ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދާއި ސުވާލުކުރެއްވުން މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދަވާކަމަށް ވިދާޅުވެ މިނިސްޓަރު ޒަހާއާ ސުވާލު ކުރުމަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.

މެމްބަރު ޖާބިރުގެ ކުރައްވާ ސުވާލުތަކަކީ ދިވެހި ސަރުކާރުން ޗައިނާ އާއި އެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރިމެންޓްގެ ދަށުން، ދިވެހި މަސްވެރިންނަށް ލިބެންޖެހޭ މަންފާތައް ހިފަހައްޓައި، މަސްވެރިކަމުގެ ދޮރުތައް ބަންދުކޮށްފައިވާ ކަމަށް ތުހުމަތުކުރައްވައި، ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދައި މަސްވެރިން މަގުމަތިކޮށް ނިކަމެތި ކުރަމުންދާކަމަށާއި، މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދަވާކަމަށް ވިދާޅުވެ އެކަމުގެ ސަބަބާއި ބެހޭގޮތުންނެވެ.

މި މައްސަލާގައި މިނިސްޓަރާ ސުވާލުކުރުމަށް ހަމަޖެހިފައިވާ އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއާ އެކު އެކުލަވާލި މިނިވަން ވިޔަފާރި އެއްބަސްވުމަކީ ރާއްޖޭގެ އިގްތިސޯދަށް ފައިދާ ކުރާނެ އެއްބަސްވުމެއް ނޫން ކަމަށާއި އެ އެއްބަސްވުން މިހާރު އޮތް ގޮތަށް އަމަލު ނުކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

އެގޮތުން ރާއްޖެ އިން ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުކުރާނެ ކަމަށާއި ސަރުކާރުގެ ވިސްނުމަކީ މިނިވަން ވިޔަފާރީގެ އެއްބަސްވުން އަލުން ރިވިއު ކުރަށް ފެންނަ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެ އެއްބަސްވުމުގައި ހުރި ބައެއް ކަންކަން ރަނގަޅު ކަމަށާއި ނަމަވެސް ޖުމްލަ ގޮތެއްގައި އެ އެއްބަސްވުމަކީ އިގްތިސޯދަށް ފައިދާ ކުރާނެ އެއްބަސްވުމެއް ނޫން ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.