ކޮވިޑް-19 އަށް އިންޑިއާއިން ޕޮޒިޓިވްވި މީހުންގެ އަދަދު ހަތް މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.

އިންޑިއާ މިހާރު ވެފައިވަނީ، އެމެރިކާ ފިޔަވައި، މިހާތަނަށް ކޮވިޑްބަލި ޖެހުނު މީހުންގެ އަދަދު ހަތް މިލިއަނުން މައްޗަށްއެރި ދެވަނަ ގައުމަށެވެ.

އަދި އެމެރިކާ ފަހަނައަޅައި، ދުނިޔޭގައި ބަލިޖެހުނު މީހުންގެ އަދަދު އެންމެ ގިނަ ގައުމަށްވުމާ އިންޑިއާ މިހާރުއޮތީ ދާދި ގާތުގައެވެ.

އިންޑިއާގެ މައި ސަރުކާރުގެ ހެލްތު މިނިސްޓްރީން މިއަދު ހާމަކުރި ތަފާސްހިސާބުތައް ބުނާގޮތުން، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ގާތްގަނޑަކަށް 75،000 މީހުން އަލަށް ޕޮއިޒިޓިވް ވެފައި ވެއެވެ.

މިއާއެކު، އިންޑިއާއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 7.05 މިލިއަނަށް އަރާފައެވެ.

ބަލީގެ ހާލަތު އެންމެ ގޯސްކޮށްއުޅޭ އެމެރިކާއިން ޕޮޒިޓިވްވެފައިވަނީ 7.67 މިލިއަން މީހުންނެވެ.

1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަސްލު އަދަދު މިއަށްވުރެ އެތައްގުނަ އިތުރުވާނޭ ކަމަށް ތަޖުރިބާކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ. ސަބަބެއް ކަމަށް ބުނަނީ، ޓެސްޓުކުރުމުގެ ރޭޓް ދަށްވުމުންނެވެ.

ދުނިޔޭގެ އެންމެ ތޮއްޖެހުންބޮޑު ސިޓީތައް ހިމެނޭ އިންޑިއާގެ އެ ހިސާބުތަކުގައި ހަދަމުންދާ އެންޓިބޮޑީސް ޓެސްޓުތަކުގެ ދިރާސާތަކުން، އަސްލު ރެކޯޑުކުރެވިފައިވާ އަދަދަށްވުރެ ބަލިޖެހުނު މީހުންގެ އަދަދު އެތައް ގުނަ އިތުރުކަމަށް ދައްކާ ކަމަށް ވެއެވެ.

ބަލިޖެހޭ މީހުންގެ އަދަދު އިންޑިއާގައި އިތުރުވަމުންދާއިރު، އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، ބަލީގައި މިހާތަނަށް 108،334 މީހުން މަރުވެފައިވާ ކަމަށެވެ.

މިއީ، ބަލީގެ ހާލަތު އެންމެ ގޯސްވެފައިވާ އެމެރިކާއިން ބަލީގައި މަރުވި މީހުންގެ އަދަދާ އަޅާބަލާއިރު ދަށް އަދަދެކެވެ. އެމެރިކާއިން ކޮވިޑްބަލީގައި މިހާތަނަށް 214،000 އަށްވުރެ ގިނަމީހުން މަރުވެފައި ވެއެވެ.

ޔޫރަޕްގެ ގައުމުތަކުން ބަލީގައި މަރުވި މީހުންގެ އަދަދުތަކާ އަޅާ ބަލާއިރުވެސް އިންޑިއާއިން މަރުވި މީހުންގެ ނިސްބަތް ދަށެވެ.

އެކަމަކު، ބައެއް ސިއްހީ ތަޖުރިބާކާރުންގެ ޚިޔާލު މިކަމުގައި ތަފާތެވެ. އެބޭފުޅުން ވިދާޅުވަނީ، މަރުވާ މީހުންގެ އަދަދުތައް ރިޕޯޓްކުރުމާއި، ސިއްހީ ނިޒާމު ބަލިކަށިވުމާއި، ރަނގަޅަށް ޓެސްޓްތައް ނުކުރެވޭތީ، ބަލީގައި މަރުވި މީހުންގެ އަސްލު އަދަދުވެސް ރަނގަޅުނޫން ކަމަށެވެ.

ބަލީގެ ހާލަތު ރަނގަޅުވުމުގެ އެއްވެސް ކޮޅުމައްޗެއް އަދި ފެނިފައި ނުވާއިރު، ބަލިފެތުރުން ހުއްޓުވަން މާޗްމަހުގެ ތެރޭގައި ގެނައި ލޮކްޑައުންގެ ހަރުކަށި އުސޫލުތަކާހެދި އިގްތިސާދަށް އެރި ލޮޅުމުގެ ބޮޑުކަމުން، ބަލީގެ ހާލަތު ކިތަންމެ ގޯސްވިޔަސް އަލުން ލޮކްޑައުއަކަށް ދިއުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަކުން މިހާރު ބޭނުމެއް ނުވެއެވެ.

ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ، އިގްތިސާދު އަލުން ކޮޅަށްޖެހުމަށްޓަކައި، ބަލި ފެތުރުން ހުއްޓުވަން އަޅާފައިހުރި ފިޔަވަޅުތައް އުވާލައި، ގައުމު އެއްކޮށް ހުޅުވާލުމަށް މަސައްކަތް ކުރަމުންނެވެ.