ޖުލައި 15 ގައި ބޯޑަރު ހުލުވާލިފަހުން 223 ޓުއަރިސްޓު އެސްޓެބްލިޝްމެންޓު އޮޕަރޭޓްކުރަން ފަށައި، 24،000 އަށް ވުރެ ގިނަ ޓުއަރިސްޓު އެނދު އޮޕަރޭޓުކުރަން ފަށާފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ މައި ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ޖުލައި 15 ގައި ބޯޑަރު ހުޅުވާލިފަހުން ރާއްޖޭގެ ފަތުރުވެރިކަމަށް އައި ބަދަލުތަކާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ޓުއަރިޒަމް މިނިސްޓްރީން ބުނީ ބޯޑަރު ހުޅުވާލިފަހުން ޓުއަރިސްޓު ހޮޓާތަކާއި ރިސޯޓުތަކުގެ އިތުރުން ސަފާރީތައް ހިމެނޭހެން މިހާތަނަށް 223 ޓުއަރިސްޓު އެސްޓެބްލިޝްމެންޓެއް އޮޕަރޭޓްކުރަން ފަށާފައިވާ ކަމަށެވެ.

އަދި ބޯޑަރު ހުޅުވާލިފަހުން 24،000 އަށްވުރެ ގިނަ އެނދު އޮޕަރޭޓްކުރަން ފަށާފައިވާ ކަމަށްވެސް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.

ބޯޑަރު ހުޅުވާލިފަހުން ރިސޯޓުތަކާއި ސަފާރީތަކުގެ އިތުރުން ހޮޓެލްތައްވެސް އޮޕަރޭޓްކުރަން ފަށާފައިވާއިރު މިހާތަނަށް އަލުން ހުޅުވާނުލެވި އޮތް ހަމައެކަނި ސިނާއަތަކީ ލޯކަލް ޓުއަރިޒަމް ސިނާއަތް ނުވަތަ ގެސްޓްހައުސް ސިނާއަތެވެ. ގެސްޓްހައުސް ސިނާއަތް ފެށުމުގައި ލަސްތަކެއް ދިމާވި ނަމަވެސް މި ސިނާއަތް މިމަހުގެ 15 ވަނަދުވަހު އަލުން ފަށަން ސަރުކާރުން ވަނީ ނިންމާފައެވެ.

ގެސްޓްހައުސް ސިނާއަތް ފެށުމާއި ގުޅޭގޮތުން ޓުއަރިޒަމް މިނިސްޓްރީން ބުނީ މިސިނާއަތް ފެށުމާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅުވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

މީގެ އިތުރުން ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، ބަލި ފެތުރިދާނެކަމަށްޓަކައި ރާއްޖެ އަންނަ ފަތުރުވެރިން ފުރައިގެން ދިޔުމުގެ ކުރިން ޕީސީއާރު ޓެސްޓް ހަދާކަން ފާހަގަކޮށް ޓުއަރިޒަމް މިނިސްޓްރީން ބުނީ ގެސްޓްހައުސް ސިނާއަތް ފެށުމުންވެސް ހަމަ މިފަދައިން ފަތުރުވެރިން ފުރައިގެން ދިޔުމުގެ 72 ގަޑިއިރު ކުރިން ޕީސީއާރު ޓެސްޓު ހެދޭނެ ކަމަށެވެ.

އަދި ގެސްޓްހައުސް ސިނާއަތް ފަށަން ތައްޔާރުވުމަށް މިކަމަށް ހާއްސަކޮށްގެން ވަކި ގައިޑްލައިންއެއް ތައްޔަރުކޮށްފައިވާ ކަންވެސް ޓުއަރިޒަމް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ބޯޑަރު ހުޅުވާލިފަހުން ކޮންމެ މަހަކުވެސް ރާއްޖެ އައި ފަތުރުވެރިންގެ ތަފާސްހިސާބުތައް މިރިޕޯޓުގައި ހިއްސާކޮށްފައި ވާއިރު، ބޯޑަރު ހުޅުވާލިފަހުން މަހުން މަހަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ.

އެގޮތުން ޖުލައި 15 ގައި ބޯޑަރު ހުޅުވާލުމާއެކު އެމަހު ރާއްޖެ އައިސްފައިވަނީ 1752 ފަތުރުވެރިންނެވެ.

އަދި އޮގަސްޓުމަހު 7628 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ސެޕްޓެމްބަރުމަހު 9538 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި މިމަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި 3140 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ވަނީ ރެކޯޑްކުރެވިފައެވެ.

މިއާއެކު ބޯޑަރު ހުޅުވާލިފަހުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 22،007 އަކަށް އަރާފައެވެ.

( ވީއައިއޭ ، 18 މާޗު 2020 ) - ކޮވިޑް-19 އާއި އެެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފަޅަށް-- ވީފޮޓޯ : އަހުމަދު ޝުރާއު

ޓުއަރިޒަމް މިނިސްޓްރީގެ ރިޕޯޓުން ދައްކާގޮތުން މާޗްމަހު ބޯޑަރު ބަންދުކުރުމާއި ހަމައަށް ރާއްޖެ އައިސްފައިވަނީ 3،82760 ފަތުރުވެރިންނެވެ.

އެހެންކަމުން މިއަހަރުގެ ޖެނުއަރީން އޮކްޓޯބަރު 5 ގެ ނިޔަލަށް 4،04854 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަން ރެކޯޑުކުރެވިފައި ވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.

ބޯޑަރު ހުޅުވާލިފަހުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 22،000 އަށް އަރާފައިވާއިރު، މި މުއްދަތުގައި އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިއާއިންނެވެ. އެއީ 3،598 ފަތުރުވެރިންނެވެ.

އަދި ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން އައިސްފައިވާއިރު، މިމުއްދަތުގައި ޔޫއޭއީއިން އައިސްފައިވަނީ 2،967 ފަތުރުވެރިންނެވެ. އަދި ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޔުނައިޓެޑް ސްޓޭޓްސްއިން އައިސްފައިވާއިރު، މިމުއްދަތުގައި ޔުނައިޓެޑް ސްޓޭޓްސްއިން އައިސްފައިވަނީ 2،032 ފަތުރުވެރިންނެވެ.

މިމަހުގެ 15 ވަނަ ދުވަހު ލޯކަލް ޓުއަރިޒަމް ސިނާއަތް އަލުން ހުޅުވާލަން ތައްޔާރުވަމުން ދާއިރު އެމްއެމްޕީއާރުސީން މިހާރު ވަނީ ރާއްޖެ އިޝްތިހާރުކުރުގެ ހާއްސަ ކެމްޕޭންތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަށާފައެވެ. އަދި ރާއްޖޭގެ ލޯކަލް ޓުއަރިޒަމް ސިނާއަތް ބޭރު ގައުމުތަކުގައި އިތުރަށް ޕްރޮމޯޓް ކުރުމަށްވެސް އެމްއެމްޕިއާރުސީން ވަނީ ހާއްސަ މަސައްކަތްތަކެއް ފަށާފައެވެ.