އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް އުންގެ މުޅިން ތަފާތު ސިފަތަކެއްފެނި، މީޑިއާއިން ހައިރާންކަން ފާޅުކުރަމުން އެބަގެންދެއެވެ.

މިދިޔަ ހަފްތާ ބަންދުގައި އުތުރު ކޮރެއާގައި ބޭއްވި އެންމެފަހުގެ ހަތިޔާރުގެ އުފެއްދުންތައް ދައްކާލުމުގެ ޕެރޭޑްގައި ލީޑަރ ކިމް ޖޮންގް އުންވަނީ ވަރަށް އަސަރުން ފުރިގެންވީ ތަގްރީރެއް ދެއްވާފައެވެ. ތަގްރީރުގެ ވަކި ހިސާބަކުން ކިމް ފެންކަޅިވިއެވެ. އޭނާގެ އަޑު ތުރުތުރުއަޅަންފެށިއެވެ.

ޓީވީތަކުން ވަގުތުން ދުރަށް ދައްކަމުންގެންދިޔަ ތަގްރީރުގައި ކެމެރާތައް ކުއްލިއަކަށް ކަނޑާލިއެވެ. އިރުކޮޅެއްފަހުން ފެނުނީ ކިމް ޖޮންގް އުން ކުޑަރުމާ ބާއްވާތަނާއި، އައިނުކޮޅު އަޅުއްވާތަނެވެ.

އެހެންކަމުން، އެއީ ލޯފުޅުން ކަރުނަފޮދު ފޮހެލުމަށްފަހު ކުޑަރުމާ ބޭއްވިވަގުތު ކަމަށް މީޑިއާއިން ލަފާކުރެއެވެ. އެކަމަކު، ސީދާ އެމަންޒަރެއް ޓިވީން ނުދައްކައެވެ.

ކިމް ޖޮންގް އުންގެ ތަގްރީރުގައި، އުތުރު ކޮރެއާ ސިފައިންނާއި، ރައްޔިތުން ދައްކަމުންގެންދާ ވަފާތެރިކަމަށް، ސިފައިންނަށާއި އާންމުންނަށް ތަކުރާރުކުރައްވައި ޝުކުރު އަދާކުރައްވާފައި ވެއެވެ.

ހަމަ އެއާއެކު، މުޅި ދުނިޔެ ކޮރޯނަވައިރަސްގެ ބަލިމަޑުހާލަތު ތަހައްމަލްކުރަމުންދާ މި ދަނޑިވަޅުގައި އުތުރު ކޮރެއާގެ ރައްޔިތުން ބަލިން ސަލާތްވެ ރައްކާތެރިވެތިބި ކަމަށްޓަކައިވެސް ކިމްވަނީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ޖިމް ޖޮންގް އުން ވިދާޅުވީ، އުތުރު ކޮރެއާގެ އެންމެ މީހަކަށްވެސް ކޮވިޑްބަލި އަދި ނުޖެހޭ ކަމަށެވެ.

އުތުރު ކޮރެއާގައި އެކަން ކާމިޔާބުވެފައިވަނީ ކިމް އެޅުއްވި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ކަމަށްވެސް ބެލެވިފައި ވެއެވެ.

ދުނިޔޭގައި ކޮވިޑްބަލި ފެތުރޭން ފެށުމުން ކިމް ޖޮންގް އުންވަނީ، ޖެނުއަރީމަހުން ފެށިގެން އުތުރު ކޮރެއާގެ ހުރިހާ ސަރަހައްދީ އިންތަކެއް ބަންދުކުރައްވާފައެވެ.

ކިމް ޖޮންގ އުންގެ ތަގްރީރުގައި، ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށް ނުދެވޭ ކަމަށްޓަކައި އުތުރު ކޮރެއާގެ ރައްޔިތުންގެ ކިބައިން މައާފަށްވެސް އެދިވަޑައިގެންނެވިއެވެ.

"އަޅުގަނޑަށް އެނގޭ، އުޑުގެ އުސްމިނަށް، ކަނޑުތަކުގެ ފުންމިނަށް ރައްޔިތުން އަޅުގަނޑަށް އިތުބާރުކުރާކަން. އެކަމަކު، އެ އިތުބާރު އެންމެ ފުރިހަމަގޮތުގައި ދެމެހެއްޓުމުގައި އަޅުގަނޑުވަނީ ފެއިލްވެފައި. އެކަމަށްޓަކައި ނިހާޔަތަށް މައާފަށް އެދެން"
ކިމް ޖޮންގް އުން

މިއީ، މިފަހުން އުތުރު ކޮރެއާގެ ލީޑަރ، މައާފަށް އެދިވަޑައިގެންނެވި ދެވަނަ ފަހަރެވެ.

އުތުރު ކޮރެއާގެ ކަނޑުގެ ސަރަހައްދުން ދެކުނު ކޮރެއާގެ ރައްޔިތަކު މަރާލެވުނު ކަމަށްޓަކައި ކިމް މައާފަށް އެދިވަޑައިގެންނެވި ކަމަށް، ދެކުނު ކޮރެއާގެ ރިޔާސީ ގަނޑުވަރުން މިދިޔަ ސެޕްޓެމްބަރުމަހު ބުނެފައި ވެއެވެ.

ކިމް ޖޮންގް އުންގެ ތަގުރީރުގައި، ރައްޔިތުން ދީފައިވާ އިތުބާރު ދެމެހެއްޓުމާއި، ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދިނުމަށް އިތުރަށް ގަދައަޅައި މަސައްކަތް ކުރައްވާނޭ ކަމަށްވެސް ވައުދުވެވަޑައި ގެންފައި ވެއެވެ.

ކިމް ވިދާޅުވީ، އޭނާގެ ހަށިކޮޅު އިރައި ކުދިކުދި ކޮށްލިޔަސް، ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދިނުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރައްވާނޭ ކަމަށެވެ.