ދެވަނަ ފިޔަވަހީގައި އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް 250،000 މީހުންނަށް ފުރުސަތު ދިނުމަށް ސައުދީ ސަރުކާރުން ނިންމައިފިއެވެ.

ފުރަތަމަ ފިޔަވަހީގައި އުމްރާގެ އަޅުކަމަށް މި އޮކްޓޫބަރުމަހުގެ 4 ވަނަ ދުވަހު ހުޅުވާލިއިރު، ސައުދީ ސަރުކާރުން ބުނެފައިވަނީ، ދެވަނަ ފިޔަވަހި މިމަހުގެ 18 ވަނަ ދުވަހު ހުޅުވާލާއިރު އުމްރާގެ އަޅުކަމަށް ފުރުސަތު ދޭނީ 15،000 މީހުންނަށް ކަމަށެވެ.

އަދި މަސްޖިދުލް ޙަރަމާއި މަސްޖިދުއް ނަބަވީގައި ނަމާދުކުރުމަށް ފުރުސަތުދޭނީ 40،000 މީހުންނަށް ކަމަށްވެސް ބުނެފައި ވެއެވެ.

އެހެން ނަމަވެސް، ސައުދީ ސަރުކާރުގެ ނޭޝަނަލް ކޮމިޓީ ފޮރ ހައްޖު އެންޑް އުމްރާގެ މެމްބަރ ހާނީ އަލް އުމައިރީ ވިދާޅުވީ، ދެވަނަ ފިޔަވަހީގެ ދަށުން އުމްރާގެ އަޅުކަމަށް 250،000 މީހުންނަށް ފުރުސަތު ދިނުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

އަދި މާތްވެގެންވާ ދެ މިސްކިތުގައި ނަމާދުކުރުމަށް 600،000 މީހުންނަށް ފުރުސަތު ދިނުމަށްވެސް ސަރުކާރުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ދަށުންވެސް އުމްރާގެ އަޅުކަމަށް އާދެވޭނީ ސައުދީ އަރަބިއްޔާގެ ރައްޔިތުންނަށާއި، އެގައުމުގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މީހުންނަށް އެކަންޏެވެ.

ހަމަ އެއާއެކު، އުމްރާގެ އަޅުކަމަށް ދެވަނަ ފިޔަވަހީގެ ދަށުން ފުރުސަތު ހުޅުވާލާއިރު، މަސްޖިދުލް ޙަރަމްގެ އިތުރުން، މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީއާއި، އެ މިސްކިތް ހުންނަ ސަރަހައްދަށާއި، ރައުދާ ޝަރީފަށް ޒިޔާރަތްކުރުމުގެ ފުރުސަތު އުމްރާވެރިންނަށް ހުޅުވާލަންވެސް ސައުދީ ސަރުކާރުން ވަނީ ނިންމާފައެވެ.

އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް ބޭނުންވާ ފަރާތްތަކާއި، މަސްޖިދުލް ޙަރަމަށާއި، ރައުދާ ޝަރީފަށް ޒިޔާރަތްކުރަން ބޭނުންވާ މީހުން، އެކަމަށް ކަނޑައަޅާފައިވާ ޚާއްސަ އެޕްލިކޭޝަނެއް މެދުވެރިކޮށް ކުރިން ރަޖިސްޓަރީ ކުރަންޖެހެއެވެ.

ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ދަށުން އުމްރާގެ އަޅުކަން ފުރިހަމަ ކުރުމުގެ ފުރުސަތު ސައުދީ އަރަބިއްޔާގެ ރައްޔިތުންނަށާއި، ސައުދީގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މީހުންނަށް ލިބިގެންދާއިރު، ދުނިޔޭގެ އެހެން ގައުމުތަކުން މީހުންނަށް އުމްރާގެ އަޅުކަން ފުރިހަމަކުރުމަށް ސައުދީއަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ދޭން ނިންމާފައިވަނީ ތިންވަނަ ފިޔަވަހީގެ ދަށުންނެވެ.

ތިންވަނަ ފިޔަވަހި ހުޅުވާލަން ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރުމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ނޭޝަނަލް ކޮމިޓީ ފޮރ ހައްޖު އެންޑް އުމްރާގެ މެމްބަރ ހާނީ އަލް އުމައިރީ ވިދާޅުވީ، ކޮވިޑް ބަލިމަޑުކަމުގެ ހާލަތު ހުރިގޮތުން އުމްރާގެ އަޅުކަމަށް މީހުން ފޮނުވަން ފުރުސަތު ލިބޭނީ ކިތައް ގައުމަށް ކަމެއް އަދި ސާފު ނުވާކަމަށެވެ.

"އުމްރާގެ އަޅުކަމަށް މީހުންނަށް އާދެވޭނެ ގައުމުތަކުގެ ތަފްސީލުތައް ކަމާބެހޭ ފަރާތްތަކުން ވަރަށް އަވަހަށް ހާމަކުރާނެ ކަމުގެ އުންމީދުގައި އެންމެންވެސް ތިބީ"
ހާނީ އަލް އުމައިރީ

ތިންވަނަ ފިޔަވަހީގެ ދަށުން އުމްރާގެ އަޅުކަމަށް މާތްވެގެންވާ ދެމިސްކިތުން ދުވާލެއްގެ މައްޗަށް 20،000 މީހުންނަށް ޖާގަ ދިނުމަށާއި، އަދި ނަމާދަށް އަންނަ 60،000 މީހުންނަށް ޖާގަ ދިނުމަށް ނިންމާފައިވާ ކަމަށް ސައުދީ ސަރުކާރުން ކުރިން ހާމަކޮށްފައި ވެއެވެ.

އަދި ކޮރޯނާވައިރަހުގެ ބަލިމަޑު ހާލަތުގެ ނުރައްކާ ނެތިއްޖެކަން ރަސްމީގޮތުން ކަނޑައަޅައި އިޢްލާން ކުރަންދެން އުމްރާގެ އަޅުކަމަށާއި، ނަމާދަށް މިސްކިތްތަކުން ޖާގަދެމުން ގެންދާނީ އެ އަދަދަށް ކަމަށްވެސް ބުނެފައި ވެއެވެ.

އެކަމަކު ދެވަނަ ފިޔަވަހީގެ ދަށުން އުމްރާގެ އަޅުކަމަށް ފުރުސަތު ދޭން ނިންމި މީހުންގެ އަދަދު 250،000 އަށް އިތުރުކުރުމުން، ސައުދީ އަރަބިއްޔާއިން ބޭރުން އަންނަން ފުރުސަތުދޭނެ މީހުންގެ އަދަދުވެސް ވަރަށް ބޮޑުތަނުން އިތުރުކުރާނެ ކަމަށް ބެލެވިފައި ވެއެވެ.

އުމްރާގެ އަޅުކަމަށް ދިއުމަށް ގައުމުތަކަށް ޖާގަދޭނޭ ގޮތާ ބެހޭގޮތުގެ ތަފްސީލެއް ސައުދީ ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ. ހަމައެކަނި ބުނެފައިވަނީ، އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދިއުމަށް ފުރުސަތުދޭނީ ކޮވިޑްބަލީގެ ރިސްކުނެތް ގައުމުތަކަށް ކަމަށެވެ.

އުމްރާގެ އަޅުކަމަށް ދިއުމަށް ހަތަރުވަނަ ފިޔަވައްސެއްވެސް ސައުދީ އަރަބިއްޔާއިން ކަނޑައަޅާފައި ވެއެވެ.

ހަތަރުވަނަ ފިޔަވަހީގައި ސައުދީ އަރަބިއްޔާގެ ރައްޔިތުންނާއި، ސައުދީގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މީހުންނާއި އަދި ދުނިޔޭގެ އެހެން ގައުމުތަކުގެ މީހުންނަށް އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ޒިޔާރަތްކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލަން ވަނީ ކަނޑައަޅާފައެވެ. އެގޮތުން، މަސްޖިދުލް ހަރަމާއި، މަސްޖިދުއް ނަބަވީގެ އާންމު ޖާގައިގެ 100 އިންސައްތަ ޖާގަ އަޅުވެރީންނަށް އާންމުކޮށް ހުޅުވާލެވޭނެ ކަމަށް ސައުދީ ސަރުކާރުން ބުނެފައި ވެއެވެ.

އެހެން ނަމަވެސް، ހަތަރުވަނަ ފިޔަވަހި ހުޅުވާލާނެ ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ. ހަމައެކަނި ބުނެފައިވަނީ، ހަތަރުވަނަ ފިޔަވަހީގެދަށުން އުމްރާގެ އަޅުކަމަށް ސައުދީއަށް ދިއުމަށް އާންމުކޮށް ހުޅުވާލާނީ ކޮރޯނާވައިސް ބަލިމަޑު ހާލަތު އެއްކޮށް ނެތިއްޖެކަމަށް ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުން ކަމަށެވެ.