ރޭޕުގެ މައްސަލަތަކުގައި ކުށްވެރިވާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ބަނގްލަދޭޝް ސަރުކާރުން އެންމެފަހުން އެއްބަސްވެއްޖެއެވެ.

ބަނގްލަދޭޝް ސަރުކާރުން މިކަމަށް އެއްބަސް މިވީ، ބަނގްލަދޭޝްގައި ރޭޕްގެ މައްސަލަތައް ގިނަވެ، އާންމުން މަގުތަކަށް ނުކުމެ ރުޅިވެރިކަން ފާޅުކޮށް ވަރުގަދަ މުޒާހަރާތަކެއް ކުރާން ފެށުމުން ސަރުކާރަށް ޕްރެޝަރ ބޮޑުވެގެންނެވެ.

އެގޮތުން، ވިމެން އެންޑް ޗިލްޑްރަން ރިޕްރެޝަން ޕްރިވެންޝަން ބިލަށް އިސްލާހް ގެންނަން، ބަނގްލަދޭޝްގެ މިނިސްޓަރުންގެ ކައުންސިލްގެ ހަފްތާ ބައްދަލުވުމުގައިވަނީ ނިންމާފައެވެ. ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ބޮޑުވަޒީރު ޝައިޚް ހަސީނާއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ކެބިނެޓް ސެކްރެޓަރީ ޚަންދުކަރު އަންވަރުލް އިސްލާމް ވިދާޅުވީ، މަރުގެ އަދަބުދޭގޮތަށް ގާނޫނަށް އިސްލާހް ގެނައުމަށް ނިންމާފައިވަނީ ކެބިނެޓް ވަޒީރުންގެ އިއްތިފާގުން ކަމަށެވެ.

ގާނޫނަށް ގެންނަން ކެބިނެޓުން ފާސްކުރި އިސްލާހްގައިވަނީ، ރޭޕްގެ ކުށް ސާބިތުވާ ކޮންމެ މީހަކަށް މަރުގެ އަދަބުދިނުމަށެވެ.

ބަނގްލަދޭޝްގައި މިހާރު އަމަލުކުރަމުންދާ ގާނޫނުގައި ރޭޕިސްޓުންނަށް ކަނޑައަޅާފައިވާ އެންމެބޮޑު އަދަބަކީ އުމުރަށް ޖަލަށްލުމެވެ.

ބަނގްލަދޭޝް ސަރުކާރުގެ ލޯ އެންޑް ޖަސްޓިސް މިނިސްޓަރ އަނީސުލް ހައްގު ވިދާޅުވީ، ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފެށުމަށް ބަނގްލަދޭޝްގެ ރައީސް މާދަމާ ރިޔާސީ ގަރާރެއް ނެރުއްވާނެ ކަމަށެވެ.

ރޭޕިސްޓުންނަށް މަރުގެ އަދަބުދޭގޮތަށް ގާނޫނަށް ބަދަލުގެނައުމަށް ގޮވާލައި ބަނގްލަދޭޝްގައި އެތައްހާސް ބަޔަކު މުޒާހަރާކޮށް، ސަރުކާރަށް ބޮޑެތި ފިއްތުންތައް ކުރިމަތިކުރަމުން ގޮސްފައި ވެއެވެ.

މައްސަލަ ހޫނުވަންފެށީ، ބަނގްލަދޭޝްގެ ވެރިރަށް ޑާކާގެ އަވަށެއްގައި މީގެ މަހެއްހާ ދުވަސްކުރިން ފިރިހެނުންގެ ގްރޫޕަކުން ގެއަކަށް ވަދެ އަންހެނަކު ރޭޕްކުރި މައްސަލަ ފެންމަތިވުމާ ގުޅިގެންނެވެ. އެ ހާދިސާ ހިނގިކަން އެނގުނީ އޭގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ ގުޅިގެންނެވެ.

މިހާދިސާގެ ކުރިން، އަންހެނަކު ރޭޕްކުރި މައްސަލައެއްގައި ވެރިކަންކުރާ ޕާޓީގެ ޒުވާނުންގެ ވިންގުގެ ބަޔަކު ހައްޔަރުކޮށް، އެކަމާ ގުޅިގެންވެސް އާންމުންގެ މެދުގައި ރުޅިވެރިކަން އައީ ފެތުރެމުންނެވެ.

މިމައްސަލަތަކާ ގުޅިގެން މިދިޔަ ހަފްތާގައި ވެރިރަށް ޑާކާގެ މަގުތަކަށް ނުކުތް މީހުންގެ ތެރޭގައި ގިނައީ އަންހެނުންނެވެ. ދެން ހިމެނެނީ، ކިޔަވާކުދިންނާއި، އެކްޓިވިސްޓުންނެވެ.

އެމީހުން ނުރުހުން ފާޅުކޮށް އަޑު އުފުލަމުން ގެންދިޔައީ، ރޭޕިސްޓުންނާއި ޖިންސީގޯނާކުރާ ފަރާތްތަކަށް މަރުގެ އަދަބުދިނުމަށެވެ.

ރިޕޯޓްތައް ބުނާގޮތުން، މިއީ މިފަހުގެ ތާރީޚެއްގައި ޖިންސީ ގޯނާގެ މައްސަލައެއްގައި މިހާ ގިނަ އަދަދެއްގެ ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާކުރި ފުރަތަމަ ފަހަރެވެ.

ބަނގްލަދޭޝްގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމައަތުން ބުނެފައިވަނީ، މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި އެކަނިވެސް ބަނގްލަދޭޝްއިން ގާތްގަނޑަކަށް 1،000 އަންހެނުން ރޭޕްކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ފަސްބައިކުޅަ އެއްބައިމީހުން ރޭޕްކޮށްފައިވަނީ ގްރޫޕްހަދައިގެން ކަމަށް ބުނެފައި ވެއެވެ.

ރޭޕްގެ ޝިކާރައަކަށްވި މީހުންގެ ތެރެއިން، ރޭޕްކުރުމަށްފަހު 43 މީހުން މަރާލާފައިވާ ކަމަށްވެސް، އެ ޖަމާއަތުން ބުނެފައި ވެއެވެ.