އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ ކުރިއަށްއޮތް 3 އަހަރުގެ ދައުރުގެ މެމްބަރުކަމުގެ އިންތިޚާބު ސައުދީ އަރަބިއްޔާއަށް ނާކާމިޔާބު ވެއްޖެއެވެ.
47 މެމްބަރު ގައުމު ހިމެނޭ އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ ރޭގެ ޖަލްސާގައި ވޯޓުލާފައިވަނީ، ހުސްވެފައިވާ 15 ގޮނޑިއަށް ގައުމުތައް އިންތިޚާބު ކުރުމަށެވެ.
15 ގޮނޑިއަށް ވާދަކުރި ގައުމުތަކުގެ ތެރެއިން ވޯޓަކަށްދާން ޖެހުނީ 4 ގޮނޑިއަށެވެ. 4 ގޮނޑިއަށް 5 ގައުމުން ވާދަކުރިއިރު އެއީ، މުޅިންވެސް އޭޝިޔާ-ޕެސިފިކްގައި ހިމެނޭ ގައުމުތަކެވެ. ދެންހުރި ގޮނޑިތަކަށް ވާދަކުރީ ކޮންމެ ގޮނޑިއަކަށް އެންމެ ގައުމަކުންނެވެ.
އދގެ 193 މެމްބަރު ގައުމު ހިމެނޭ އާންމު މަޖިލީހުގައި ނެގި ސިއްރު ވޯޓުގައި ވާދަވެރިކޮށްދިޔަ އިންތިޚާބުގައި 169 ވޯޓާއެކު ޕާކިސްތާނުން ގޮނޑި ކަށަވަރުކުރި އިރު، އުޒްބަކިސްތާނަށް 164 ވޯޓު، ނޭޕާލަށް 150 ވޯޓު، ޗައިނާއަށް 139 ވޯޓު ލިބުނެއެވެ.
ސައުދީ އަރަބިއްޔާއަށް ގޮނޑި ގެއްލުނީ އެންމެ 90 ވޯޓު ލިބުމުންނެވެ. ސައުދީ އަރަބިއްޔާއަކީ އިންތިޚާބުގައި ވާދަކުރި ގައުމުތަކުގެ ތެރެއިން ގޮނޑި ގެއްލުނު ހަމައެކަނި ގައުމުވެސް މެއެވެ.
2016 ވަނަ އަހަރުގެ އިންތިޚާބުގައި ވާދަކޮށްގެން ސައުދީ އަރަބިއްޔާއަށް އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެވުނީ 152 ވޯޓު ލިބިގެންނެވެ.
އެ އަހަރު ޗައިނާއަށް 180 ވޯޓު ލިބުނުއިރު، މިފަހަރު ޗައިނާއަށް ލިބުނު ވޯޓުގެ އަދަދު މަދުވެގެންދިޔައީ، އިންސާނީ ހައްގުތަކުގެ މައްސަލަތަކުގައި ޗައިނާގެ ރެކޯޑުހަޑިވެ ގައުމުތައް ވަރަށް ބޮޑަށް ނުރުހިފައި ތިބުމުންނެވެ.
އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުން ވޯޓަށް ތައްޔާރުވަމުން ދަނިކޮށް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމާއަތްތަކުންނާއި، ޔޫރަޕްގެ އިއްތިހާދާއި، އެމެރިކާ އަދި ކެނެޑާއިން މިދިޔަ ހަފްތާގައި މެމްބަރު ގައުމުތަކަށް ގޮވާލާފައިވަނީ، އިންސާނީ ހައްގުތަކަށް ފާޅުގައި އަރައިގަންނަ ގައުމުތައް ކައުންސިލަށް އިންތިޚާބު ނުކުރުމަށެވެ.
ހިއުމަން ރައިޓްސް ކައުންސިލްގެ މެމްބަރުކަމަށް ޗައިނާ، ރަޝިޔާ، ސައުދީ އަރަބިއްޔާ، ކިއުބާ، ޕާކިސްތާން އަދި ޝަރުތު ފުރިހަމަ ނުވާކަމަށްވެސް ބުނެފައި ވެއެވެ.
"އދގެ އިންސާނީ ހައްގުތަކުގެ ފަނޑިޔާރުންގެ ގޮތުގައި މި ހުދުމުޚުތާރު ދައުލަތްތައް އިންތިޚާބު ކުރުމަކީ ތަންތާ ހުޅުޖަހާމީހުން އަލިފާން ނިއްވާ ބްރިގޭޑަށް ލުންކަހަލަ ކަމެއް" ހިލެލް ނުއަރ – އެގްޒެކެޓިވް ޑިރެކްޓަރ / ޔޫއެން ވޮޗް
އެހެން ނަމަވެސް، ރޭގެ އިންތިޚާބުން ކަޓާފައިވަނީ ސައުދީ އަރަބިއްޔާ އެކަންޏެވެ.
ސައުދީ އަރަބިއްޔާއަށް ގޮނޑި ނުލިބުމުން، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަރަށް ބޮޑަށް ހިތްހަމަޖެހޭކަން ފާޅުކޮށްފައި ވެއެވެ. މިއީ، ސައުދީ އަރަބިއްޔާއަށް ހައްގު ނިންމުމެއް ކަމަށްވެސް ބުނެފައި ވެއެވެ.
އަދި މިކަމަކީ، އދގެ ކައުންސިލްގެ މެމްބަރުކަމުގެ ތެރެއިން ބައިނަލްއަގްވާމީ މުޖުތަމައުގައި ސައުދީ އަރަބިއްޔާގެ ތަސައްވުރު ރީތިކުރުމަށް ކުރާ މަސައްކަތަށް ދުނިޔެ ޖެހި ތަފާލެއް ކަމަށްވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގްރޫޕްތަކުން ބުނެފައި ވެއެވެ.
ހިއުމަން ރައިޓްސް ވޮޗުން ބުނެފައިވަނީ، ޗައިނާއާއި ސައުދީ އަރަބިއްޔާއަކީ އިންސާނީ ހައްގުތައް ނިގުޅައިގަތުމުގައި ދުނިޔޭގައި އެންމެ އަރާހުރި ދެގައުމު ކަމަށެވެ.
ވީމީޑި ޔާއިން ގެނެސްދެއްވާ ބޭރު ދުނިޔޭގެ ޙަބަރުތަައް ވަރަށް ވެސް ފުރިހަމަ ( ސައިފް އަޒްހަރު) ލިޔުއްވާ ލިޔުންތަކަށް އަޅުގަނޑު އަބަދުވެސް ތާއިދުކުރަން ޝުކުރިއްޔާ....