ނ. މަނަދޫގައި ގާއިމްކޮށްފައިހުރި މީރާގެ ކަލެކްޝަން ސެންޓަރު ރަސްމީކޮށް ހުޅުވައިފިއެވެ.

އިއްޔެ ހަވީރު މަނަދޫ މީރާ ކަލެކްޝަން ސެންޓަރު ރަސްމީކޮށް ހުޅުވާފައިވާއިރު، މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ކަލެކްޝަން ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވީ ނ. އަތޮޅު ކައުންސިލްގެ ރައީސް އަލީ ޠާފިރުއެވެ.

މީރާއިން ބުނީ މަނަދޫ ކަލެކްޝަން ސެންޓަރަކީ އެސަރަހައްދަށް ނިސްބަތްވާ ރައްޔިތުންނާއި ޓެކްސް ދައްކާ ފަރާތްތަކަށް މީރާގެ ހިދުމަތްތައް ވީހާވެސް ގާތުން ދިނުމަށް މީރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުހިއްމު މަސައްކަތެއް ކަމަށެވެ.

މީރާއިން ބުނީ އަތޮޅުތެރޭގައި ހުޅުވާފައިވާ މީރާގެ އޮފީސްތަކުން މާލޭގައިވެސް ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ހުރިހާ ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށެވެ.

އޭގެ ތެރޭގައި މީރާގައި ރަޖިސްޓްރީ ކުރުމާއި، ޓެކްސް ބަޔާން ބަލައިގަތުމާއި، ޓެކްސް އަދި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަަލއިގަތުމުގެ އިތުރުން، ޓެކުހާ ގުޅުންހުރި މައުލޫމާތު ބެނުންވާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމުވެސް ހަމަޖެހިފައިވާނެ ކަމަށް މީރާއިން ބުނެއެވެ.

މިހާތަނަށް މީރާއިން ވަނީ 16 އަތޮޅެއްގައި މީރާގެ 17 އޮފީހެއް ގާއިމްކޮށް، އެ އޮފީސްތައް މެދުވެރިކޮށް އަތޮޅުތަކުގައި ދިރިއުޅޭ ޓެކްސް ދައްކާ ފަރާތްތަކަށް ހިދުމަތް ފޯރުކޮށްދޭން ފަށާފައެވެ.