ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ 24 އިންސައްތައިގެ ޑިއުޓީއަށް ލުޔެއް ހޯދުމަށް ކުރަންޖެހޭ މަޝްވަރާތައްކޮށް މިނިސްޓްރީން ހުށަހަޅަންޖެހޭ ކަރުދާސްތައް މިހާރު ވަނީ ހުށަހަޅާފައި ކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ދިވެހި ސަރުކާރުން ޗައިނާ އާއިއެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރިމެންޓްގެ ދަށުން، ދިވެހި މަސްވެރިންނަށް ލިބެންޖެހޭ މަންފާތައް ހިފަހައްޓައި، މަސްވެރިކަމުގެ ދޮރުތައް ބަންދުކޮށްފައިވާ ކަމަށް ތުހުމަތުކުރައްވައި، ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދައި މަސްވެރިން މަގުމަތިކޮށް ނިކަމެތި ކުރަމުންދާކަމަށާއި، މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދަވާކަމަށް ވިދާޅުވެ އެކަމުގެ ސަބަބާއި ބެހޭގޮތުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހުގައި މިއަދު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ، ބޮޑުކަންނެލީގެ މަސްވެރިންނަށް ރަނގަޅު އަގެއް ހޯދައިދިނުމަށް ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތަކީ ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ 24 އިންސައްތައިގެ ޑިއުޓީއަށް ލުޔެއް ހޯދުން ކަމަށެވެ.

އެގޮތުން އެކަމުގައި ކުރަންޖެހޭ މަޝްވަރާތައްކޮށް މިހާރު މިނިސްޓްރީން ހުށަހަޅަންޖެހޭ ކަރުދާސްތައް ހުށަހަޅާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ނަމަވެސް މިކަމަށް ޔޫރަޕިއަން ޔޫނިއަނުން ގޮތެއް ނިންމުމަށް ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވޭ ކަމަށާއި މަސްވެރިކަމުގެ ސިނާއަތުގައި އުފެއްދުންތެރިކަން އިތުރުކޮށް މަސްވެރިންނާއި އެކްޕޯޓަރުންގެ މަސައްކަތްތައް ފަހިކޮށްދިނުމަކީ މިނިސްޓްރީން އަބަދުވެސް އެކަމަކަށް މަސައްކަތް ކުރަމުންދާނެ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މަސްވެރިކަމުގެ ވިޔަފާރިއަށް އޮތީ ހުޅުވާލެވިފައިވާ ފުރުސަތެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ޗައިނާގެ ބާޒާރަށްވެސް ވަނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އަންނަނީ ކުރަމުން ކަމަށެވެ.

އެގޮތުން ޗައިނާއާއެކު މަސައްކަތް ފަށާފައިވީނަމަވެސް ޗައިނާގެ ގަވާއިދުތައް އޮންނަގޮތުން ވަކިކަހަލަ ސެޓްފިކޭޝަން ޕްރޮސެސްގެ ތެރެއިން އެމަސައްކަތް ކުރެވެން އޮތުމުން އެކަމުގެ މަރުހަލާތަކުގައި ކުރަންޖެހޭ މަސައްކަތްވެސް އަންނަނީ ކުރަމުން ކަމަށް މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

"އެހެންކަމުން އަޅުގަނޑުމެން ވަކި ގައުމަކާއެކު ވިޔަފާރި ނުކުރާކަށް އަދި ނުނިންމަން. މިވިޔަފާރިއަކީ ހުޅުވާލެވިފައި އޮތް ވިޔަފާރިއެއް. އެހެންކަމުން އެފުރުސަތު ހޯއްދަވައިގެން ވަދެވަޑައިގަންނަވަންވީ. އަޅުގަނޑުމެން ޗައިނާ އެކަންޏެއްނޫން ރަޝިޔާއާއި އެކުގައިވެސް މަސައްކަތް އެބަކުރަން މަސް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރެވޭތޯ."
ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު

ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެގްރިމަންޓްއާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އެކަމުގެ ކަންކަން ބަލަހައްޓަމުން ގެންދަނީ އިކޮނޮމިކް މިނިސްޓްރީއާއި ފޮރިން މިނިސްޓްރީން ކަމަށެވެ.

ރައީސް އޮފީހުން އެމަސައްކަތް ކުރުމަށް ފިޝަރީޒް މިނިސްޓްރީއާ ހަވާލުކޮށްފައި ނުވާ ކަމަށާއި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވި ގޮތަށް ފްރީ ޓްރޭޑް އެގްރިމަންޓަކީ މިވަގުތަށް އޮޕަރޭޝަނަލް އެގްރިމަންޓެއް ނޫން ކަމަށްވެސް ޒަހާ ވިދާޅުވިއެވެ.

މިއެގްރިމަންޓް ތަންފީޒުކުރުމަށްޓަކައި މަޖިލީހުން އިތުރު ގާނޫނުތަކެއް ފާސްކުރަންޖެހޭ ކަމަށާއި އެހެންކަމުން މި އެގްރިމަންޓްގެ ދަށުން މަސްވެރިންނަށް އަދި އެކްސްޕޯޓަރުންނަށް ލިބެންޖެހޭ މަންފާއެއް މިނިސްޓްރީން ހިފަހައްޓާފައި ނުވާނޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އާންމުގޮތެއްގައި މަސްވެރިންގެ ލާބައާއި މަންފާއަށްޓަކައި އަޅާފައިވާ އެކި ފިޔަވަޅުތައް ފިޔަވާ އިތުރު އެއްވެސް ހިފެހެއްޓުމެއް މިނިސްޓްރީގެ ސިޔާސަތުތަކުގެ ތެރެއިން ނުގެންގުޅެން. ސަރުކާރުގެ ވިޔަފާރީގެ ސިޔާސަތުތައް އަދި މިނިސްޓްރީގެ ސިޔާސަތުތައްވެސް ބައްޓަންކުރެވިފައިވަނީ މިފަދައިން. މަސްވެރިކަމުގެ ސިނާއަތުގައި މިހާތަނަށް ހިފެހެއްޓިފައޮތް އެންމެ ބޮޑު ކަމަކީ ކަޅުބިލަމަސް ގަނެ ޕްރޮސެސް ކުރުމުގެ ސިނާއަތް. އެކަންވެސް މިހާރު ވަކި ސިޔާސަތަކަށް ވަނީ ގެނެވިފަ."
ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު

ކޮވިޑާއި ގުޅިގެން މަސްވެރިކަމުގެ ސިނާއަތަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެގޮތުން ހުއިފިލަނޑާ ނަގާ ފަރާތްތަކާއި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުގެ ވިޔަފާރިތަކަށް ހީނަރުކަން އައިސްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިހާލަތަކީ ރާއްޖޭ ލޮކްޑައުންއަކަށްގޮސް ވައިގެ ބަނދަރު ހުއްޓުމަކަށް އައުމުން ދިމާވި ހާލަތެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.