ސަރަހައްދީ ފެންވަރުގެ ބައިނަލްއަގުވާމީ ދެ އެވޯޑެއް ސްޓެލްކޯއަށް ލިބިއްޖެއެވެ.

ސްޓެލްކޯއަށް ލިބިފައިވަނީ "ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯ" އެވޯޑާއި، "އިމާރޖިންގ ލީޑަރ އޮފް ދި އިއަރ" ގެ އެވޯޑެވެ.

ސްޓެލްކޯއަށް މި ދެ އެވޯޑު ލިބިފައިވަނީ ވޯލްޑް އެޗްއާރުޑީ ކޮންގްރެސްއާއި، އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓް ގުޅިގެން ބޭއްވި 11 ވަނަ އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސް 2020 އިންނެވެ.

ސްޓެލްކޯއިން ބުނީ ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯގެ އެވޯޑް ސްތެލްކޯއަށް ލިބިފައިވަނީ އެކުންފުނީގެ އެންމެ މުހިންމު އެއް ރައުސުލްމާލު ކަމުގައިވާ، ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމާއި، ހިތްހަމަޖެހުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ލަފަޔާއި އިރުޝާދާއެކު، ކުންފުނިން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

އަދި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކުންފުނި ހިންގުމުގައި ޒަމާނީ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ތައާރަފުކޮށް، ބޭނުން ކުރުމާއި، ކުންފުނީގެ ހިންގުމާއި އޯވާރޯލް ޕާރފޯމެންސް އަދި ގަވަރނެންސް ހަރުދަނާވުމުގެ އިތުރުން އެކުންފުނީގެ ގްރީންލައިފް އިނިޝިއޭޓިވް ނުވަތަ ތިމާވެއްޓާއި ރައްޓެހި ހަކަތައަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމާއި، ކޮވިޑް-19 އާއި ގުޅިގެން މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެކުންފުނިން އަޅާފައިވާ އަދި އަޅަމުންގެންދާ ނަމޫނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

އަދި ސްޓެލްކޯއަކީ ރައްޔިތުންނާއި ސީދާ ގުޅިފައިވާ ކުންފުންޏަކަށް ވާހިނދު، ކުންފުނީގެ ފަރާތުން އިޖުތިމާއީ ޒިންމާ އަދާކުރުމުގައި ގެންގުޅެފައިވާ ސިޔާސަތުތަކުގެ ހަރުދަނާކަމުން ކަމަށާއި، ސިއްޙީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށްޓަކައި، އިންހައުސް ހެލްތު އިންޝުއަރޭންސް ސްކީމެއް ހަމަޖެއްސުމާއި، އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކާއި، ކުންފުނީގެ މުވައްޒަފުންނަކީ މަސައްކަތުގެ މާހައުލުގައި ތަޖުރިބާހުރި، އަދި ކުންފުނީގެ ވިޔަފާރީގެ ދައިރާއިން ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި އެއްވަރަށް އަދާހަމަ ބަޔަކަށް ހެދުމަށާއި، ކަސްޓަމަރުންނަށް ދޭން ބޭނުންވާ ހިދުމަތް އޭގެ އެންމެ ފުރިހަމަގޮތުގައި ދިނުމަށް، ތައުލީމާއި، ތަޖުރިބާ އިތުރުކުރުމަށް ތަފާތު އެކިއެކި ސްކޯލާޝިޕްތަކުގެ ފުރުސަތު ހުޅުވާލުމުން ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

މީގެއިތުރުން ހައްޖާއި، އުމްރާގެ ފުރުސަތާއި، ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުންފުނިން ކުރަމުންގެންދާ މަސައްކަތްތަށްވެސް މީގެތެރޭގައި ހިމެނޭކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

މީގެއިތުރުން އިމާރޖިންގ ލީޑަރ އޮފް ދި އިއަރގެ އެވޯޑްސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީއަށް ލިބިވަޑައިގެންފައިވަނީ ކުންފުނީގެ މުވައްޒަފުންގެ ކަންކަން ފުރިހަމަކޮށް ގެންދިއުމުގެ އިތުރުން ކުންފުންޏާމެދު ކަސްޓަމަރުންގެ މެދުގައި އޮންނަ އިތުބާރާއި، ތަސައްވަރު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރައްވަމުން ގެންދަވާ އަދި ކުރެއްވުމަށް ރާވަވާފައިވާ ކަންކަމުގެ ސަބަބުން ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

އެގޮތުން ކަސްޓަމަރުންނަށް ލުއި ފަސޭހަގޮތްތަކެއް ހޯއްދަވައިދެއްވާ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ތައާރަފްކުރަން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، ސްމާޓް މީޓަރިން ތައާރަފް ކުރުމާއި، ކަރަންޓު ކެނޑިއްޖެ ހާލަތެއްގައި އަވަސްމިނެއްގައި ކަރަންޓު ދިނުމަށްޓަކައި ޒަމާނީ ސްކާޑާ ސިސްޓަމެއް ގާއިމްކުރުމާއި، ކަރަންޓުގެ ގައުމީ ވިއުގައެއް ގާއިމް ކުރުމަށް ހިންގާ އިންޓަރކަނެކްޝަން ޕްރޮޖެކްޓް ހިމެނޭކަމަށް ސްޓެލްކޯއިން ބުނެއެވެ.

މީގެ އިތުރުންވެސް ކަސްޓަމަރުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން ގްރީންލައިފް އިނިޝިއޭޓިވްގެ ނަމުގައި ޕްރޮގްރާމެއް ފަށައި، ކުޑަ އަގެއްގައި ސޯލާ ޕެނަލް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސެވުމާއި، ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީތައް ތައާރަފް ކުރުމާއި، ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށް ގެންގުޅުއްވާ ސިޔާސަތުތައް ހިމެނެއެވެ.

މިއީ މިއެވޯޑް ދިވެހި ކުންފުންޏެއްގެ އިސްވެރިއަކަށް ލިބުނު ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.

އޮންލައިންކޮށް ބޭއްވި އެވޯޑް ހަފްލާގައި އެވޯޑް ލިބިވަޑައިގަތުމުން މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ ވަނީ 70 އަހަރުގެ ދިގުމާޒީއެއް އޮތް މިކުންފުންޏަށް މިފަދަ ޝަރަފުވެރި އެވޯޑެއް ލިބުމަކީ މިކުންފުންޏަކީ މަސައްކަތް ކުރުމަށް ޑްރީމް ކޮމްޕެނީއަކަށް ހެދުމަށް ކުރާ މަސައްކަތްތައް ވޯލްޑް އެޗްއާރުޑީ ކޮންގްރެސް ފަދަ ބަޔަކު ބަލައިގަތުން ކަމަށާއި، އެ ކަމަށްޓަކައި އުފާކުރައްވާކަމަށް ވިދާޅުވެފައެވެ.

އަދި ސްޓެލްކޯއަކީ އެންމެ ރަނގަޅު ކުންފުންޏަށް ހެދުމަށްޓަކައި ސްޓެލްކޯގެ ކުރީގެ މުވައްޒަފުންނާއި މިހާރުގެ މުވައްޒަފުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށް މުޣުނީ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، މި ހިސާބަށް ވަޑައިގެންނެވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ފުރުސަތާއި ކުރައްވާ އިތުބާރަށްޓަކައި ރައީސަށް ވަރަށް ހާއްސަ ޝުކުރެއް ވަނީ ދަންނަވާފައެވެ.

ވޯލްޑް އެޗްއާރުޑީ ކޮންގްރެސްއަކީ ހިއުމަން ރިސޯސަސް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ކޮންގްރެސްއެވެ.

ސްޓެލްކޯއާއި، މެނޭޖިންގ ޑިރެކްޓަރަށް މި އެވޯޑްތައް ލިބިވަޑައިގެންފައި ވާއިރު، މި އެވޯޑްތަކަށް އޭޝިއާ ސަރަހައްދުގެ 30 އަށްވުރެ ގިނަ ގައުމުގެ ކުންފުނިތަކުން ވަނީ ވާދަކޮށްފައެވެ.