތުގައި ކުރިއަށް ގެންދެވެން އޮތީވެސް ހަމަ އަހަރެމެން އިތުރަށް ސަމާލުވެގެންނެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ހާލަތު މަޑުމަޑުން އަންނަނީ ރަނގަޅުވަމުންނެވެ. ޑިސެމްބަރުމަހު އަންނަ ޓޫރިސްޓް ސީޒަން ފެށެންވާއިރަށް ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެއްޖެނަމަ، ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެކަން ޔަގީނެވެ. އެކަމަކު، އެކަން ގުޅިފައިވަނީ، ރާއްޖޭގެ އެތެރޭގެ ހާލަތާއެވެ. މާނައަކީ ރާއްޖޭގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު އިތުރުވާނަމަ، ޓޫރިސްޓުން މިތަނަށް އަންނަން ފަސްޖެހޭނެ ކަމެވެ. އެހެންވެ، މިވަގުތު ސަމާލު ނުވެވި ހާލަތު ގޯސްވެއްޖެނަމަ، ޑިސެމްބަރުމަހު ސީޒަނާ ކުރިމަތިލާއިރު ރާއްޖޭގެ ޓޫރިޒަމް ހަމަ އިސްކޮޅަށް ތެދުވަން ފުރުސަތު ނުލިބޭނެއެވެ. މިވަގުތު ސަމާލުވާން ޖެހޭ ތިންވަނަ ސަބަބަކީ އެއީއެވެ.

ހެލްތު މިނިސްޓްރީ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވާ ގޮތުގައި، ކޮވިޑް-19 ގެ އިތުރު ރާޅެއް ނައިސްފިނަމަ، އެ ބަލި ކޮންޓްރޯލްވާނެ ކަމަށް ބެލެވެނީ އަދި ދޮޅުމަސް ފަހުންނެވެ. އެއީ އޭގެ ޒާތުގައި އުފާވެރި ޚަބަރެކެވެ. މިނިސްޓަރު އެ ދެއްވީ، އަހަރެމެން މިވަގުތު ސަމާލުވެއްޖެނަމަ، އަދި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ބަލި ކޮންޓްރޯލްވެ، އާއްމު ހާލަތަކަށް ދެވިދާނެ ކަމުގެ ފެހި ސިގްނަލެވެ.

ރާއްޖޭގެ ހާލަތު ހަގީގަތުގައިވެސް މިވަގުތު ރަނގަޅެވެ. އޭގެ ހެއްކެއްގެ ގޮތުން، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ) އިން މިމަހުގެ ފަސްވަނަ ދުވަހު އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު ކޮވިޑް މެނޭޖްމެންޓް ފެސިލިޓީތަކުގެ އައިސީޔޫތައް ހުސްކޮށް ހުންނަތާ ހަތަރު ދުވަސް ވަނީ ވެފައެވެ.

އެޗުއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް ބަލީގެ މީހުންނަށް ހާއްސަކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި އެއްވެސްމީހަކު މިހާރު އެޑްމިޓުކޮށްފައި ނެތް ކަމަށާއި އެ ހޮސްޕިޓަލްގެ 16 ވަނަ ފަންގިފިލާގެ ވޯޑުގައިވެސް އޮތީ އެކަކު ކަމަށެވެ. ހުޅުމާލޭގައި ހުންނަ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި 58 މީހަކު ތިބިއިރު އެ އެންމެންވެސް ތިބީ ވޯޑުގައެވެ. ގއ. ވިލިނގިލީގައި ހުންނަ ފެސިލިޓީގައި ތިބީ ހަމީހެކެވެ. އެ އެންމެންވެސް ތިބީ ވޯޑުގައެވެ. އެހެންވެ، މިވަގުތު އެޑްމިޓު ކޮށްފައިވާ މީހުންގެ ޖުމްލައަކީ 65 އެވެ.

"މިވަގުތު އިރާދަކުރެއްވިއްޔާ އައިސީޔޫގައި އެއްވެސް މީހަކަށް ފަރުވާދެވެމުންނެއް ނުދޭ. އޭގެ މާނައަކީ ވެންޓިލޭޓަރުގައި ވެސް މިވަގުތު އެއްވެސް މީހަކު ނެތޭ. ވޭތުވެދިޔަ ހަތަރު ދުވަހު، އަޅުގަނޑުމެން ހަމަ ފާހަގަކޮށްލަން އައިސީޔޫގައި އިރާދަކުރެއްވިއްޔާ އެއްވެސް މީހަކަށް ފަރުވާދޭން ޖެހިފައެއް ނެތް. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދުވެސް މިވަނީ ކޮންމެވެސް މިންވަރަކަށް ދަށްވެފައި،"
ޑރ. ނަޒްލާ ރަފީގު

ރާއްޖޭގައި ކޮންމެ ދުވަހަކު ކޮވިޑަށް އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް 100 އިން ދަށުގައި ހުންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ.

އެކަމަކު މިނިސްޓަރު އަސްލަމް ފާހަގަކުރެއްވި ގޮތުގައި، ކޮވިޑުގެ ކޭސްތައް މިހާރު އިތުރުވަމުން ނުދިޔަ ކަމަށްވިޔަސް 40 އާ ހަމައަށް ދަށަށް ދާން އަދި ދޮޅުމަސްދުވަސް ހޭދަވާނެއެވެ. އެ އަދަދަކީ، އޭނާ ވިދާޅުވި ގޮތުގައި، ބަލި ކޮންޓްރޯލްކުރުމުގައި ބެންޗުމާކެއްގެ ގޮތުގައި ބަލާ އަދަދެވެ.

"އަދި ގާތްގަނޑަކަށް އަޅުގަނޑު ގަބޫލުކުރަނީ މިހާރު ދާ ރޭޓުގައި، ކޭސަސް އިންކްރީޒް ނުވި ކަމުގައިވިޔަސް، މި ދެންނެވި ބެންޗުމާކާ ހަމައަށް، 40 އާ ހަމައަށް ތިރިވާން ދޮޅުމަހެއްހާ ދުވަސް ނަގާނެ ކަމަށް، އިތުރު ވޭވެއް ނައިސްފި ކަމަށް ވަންޏާ،"
މިނިސްޓަރ އަސްލަމް

ދިވެހި ހަރުބަހެއްގައި ބުނެއެވެ؛ ނެރެއްހާތަން ދީފިއްޔާ، ކެނބެއްހާ ތަން ދަމައިގަންނާނެއެވެ. ތެދެކެވެ. ކުޑަކުޑަކޮށް ފަރުވާކުޑަކޮށްލެވުނަސް ވަރަށް ބޮޑު ތަނެއް އަތުން ދާނެއެވެ. އެހެންވެއްޖެނަމަ އެ ބޭކާރު ކުރެވެނީ މިދިޔަ ދޮޅުމަހެއްހާ ދުވަހުވީ ގުރުބާނީއެވެ. އަލުން އަނެއްކާވެސް އުނދަގޫ ހާލަތަކަށް ދާނެއެވެ. އެހެންކަމުން، އަދަދުތައް ދަށަށްދާ މިވަގުތަކީ އެންމެ ސަމާލުވާންވީ ވަގުތެވެ.

--

އެޑިޓަރުގެ ނޯޓު:

މިއީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ދިވެހި މީޑިއާއިން އިސް ނަގައިގެން ކުރިޔަށް ގެންދާ ގައުމީ ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓެކެވެ.