ފަލަސްތީނުގައި ބާއްވާ އިންތިޚާބުތައް އޮބްޒާވްކުރަން ޓީމުތައް ފޮނުވަން ތައްޔާރަށް އޮތްކަމަށް ޔޫރަޕްގެ އިއްތިހާދުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ، އީޔޫއިން ފަލަސްތީނަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ސްވެން ކުން ވޮން ބަރގްސްރޮފް، ރާމަﷲ ގައި ފަލަސްތީނުގެ ބޮޑުވަޒީރު ޑރ. މުހަންމަދު ޝްތައްޔާއާ ބައްދަލު ކުރައްވައެވެ.

އީޔޫގެ މަންދޫބު ވިދާޅުވީ، ފަލަސްތީނުގައި ބޭއްވުމަށް ތައްޔާރުވަމުންދާ އެތެރޭގެ އިންތިޚާބުތަކާއި، ޕާލަމެންޓް އިންތިޚާބާއި އަދި ރިޔާސީ އިންތިޚާބުގެ ކަންކަން މޮނިޓަރކުރުމަށް ޓީމުތައް ފޮނުވުމަށް އީޔޫ އޮތީ ތައްޔާރަށް ކަމަށެވެ.

އިރުމަތީ ގުދުސްވެސް ހިމެނޭގޮތުން ފަލަސްތީނުގައި އިންތިޚާބުތައް ބޭއްވުމަކީ އީޔޫއިން ތާއީދުކުރާ ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަމަ އެއާއެކު، އިންތިޚާބު ބޭއްވުމުގެ ކަންކަމުގައި ފަލަސްތީނުގެ ސެންޓްރަލް އިލެކްޝަންސް ކޮމިޝަނަށް ބޭނުންވާ އެހީތެރިކަންވެސް ދޭނޭކަމަށް، އީޔޫގެ މަންދޫބު ސްވެން ވިދާޅުވެފައި ވެއެވެ.

ފަލަސްތީނުގެ ބޮޑުވަޒީރު ޑރ. މުހަންމަދު ޝްތައްޔާވަނީ، ފަލަސްތީނުގައި އިންތިޚާބުތައް ބޭއްވުމުގެ މަސައްކަތަށް އީޔޫއިން ކުރާ ތާއީދަށް ޝުކުރު އަދާކުރައްވާފައެވެ.

ހަމަ އެއާއެކު، އިންތިޚާބުތަކުގައި އިރުމަތީ ގުދުސްގައި ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ހުއްދަދިނުމަށް އިސްރާއީލަށް ފިއްތުންތައް ކުރިމަތި ކޮށްދިނުމަށްވެސް ފަލަސްތީނުގެ ބޮޑުވަޒީރުވަނީ އީޔޫގެ ކިބައިން އެދިވަޑައިގެންފައެވެ.

ފަލަސްތީނުގެ އިންތިޚާބުތައް ބޭއްވުމަށް މަގުފަހި ކުރުމުގެގޮތުން ދެކޮޅުވެރިކަން ދޫކޮށް އެއްގަލަކަށް އެރުމަށް، ފަލަސްތީނުގެ އެންމެބޮޑު ދެ ޖަމާއަތް ކަމުގައިވާ ފަތުހު ޖަމާއަތާއި، ހަމާސް ޖަމާއަތުން މިހާރުވަނީ އެއްބަސްވެފައެވެ.

ރިޔާސީ އިންތިޚާބާއި، ޕާލަމެންޓް އިންތިޚާބާއި، ކައުންސިލްތަކުގެ އިންތިޚާބު، ވަކިވަކިން 3 ތާރީޚެއްގައި ބޭއްވުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިހާރު ގެންދަވަނީ، ފަލަސްތީނުގެ ޖަމާއަތްތަކާއި މަޝްވަރާ ކުރައްވަމުންނެވެ.

އެގޮތުން، ހުރިހާ ޖަމާއަތްތައް އެއްބަސްވާ ތާރީޚްތަކެއް ފަލަސްތީނުގެ ރައީސް ވަރަށް އަވަހަށް އިޢްލާން ކުރައްވާނެ ކަމަށް ފަލަސްތީނުން ލިބެމުންދާ ޚަބަރުތައް ބުނެއެވެ.

2007 ވަނަ އަހަރުން ފެށިގެން ހަމާސްއިން ޣައްޒާގައި ވެރިކަން ކުރަމުން އަންނައިރު، ފަލަސްތީނުގެ މައި ސަރުކާރު އޮންނަނީ ހިފާފައިވާ ހުޅަނގު އައްސޭރީގައެވެ. މައި ސަރުކާރު ހިންގަނީ މަހްމޫދު އައްބާސްގެ ފަތުހު ޖަމާއަތުންނެވެ.

ރިޔާސީ އިންތިޚާބާއި، ޕާލަމެންޓް އިންތިޚާބު ބާއްވަން ފަލަސްތީނުން މަސައްކަތް ކުރަމުން ގެންދާއިރު، ފަލަސްތީނުގައި އެންމެފަހުން ޕާލަމެންޓް އިންތިޚާބު ބާއްވާފައިވަނީ 2006 ވަނަ އަހަރުއެވެ.

ފަލސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ މަގާމުގެ މުއްދަތު 2013 ވަނަ އަހަރު ހަމަވެފައިވާއިރު، ރައީސްކަމުގައި އަދިވެސް ހުންނެވީ މަހްމޫދު އައްބާސްއެވެ.