ލޯކަލް ޓޫރިޒަމްގެ ޚިދުމަތްދޭން ފަށާ ރަށްރަށުގައި މާސްކް އަޅައިގެން އުޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވައިފިއެވެ.

މިކަމާ ގުޅޭގޮތުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި އެންގުމުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކައުތެރިކަމަށްޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްސަ ފިޔަވަޅުތައް އެޅުމަށް މަގުފަހި ކުރުމުގެގޮތުން، އެ ގާނޫނުގެ 33 ވަނަ މާއްދާގެދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް 12 މާރޗް 2020 ގައި މިނިސްޓަރ އޮފް ހެލްތު އިޢްލާން ކޮށްފައިވާއިރު، އެ ގާނޫނުގެ 34 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސއްޔަތުން 2020 އޮކްޓޫބަރު 15 ވަނަ ދުވަހުން ފެށިގެން ވަކިގޮތެއް އަންގަންދެން، އަންނަނިވި ފިޔަވަޅުތައް އެޅުމަށް އަންގަވާ ކަމަށެވެ.

އެގޮތުން، އެންގުމުގައި ކަނޑައަޅުއްވާފައިވަނީ، ލޯކަލް ޓޫރިޒަމްގެ ޚިދުމަތްދޭ ރަށްރަށުގައި އާންމުން ގެއިން ބޭރުގައްޔާއި އާންމު ތަންތަނުގައި އުޅޭއިރު އަނގަޔާއި ނޭފަތާއި ދަތްދޮޅި ނިވައިވާގޮތަށް މާސްކް އެޅުމަށެވެ.

ގެއިން ބޭރުގައި އުޅޭއިރު މާސްކް އެޅުމުން އިސްތިސްނާވާ ފަރާތްތަކާއި، ހާލަތްތަކެއްވެސް އެންގުމުގައި ހިމަނުއްވާފައި ވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ، އުމުރުން 2 އަހަރުން ދަށުގެ ކުޑަކުދިންނާއި، ކަސްރަތުކުރަން އުޅޭ މީހުން ކަސްރަތު ކުރާ ވަގުތުގައާއި، އެހެން މީހެއްގެ އެހީއާ ނުލައި މާސްކް އަޅައި، މާސްކް ނުނެގޭ މީހުންނާއި، ހޮޓާ، ކެފޭ، ރެސްޓޯރަންޓްފަދަ، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައި ޚިދުމަތް ހޯދާ ފަރާތްތައް، ޚިދުމަތް ހޯދާ ވަގުތުއެވެ.

"މަތީގައި ބަޔާންކޮށްފައިވާ އިސްތިސްނާ ހާލަތްތަކުގެ އިތުރުން، އަހުރެން ކަނޑައަޅާ ޚާއްސަ ހާލަތްތަކުގައި، އަހުރެން އަންގާ ގޮތެއްގެމަތިން އަމަލު ކުރެވޭނެއެވެ. މަތީގައިވާ ފިޔަވަޅު ތަންފީޛުކޮށް، އެ ފިޔަވަޅު ފުރިހަމައަށް އަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގަމެވެ. އަދި މި އެންގުމާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކަށް އަމަލުކުރުމަށް އެންމެހައި ފަރާތްތަކަށް އަންގަމެވެ"
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު

އާންމުން މާސްކްއެޅުން މިވަގުތު މަޖުބޫރުކޮށްފައިވާ ރަށްތަކަކީ، ކޮވިޑް ބަލީގެ ކޮމިއުނިޓީ ސްޕްރެޑެއް އުޅޭ މާލެ ސަރަހައްދުގެ އިތުރުން، އެކްޓިވް ކޭސްތައް ހުންނަ ރަށްރަށުގައެވެ.

ޕޮޒިޓިވް ކޭސްތައް ފެނިފައި ނުވާ ރަށްރަށުގައިވެސް އާންމުން ބޭރު ތެރޭގައި އުޅޭއިރު މާސްކް އަޅައިގެން އުޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީންނާއި، ސިއްހީ ބޭފުޅުން މީގެކުރިން އިރުޝާދު ދެއްވާފައި ވެއެވެ.

ލޯކަލް ޓޫރިޒަމްގެ ޚިދުމަތް ފަށާ ރަށްރަށުގައި އާންމުން ބޭރަށް ނުކުންނައިރު މާސްކް އަޅަން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މި އެންގެވީ، ގެސްޓްހައުސްތައް ހުޅުވާލުމުން ފަތުރުވެރިން ރަށަށް އަރާނެތީ ރައްކާތެރި ފިޔަވަޅެއްގެގޮތުންނެވެ.