ރާއްޖެއިން ކޮވިޑް 19 ފެނުނުފަހުން ބަލި ފެތުރިގެން ދިޔަ މިންވަރު މިއަދާހަމައަށް މިވަނީ ވަރަށް ބޮޑުތަން ކޮންޓްރޯލް ކުރެވިފައެވެ. ކުރިން އަޅާފައިވާ ގިނަ ފިޔަވަޅުތަކެއް ނެގުމަށްފަހު، ބައެއް ފިޔަވަޅުތަކާއެކު އައު އާންމު ހާލަތަކާ ދިމާލަށް މިސްރާބު ޖަހާފައިވާއިރު ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް އެޅުމުގައި އެޗްޕީއޭއިން މިންގަނޑެއްގެ ގޮތުގައި ބަލަން ކަނޑައަޅާފައިވާ "ޕްރިއޮރިޓީ އީޒް ޕްލޭން އިންޑިކޭޓާ ސްކޯ" ހަތަރަކަށް ވަނީ ދަށްވެފައެވެ. މި ސްކޯއަކީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާ ގުޅޭގޮތުން އެޗްޕީއޭއިން ކަނޑައަޅާފައިވާ ޕްލޭނާ އެއްގޮތަށް ކުރިއަށް ދެވިދާނެކަން އަންގައިދޭ މިންވަރެވެ.

މިދިޔަ އޮގަސްޓް މަހުގެ 12 އިން 18 އާ ދެމެދު މި ސްކޯ 9 އަކަށް އެރިއެވެ. އެ އަށްވުރެ އެންމެ ނަންބަރެއް މައްޗަށް ޖެހުނަސް، އެއީ ބަލި ކޮންޓްރޯލް ކުރުމުގެ އެންމެ ހަރުކަށި ފިޔަވަޅުތައް އަޅަންޖެހޭ ހިސާބުކަމަށް އެޗްޕީއޭ އިން އޮންނަނީ ކަނޑައަޅާފައެވެ.

ގިނަ ބައެއްގެ ބުރަ މަސައްކަތުން މިކަން މިހިސާބަށް އައިއިރު، މިއީ އަދަދަށް ބަލައިގެން ފަރުވާ ކުޑަކުރަންވީ ވަގުތެއް ނޫނެވެ. މިއީ އަދަދާއިއެކު އެންމެންވެސް އިތުރު ހިތްވަރަކާއިއެކު އިތުރު ބާރެއް ލައިގެން، އެޗްޕީއޭގެ ގައިޑްލައިންތަކަށް ބޯލަނބާ، މި ބައްޔާއިމެދު އެންމެ ސަމާލުކަން ދޭންވީ ވަގުތެވެ.

ޑރ. ނަޒްލާ ރަފީގު ވަނީ އާންމުންގެ ފަރާތުން މިހާރުވެސް ލިބެމުންދާ އެއްބާރުލުން ކުރިއަށް އޮތްތާނގައިވެސް ދެއްވުމަށް އެދިވަޑައިގެންފައެވެ. ކޮވިޑް ކޭސްތައް މަދުވުމަކީ ނުވަތަ ދަށަށް ދިޔުމަކީ މާލެއިން ކޮވިޑް ނެތިގެން ދިޔުން ނޫންކަމަށާއި ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު މަދުވަމުން ދިޔުމަކީ ރަގަޅުކަމެއްކަން ޑރ ނަޒްލާ ފާހަގަކުރެއްވިއެވެ. މިއީ ސިއްހީ ފަރާތްތަކުން ކުރައްވަމުންދާ ބުރަ މަސައްކަތްތަކާއި، އެ ފަރާތްތަކުގެ ވާހަކަތައް އާންމުން އަޑު އެހުމުގެ ނަތީޖާއެވެ. އެހެންކަމުން އެކަމަށް އެންމެންވެސް އުފާކުރަންޖެހެއެވެ. އެހެންނަމަވެސް ވިސްނަންޖެހެނީ ކޮވިޑް ކޭސްތައް މަދުވި ނަމަވެސް އަދިވެސް ބަލި އެއްކޮށް ފިލައިގެން ނުދާކަމެވެ. މުޅި ދުނިޔެއަށްވެސް އަދި މިކަމަށް ޚާއްސަ ވެކްސިނެއް ހޯދިފައި ނެތްކަމެވެ. އެހެންކަމުން މި ރާއްޖޭގައިވެސް އަދިވެސް ބައެއް ފިޔަވަޅުތައް އެގޮތުގައި ބަހައްޓަން ޖެހެއެވެ. އެގޮތަށް އާންމުންވެސް އަމަލުކުރަންޖެހެއެވެ.

ގްރޫޕު ހަދާފައި ބޭރުތެރޭގައި ނޫޅުމާއި، 5 މީހުންނަށްވުރެ ގިނަ މީހުން އެކީގައި ބޭރުގައި ނޫޅުމާއި ކުޅިވަރު ކުޅޭއިރުވެސް ގިނަ މީހުން އެއްވެ ކުޅޭ ކުޅިވަރުތައް މި ދުވަސްވަރު ނުކުޅުމާއި، ކަސްރަތަށް ނުކުންނަ އިރުވެސް މިކަމަށް ސަމާލުކަންދީ ޚާއްސަކޮށް މާސްކް ނާޅާ އުޅެންޖެހޭ ހާލަތްތަކުގައި ގިނަ މީހުން އެއްވެ ނޫޅުން މިއީ ވިސްނަންޖެހޭ ކަންތައްތަކެވެ. އަދި ހަމަ އެހެންމެ ގައިދުރުކޮށް އުޅުމާއި، ޕާޓީތައް ނުބޭއްވުމާއި މަސް ދަތުރުތައް ނުބޭއްވުމާއި ޕިކްނިކްތައް ބޭއްވުންފަދަ ކަންކަން ނުކުރުން މިއީ ކުރަންޖެހޭކަންތަކެެވެ. ޖުމްލަކޮށް ދަންނަވަނީނަމަ ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ގެއިން ބޭރަށް ނުނިކުތުމަކީ މިކަމަށް އޮތް ހައްލެވެ.

މި ބައްޔަށް ވެކްސިނެއް ލިބިގެން އަޅުގަނޑުމެންނާއި ހަމައަށް އައިސް އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ޖެހި، އޭގެ ސަބަބުން ރައްކާތެރިކަން ލިބެންދެން އަޅުގަނޑުމެން އެބަ ޖެހޭ ކޮވިޑާއިއެއްކޮށް އުޅެން ދަސްކުރަން. ކޮވިޑް އައުމުގެ ކުރިން އުޅުނު ދިރިއުޅުމަށް އަނބުރާ ކޭސް މަދުވުމަކުން ދެވޭކަށްނެތް. މިހާރު މި އެޅިފަ ހުރި ފިޔަވަޅުތަކާއި އެއްކޮށް އުޅެންޖެހޭނީ. ކުރިންވެސް ފިޔަވަޅުތަކަށް ލުއި ދިނުމުން ކުއްލިއަކަށް ޕީކެއް އައީ. އެެހެންވީމަ މިފަހަރުވެސް އެ ފުރުސަތު އަނެއްކާވެސް އޮންނާނެ އަޅުގަނޑުމެން އަތްދޮވުމާއި، މާސްކްއެޅުމާއި ގައިދުރުކަން ބެހެއްޓުމާއި މިކަންކަމަށް ސަމާލުކަން ނުދެވޭކަމަށްވާނަމަ.
ޑރ. ނަޒްލާ

ކޭސްތައް މިހާރު މަދުވެފައިވަނީ ފަރުދީ ޒިންމާ އަދާކުރެވެމުންކަމަށްވާތީ އެފަދައިން އަދިވެސް މަސައްކަތް ކުރުމަށް ޑރ ނަޒްލާ ވަނީ އެދިވަޑައިގެންފައެވެ.

މިހާރު ދީފައިވާ ލުއިތަކާއިއެކު އަޅުގަނޑުމެންގެ އަމަލުތައް ގައިޑްލައިންތަކާއި ޚިލާފަށް ހުންނަނަމަ ކޮވިޑްގެ ތިންވަނަ ރާޅެއް ބިންދާލުން ވަރަށް ގާތެވެ. އެކަމުގެ ސަބަބުން އަނެއްކާވެސް ކުރި މަސައްކަތް ބޭކާރުވެ، އިތުރު ވެއްޓުމަކަށް ދިޔުމަކީ އެކަށީގެންވާކަމެވެ.