މިއަދު ދިމާވެފައިވާ ހާލަތުގައި ކުރީގެ ސަރުކާރުތަކުގެ ދަރަނިތައް ދައްކާއިރު އިތުރު ޖޫރިމަނާއަކާ ނުލާ ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސުން ބުއްދިވެރިކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝިދު މިފަދައިން ވިދާޅުވެފައިވަނީ މިއަދު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދުގެ ޓްވީޓުގައި ވިދާޅުވީ، ދަރަނީގެ ނުރައްކަލަކީ އެ ދަރަނި އަނބުރާ ދައްކަންޖެހޭއިރު، އެ ދަރަންޏެއް އަނބުރާ ދެއްކޭނެ ވަރަށް އާމްދަނީ ނެތުން ކަމަށެވެ.

އަދި ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތައް މި ސަރުކާރުން ދައްކަންޖެހޭތީ ރައީސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ 2012 އާއި 2018 އާ ދެމެދުގެ ސަރުކާރުން ނަގާފައިވާ ގިނަ ދަރަނިތަކުގެ ގްރޭސްޕީރިއަޑް މިހާރު ހަމަވެފައިވާ ކަމަށާއި، އެ ދަރަނިތައް އަލުން އަނބުރާ ދައްކަންޖެހެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން މިވަގުތު ދައުލަތުގެ އާމްދަނީ މިވަނީ އެކީހެން ނެތިފައި ކަމަށާއި، ގިނަ ދަރަނިތައް ދައްކަންޖެހެނީ 2021 އާއި 2023 އާ ދެމެދު ކަމަށެވެ.

އެހެންކަމުން ދައުލަތުގެ އާމްދަނީ އެކީހެން ނެތިފައިވާ މިވަގުތުގައި 2012 އަދި 2018 އާ ދެމެދު ނަގާފައިވާ ދަރަނިތައް ދައްކާއިރު އިތުރު ޖޫރިމަނާއަކާ ނުލައި ދަރަނިތައް ދެެއްކޭނެ ގޮތެއް ހަމަޖައްސައި، މިފަދައިން ލޯނުތައް ރީސްޓްރަކްޗަރކުރުން ބުއްދިވެރިކަމަށް ދެކިވަޑައިގަންނަވާކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިމިވަނީ، ކޮވިޑް-19 އާއި ގުޅިގެން، ކުރީގެ ސަރުކާރުން ޗައިނާއިން ނަގާފައިވާ ބައެއް ދަރަނިތައް ދެއްކުމުގެ މުއްދަތު އިތުރުކޮށްދޭން ޗައިނާ ސަރުކާރުން ނިންމާފައިވަނިކޮށެވެ.