ފަތުރުވެރިކަމުގެ ދާއިރާގެ ޗެންޕިއަނުންނަކީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ދާއިރާ ކޮޅަށްޖެހުމަށްޓަކައި މަސައްކަތް ކުރި ގިނަ މުވައްޒަފުން ކޮވިޑުގެ މިހާލަތާއި ގުޅިގެން ވަޒީފާ ގެއްލިފައިވާތީ އެކަމާ ގުޅިގެން ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ ޗެންޕިއަނުންނަކީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބުގެ ސިއްރަކީ ހީވާގި ދިވެހި މުވައްޒަފުން ކަމަށާއި ކޮވިޑާއި ގުޅިގެން އެންމެ ބޮޑު އަސަރެއްކުރީވެސް އެ މުވައްޒަފުންނަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ ތެރޭގައި ގެސްޓް ހައުސްތައް ހިންގާ މީހުނާއި ރިސޯޓްތައް ހިންގާ މީހުން އަދި ސަފާރީތައް ހިންގާ މީހުންނަށް ލިބުނު ގެއްލުން ބޮޑު ކަމަށާއި ނަމަވެސް ގިނަ ތަންތަނުން ނިންމައިގެން ތިބީ ތިން މަހެއްހާ ދުވަހުގެ ތެރޭގައި ބަލިމަޑުކަން ފިލައިގެން ހިނގައިދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ތިން މަސް ތެރޭ ވަރަށް ގިނަ ތަންތަނުން ހިފަހައްޓާލި. ނަމަވެސް ތިން މަހަށްވުރެ ދުރަށްދާން ފެށީމަ އެ ބޭފުޅުންނަކަށްވެސް ނުހިފެހެއްޓުނު. އޭގެ ނަތީޖާއަކަށްވީ މުވައްޒަފުންނަށް ނޯޕޭ ދިނުން. ބައެއް މުވައްޒަފުން ވަކިކުރުން. އަނެއް ބައެއްގެ މުސާރަ ކުޑަކުރުން. އެކި ސަބަބުތަކާ ހުރެ ރިސޯޓުތައް ބަންދުކުރުން. އިންޑަސްޓްރީ ހުއްޓުމަކާ ހަމައަށް އައުމާ ގުޅިގެން ވަރަށް ބޮޑު އަސަރެއް ދާއިރާއަށް ކުރި."
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

ވަޒީފާ ގެއްލުނު މީހުނަށް ވަޒީފާ އަނބުރާ ލިބުމަކީ ކުރައްވާ އުންމީދެއްކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ މުވައްޒަފުންނާއި ނުލާ އެއްވެސް ވިޔަފާރިއެއް ނުހިނގާނެ ކަމަށެވެ. އަދި މޮޅު މެނޭޖްމަންޓަކުން މުވައްޒަފުންނަށް ދެރަގޮތެއް ހަދައިގެން ކާމިޔާބުވާނެ ކަމަށް ނުވިސްނާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ވަގުތަކީ ކޮވިޑުގެ ހާލަތުކަމުގައިވީނަމަވެސް ކޮވިޑުން އަރައިގެން މުސްތަގުބަލަކަށްދާއިރު ބޮޑެތި މުސާރަލިބޭ ދިވެހިން އަދާކުރާހިތްވާ ވަޒީފާތަކުގައި ދިވެހިން ތިބުމަކީ ކުރައްވާ އުންމީދެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައިވެސް ޓޫރިޒަމް ފީލްޑުގައި ރޮނާލްޑޯ އަދި މެސީ ފަދަ މީހުންނަށް ވަޒީފާލިބޭނެ. އެންމެ އަޕްމާކެޓުގައިވެސް ދިވެހިން ވަޒީފާތަކުގަ އެބަތިބި."
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިންނަށް ހަމަހަމަ ފުުރުސަތު ހޯދައިދިނުމަށް އެމަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށާއި ނަމަވެސް މިކަމަށް ހައްލު ހޯދާނީ ގާނޫނަކުން ނޫން ކަމަށާއި ވިޔަފާރި މޮޑެލްއަކުން ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މުޅި ރާއްޖޭގެ އާބާދީއާއި އިގްތިސޯދު ފުޅާވެގެން އަންނަ މިންވަރާ އަޅާބަލާފަ ހުރިހާ ވަޒީފާތަކަކަށް ދިވެހިންނެއް ނުލިބޭނެ ކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ ބޭނުމަކީ ދިވެހިން އަދާކުރާހިތްވާ ބޮޑު މުސާރަލިބޭ ވަޒީފާތަކަށް ދިވެހިން ދިޔުން ކަމަށެވެ.