ޓުއަރިސްޓު ހިދުމަތްދޭ ތަންތަނުން ދޭ ހިދުމަތްތައް އެއިފެކްގެ މިންގަނޑުތަކާ އެއްގޮތަށް ގާއިމްކުރުމަށް ކޮމްޕްލަޔަންސް އޮފިސަރުންނަށް ހާއްސަކޮށްގެން ޓްރެއިން ޕްރޮގްރާމެއް ފަށަން ނިންމައިފިއެވެ.

މި ޓްރެއިނިން ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ޓުއަރިޒަމް, މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ އަދި ޔޫރޮޕިއަން އިންސްޓިޓިއުޓް ފޯ އެކްސްޕޯޓް ކޮމްޕްލައަންސް (އެއިފެކް) ގުޅިގެން ހިންގާ ޓްރެއިނިން ޕްރޮގްރާމެކެވެ.

މި ޓްރެއިނިން ޕްރޮގްރާމް ފެށުމަށް މިއަދު ޒޫމް މެދުވެރިކޮށް ބޭއްވި ރައްމިއްޔާތުގައި އެމްއެންޔޫގެ ޑެޕިޔުޓީ ވައިސް ޗާންސެލަރ ޑރ އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ މި ޕްރޮގްރާމްގައި އެމްއެންޔޫއިން އަދާކުރާ މައިގަނޑު ރޯލަކީ ޓްރެއިން ޕްރޮގްރާމް ހިންގުމާއި މިކަމަށް މުޖުމަތަމު ހޭލުންތެރިކޮށް، މިކަމާ ގުޅޭ ރިސާޗްތައް ހެދުން ކަމަށެވެ.

މި ޓްރެއިނިން ޕްރޮގްރާމަކީ ކައުންސިލްތަކަށާއި، ގެސްޓްހައުސްތައް ހިންގާ ފަރާތްތަކަަށް ހާއްސަކޮށްގެން ހިންގާ ޓްރެއިނިން ޕްރޮގްރާމެއްކަން ފާހަގަކުރައްވައި ޑރ ޝެހެނާޒް ވިދާޅުވީ މި ޓްރެއިނިން ޕްރޮގްރާމްގައި މުޅިއެކު 830 ކޮމްޕްލަޔަންސަކަށް ޓްރެއިނިން ދެވިގެންދާނެ ކަމަށެވެ. މީގެ ތެރޭގައި ގެސްޓްހައުސް ހިންގާ 630 ފަރާތަކާއި، ކައުންސިލްތަކުން 200 ފަރާތަކަށް ޓްރެއިނިން ދޭން ނިންމާފައިވާކަމަސް ޑރ. ޝެހެނާޒް ވިދާޅުވިއެވެ.

ޑރ. ޝެހެނާޒް ވިދާޅުވީ އެއިފެކް އިން ހިންގާ މިފަދަ ޓްރެއިނިން ޕްރޮގްރާމްތަކަކީ އަގަކާއި ލައިގެން ހިންގާ ޕްރޮގްރާމްތަކެއްނަމަވެސް މި ޓްރެއިނިން ޕްރޮގްރާމްގައި ގެސްޓްހައުސްތަކަށް އެއްވެސް އަގަކާ ނުލައި ބައިވެރިވެވޭނެ ކަމަށެވެ.

ޑރ. ޝެހެނާޒް ވިދާޅުވީ އެއިފެކް އަދި ޔުނިވާސިޓީ އޮފް ޓާނިން އަދި އެމްއެންޔޫއިން ހިންގާ މި ޓްރެއިނިން ޕްރޮގްރާމްގައި ބައިވެރިވާ ގެސްޓްހައުސްތަކަށް އެއިފެކްގެ ސްޓޭންޑަރޑްތައް ހާސިލުކުރެވުމުން އެކަމުގެ ސެޓްފިކެޓް ދެވޭނެ ކަމަށެވެ.

މިގެ އިތުރުން މި ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ މި ޕްރޮގްރާމަކީ ފަތުރުވެރިކަން ކުރިއަށްގެންދިއުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ ޕްރޮގްރާމެއް ކަމަށެވެ. މިފަދަ ދަނޑިވަޅެެއްގައި ޓުއަރިސްޓު ފެސިލިޓީތަކުން ދެވޭ ހިދުމަތުގެ ކޮލިޓީ ހިފެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއްކަމާއި، އަދި ޓުއަރިސްޓު ފެސިލިޓީތަކަށް ސްޓޭންޑަރ ހިފައްޓާ ކަމުގެ ސެޓްފިކެޓް ލިބުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށްވެސް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

މި ޓްރެއިނިން ޕްރޮގްރާމް ކުރިއަށްދާނި މިމަހުގެ 20 އިން އަންނަ ނޮވެމްބަރު 2 ގެ ނިޔަލަށެވެ. އަދި ޓްރެއިނިން ޕްރޮގްރާމް ކުރިއަށްދާނީ 5 ދުވަހު، ކޮންމެ ދުވަހަކު ދެ ގަޑިއިރަށެވެ.