އެންޓިކޮރަޕްޝަން ކޮމިޝަނަށް ތަހުގީގުތައް ފުރިހަމަގޮތުގަ ނުހިންގިގެންއުޅެނީ ގާނޫނު ނެތިގެން ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އިތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެެވެ.
ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން މެމްބަރު އިމްތިޔާޒް ވިދާޅުވީ، އެންޓިކޮރަޕްޝަން ކޮމިޝަނަށް ތަހުގީގުތައް ފުރިހަމަގޮތުގަ ނުހިންގިގެންއުޅެނީ ގާނޫނު ނެތިގެން ނޫން ކަމަށާއި ކޮމިޝަނުން ހިންގާ ތަހުގީގުތަކުގެ ފެންވަރަށް ބަލާލުމުން އެކަން ސާބިތުވާ ކަމަށެވެ.
އެގޮތުން ކޮމިޝަނުން ބޭނުންވާ ކަންކަމުގަ ގާނޫނު އެއްފަރާތްކޮށްފަ މީހުންގެ ނަން ކިލަނބުވާ ގޮތަށް ބޮޑެތި ކަންކަމުގަ ތަހުގީގު ހިންގަމުންދާ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ މައްސަލަ ބެލުމުގައި ކޮމިޝަން އެއްގޮތަކަށްވެސް ކުޅެދިގެންވާތަން ނުފެންނަ ކަމަށާއި އެގޮތުން މާލެ ސިޓީ ކައުންސިލުން ހަދަމުން އައި ޕާކަކާއި ގުޅިގެން މޭޔަރުގެ މައްޗަށް ދައުވާ ކުރުމަކީ ކޮމިޝަނުން ރަނގަޅަށް ކޮށްފައިވާ ތަހުގީގެއް ނޫންކަމަށްވެސް އިމްތިޔާޒް ވިދާޅުވިއެވެ.
ކޮރަޕްޝަންގެ އަމަލުތައް ނުވަތަ ދައުލަތަށް ހޯދަންޖެހޭ ފައިސާތައް ނުހޯދިގެންއުޅެނީ ގާނޫނުލްއުގޫބާތަށް އައު ކުށެއްގެ ގޮތުގައި މިކަން ނުވެގެންނޫން ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި ކޮރަޕްޝަންގެ އިތުރު ކުށްތައް ކުށެއްގެ ގޮތުގައި ނަހަދައި އޮތުމުން އޭގެ މާނައަކީ ކޮރަޕްޝަންގެ އަމަލުތަކުގެ ތަހުގީގެއް ނުހިންގޭނެ ކަމަށް އުންމީދުކޮށްގެން ތިބުމަކީ ގަބޫލުކުރައްވާ ކަމެއްވެސް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ތަގުގީގީ އިދާރާތަކުންވެސް ގާނޫނުލްއުގޫބާތަށް ގެންނަ އައު ކުށް ކުށެއްގެ ގޮތުގައި ނަހަދައި އޮތުމުން އިދާރާތަކުން ކުރަންޖެހޭ ތަހުގީގު ނުކުރެވިގެން އުޅޭކަމުގެ ވާހަކަތައްވެސް މިހާރު އަޑުއިވެމުންދާ ކަމަށާއި ކޮރަޕްޝަންގެ ކުށުގެ ތަހުގީގުކުރުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ގާނޫނީ ބާރުވެރިކަމަކުން އެންޓިކޮރަޕްޝަން ކޮމިޝަނަށް އަދި ފުލުހުންގެ އިދާރާގެ އިތުރަށް ރިޔާސީ ކޮމިޝަނަށް ލިބިގެންވާ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.
އައު ކުށް ކުށެއްގެ ގޮތުގައި ހެދުނީމަ އޭގެ ނާޖާއިޒު ފައިދާ ނަގާނެކަން ފާހަގަކޮށް މެމްބަރު ވިދާޅުވީ، ކޮރަޕްޝަންގެ އަމަލެއް ސާބިތުކުރުމުގެ ބަދަލުގަ މުއްސަނދިކަން ހޯދިމީހާ އެ ހޯދިގޮތް ސާބިތުކޮށްދޭން ޖެހުމުން އެކަމަކީ ވަރަށް އުނދަގޫ ކަމަކަށްވެގެން ހިނގައިދާނެ ކަމަށް އިމްތިޔާޒް ފަހުމީ ވިދާޅުވިއެވެ.