ސެޕްޓެމްބަރުމަހު އާމްދަނީގެ ގޮތުގައި މީރާއަށް 843.04 މިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން ބުނެފިއެވެ.

މީރާއިން ބުނީ މިއަދަދަކީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 30.9 އިންސައްތަ މަދު އަދަދެއް ކަމަށެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި، ސެޕްޓެމްބަރު 2019 ގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު ސެޕްޓެމްބަރު 2020 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ އިޤްތިޞާދީ ހަރަކާތްތައް މަދުވެ، ޓޫރިޒަމް ދާއިރާއިން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވުމެވެ.

މިގޮތުން، ޖީ.އެސް.ޓީ އަދި ގްރީން ޓެކްސްފަދަ ޓެކުހުންވެސް މީރާއަށް ލިބިފައިވާ އާމްދަނީވެސް ވަނީ ދަށްވެފައެވެ.

މީގެއިތުރުން، ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި އިތުރުކުރެވިފައި ވުމުން، އެމުއްދަތުގައި ލިބިފައިވާ އާމްދަނީ، މީގެކުރީ އަހަރުގެ މިމުއްދަތާއި ބަލާއިރު މަދުކަންވެސް މީރާއިން ފާހަގަކުރެއެވެ.

ސެޕްޓެމްބަރު 2020 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީން ނަގާ ޓެކުހެވެ. އެގޮތުން އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 385.57 މިލިއަން ރުފިޔާ މީރާއަށް ލިބިފައިވެއެވެ.

ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ޖީއެސްޓީން ލިބިފައިވާއިރު، ސެޕްޓެމްބަރުމަހު ޖީއެސްޓީގެ ގޮތުގައި 217.16 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެއިތުރުން، ބީ.ޕީ.ޓީގެ ގޮތުގައި 150.13 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ބުނެއެވެ.

ރެސިޑެންޝަލް ޕަރމިޓްގެ ގޮތުގައި 21.06 މިލިއަން ރުފިޔާ، އަދި މުދަލު ޒަކާތުގެ ގޮތުގައި 11.07 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 58.04 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ބުނެފައިވެއެވެ.

އޮގަސްޓު 2020 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 6.74 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭކަމަށްވެސް މީރާއިން ވަނީ ބުނެފައެވެ.