ޗައިނާއިން ފަންޑުކޮށް ސްރީލަންކާގެ ހަމްބަންޓޯޓާގައި ހަދާފައިވާ ފުންކަނޑުގެ ބިޔަ ބަނދަރަކީ ޗައިނާއިން ޖެހި "ދަރަނީގެ ދަންތުރައެއްކަމަށް" ދެކިވަޑައި ނުގަންނަވާ ކަމަށް ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ރައީސް މިހެން ވިދާޅުވީ، ސްރީލަންކާއަށް ވަޑައިގެންނެވި ޗައިނާ ސަރުކާރުގެ އިސް ޑިޕްލޮމޭޓް އަދި ޗައިނާގައި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ އިސް މެމްބަރު ޔަންގް ޖީޗީއާ ކޮޅުނބުގައި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ރައީސް ގޮޓަބާޔަ ރާޖަޕަކްސަ ދެއްކެވި ވާހަކަފުޅުތައް ސްރީލަންކާ ރައީސްގެ އޮފީހުން ބަޔާނެއްގެގޮތުގައި އާންމުކޮށްފައި ވެއެވެ.

ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަ ވިދާޅުވެފައިވަނީ، ހަމްބަންޓޯޓާ ބަނދަރު މަޝްރޫއަކީ "ދަރަނީގެ ދަންތުރައެއް" ކަމަށް ބުނެ، ސިޔާސީގޮތުން ތަފާތު ވާހަކަތައް ދައްކަމުންގެންދާ ކަމަށެވެ.

އެހެންނަމަވެސް، ހަމްބަންޓޯޓާ ބަނދަރު މަޝްރޫއަކީ ސްރީލަންކާއަށް އާމްދަނީ ލިބޭނެ މަގެއްގެއިތުރުން، ސްރީލަންކާގެ ރައްޔިތުންނަށް ވަޒީފާގެ އެތައް ފުރުސަތެއް ފަހިވެގެންދާނެ މަޝްރޫއެއްގެ ގޮތުގައި ދެކިވަޑައި ގަންނަވާ ކަމަށް ސްރީލަންކާގެ ރައީސް ވިދާޅުވެފައިވެއެވެ.

އަދި ހަމްބަންޓޯޓާ ބަނދަރު މަޝްރޫއަކީ، ޚާއްސަކޮށް އެ ބަނދަރު ހިމެނޭ ސަރަހައްދުގައި ދިރިއުޅޭ ސްރީލަންކާ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އެހީތެރިވެދޭނޭ މަޝްރޫއެއް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ހަމްބަންޓޯޓާ ބަނދަރު މަޝްރޫއަކީ "ދަރަނީގެ ދަންދުރައެއް" ނޫންކަން ސާބިތުކޮށްދެއްވަން ބޭނުންފުޅުވާ ކަމަށްވެސް ސްރީލަންކާގެ ރައީސް ވިދާޅުވިއެވެ.

ޗައިނާއިންވަނީ ސްރީލަންކާގައި އުމްރާނީ ތަރައްގީގެ ބޮޑެތި އެތައް މަޝްރޫއުތަކެއް ހިންގުމަށް އެހީވެދީފައެވެ. އޭގެ ތެރޭގައި، ހަމްބަންޓޯޓާ ފުންކަނޑުގެ ބަނދަރާއި، ކޮލަމްބޯ ޕޯޓު ސިޓީ މަޝްރޫއާއި، ސަދަން އެކްސްޕްރެސްވޭ މަޝްރޫއުވެސް ހިމެނޭކަން ސްރީލަންކާގެ ރައީސް ފާހަގަ ކުރައްވާފައި ވެއެވެ.

ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަ ވިދާޅުވީ، ހަމްބަންޓޯޓާގައި ބައިނަލްއަގްވާމީ ކަނޑުގެ ބަނދަރެއް ހެދުމުގެ ޚިޔާލަކީ ޗައިނާގެ ޚިޔާލެއް ނޫން ކަމަށާއި، އެ ޚިޔާލަކީ ސްރީލަންކާގެ ޚިޔާލެއް ކަމަށެވެ.

ސްރީލަންކާގެ ރައީސްގެ ވާހަކަފުޅުގައި، ޗައިނާ-ސްރީލަންކާ ގުޅުމާމެދު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ޗައިނާއަކީ ސްރީލަންކާގެ ޒަމާންވީ ރަހްމަތްތެރިއެއްކަމަށްވެސް ވިދާޅުވިއެވެ.

ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަވަނީ ޗައިނާއަށް އެތައް ފަހަރެއްގެމަތިން ވަޑައިގެން، ޗައިނާގައި ހިނގަމުންދާ ތަރައްގީގެ އެކިއެކި މަޝްރޫއުތައް، ޚާއްސަކޮށް ރަށްފުށުގެ ތަރައްގީއަށް ޗައިނާއިން ހިންގަމުންގެންދާ އެތައް މަޝްރޫއުތަކެއް ބައްލަވާލައްވާފައެވެ.

ރައީސް ގޮޓަބާޔަ ވިދާޅުވީ، އޭނާގެ އަމާޒަކީ ހަމަ އެ ޒާތުގެ މަޝްރޫއުތައް ސްރީލަންކާއަށް ގެނެސް، ޚާއްސަކޮށް ރަށްފުށުގެ ތަރައްގީއަށް އެފަދަ މަޝްރޫއުތައް ހިންގައި، ޚާއްސަކޮށް ފަގީރުންނާއި، ސްރީލަންކާގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އެހީތެރިވުމަށް ކަމަށެވެ.

ވެރިކަމަށް ވަޑައިގެން ސްރީލަންކާގެ ނޫހަކަށް ދެއްވި ފުރަތަމަ އިންޓަރވިއުގައި، މިދިޔަ ނޮވެމްބަރުމަހު ސްރީލަންކާގެ ރައީސް ގޮޓަބާޔަ ވިދާޅުވެފައިވަނީ، ހަމްބަންޓޯޓާ ބަނދަރު 99 އަހަރަށް ޗައިނާއަށް ދިނުމަކީ ކުރީގެ ސަރުކާރުން ހެދި ވަރަށް ބޮޑު ގޯހެއް ކަމަށާއި، ކުރީގެ ސަރުކާރުގެ އެނިންމުމާމެދު އަލުން ވިސްނުމަށް ބޭނުންފުޅު ވާކަމަށެވެ.

ހަމްބަންޓޯޓާ ކަނޑުގެ ބަނދަރާއި، އެ ބަނދަރު ހިމެނޭ ސަރަހައްދުގެ ބިމުގެ ބޮޑުބައެއް ކުރީގެ ސަރުކާރުން ޗައިނާ ސަރުކާރުގެ ކުންފުނި މާޗަންޓްސް ޕޯޓް ހޯލްޑިންސް (ސީއެމްޕޯޓްސް) އަށް ދިގު މުއްދަތަކަށް 2017 ވަނަ އަހަރު ދޭން ނިންމުމުން ސްރީލަންކާގައި ވަރުގަދަ މުޒާހަރާތަކެއްވެސް ފެށިގެންދިޔައެވެ.

ސްރީލަންކާއިން ދަރަނި އަދާކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން ހަމްބަންޓޯޓާ ބަނދަރުގެ ހިއްސާ ސީއެމް ޕޯޓްސްގެ ނަމަށް ބަދަލުކުރީ ލަންކާ ސަރުކާރުން ޗައިނާއަށް ދަރާފައިވާ 8 ބިލިއަން ޑޮލަރު ދައްކަންޖެހޭތީ ފައިސާގެގޮތުން އެކަން ކުރެވެން ނެތުމުން ކަމަށް އޭރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެފައިވެއެވެ.

ހަމްބަންޓޯޓާ ބަނދަރަކީ ލަންކާގެ މިހާރުގެ ބޮޑުވަޒިރު މަހިންދަ ރާޖަޕަކްސަ ރައީސްކަމުގައި ހުންނެވިއިރު، ޗައިނާއިން އެތައް ބިލިއަން ޑޮލަރެއްގެ ލޯނު ނަންގަވައިގެން ހިންގެވި މަޝްރޫއުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް މަޝްރޫއެވެ.