ކޮމަންވެލްތަކީ ކުދި ގައުމުތަކުގެ އަޑުއިއްވާ، އެ އަޑު އަހާ ޖަމްއިއްޔާއެއް ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖެއިން ކޮމަންވެލްތާ ގުޅުމަށްފަހު ބޭއްވި އެޖަމްއިއްޔާގެ ޚާރިޖީ ވަޒީރުންގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވަނީ، އަލުން އަނބުރާ ކޮމަންވެލްތުގެ މެމްބަރު ގައުމަކަށްވުމަށް ދިވެހިރާއްޖެއިން ކުރި މަސައްކަތަށް ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުންނާއި އަދި ސެކްރެޓަރީ ޖެނެރަލް ކުރެއްވި މިންނެތް މަސައްކަތް ފާހަގަކުރައްވައި، ޝުކުރު އަދާކުރައްވާފައެވެ.

ކޮމަންވެލްތަކީ ކުދި ގައުމުތަކުގެ އަޑުއިއްވާ، އެ އަޑުއަހާ ޖަމްއިއްޔާއެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ކޮމަންވެލްތު ވަލްނަރަބަލިޓީ އިންޑެކްސްއަށް އިސްލާހީ ބަދަލުތަކެއް ގެންނަންޖެހޭކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ކުދި ގައުމުތަކަށް ލިބުނު ގެއްލުންތަކާއި، މޫސުމީ ބަދަލުތަކަށް ރިޢާޔަތްކުރެވޭ ގޮތަށް އެބަދަލުތައް ވަރަށް އަވަހަށް ފެނިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

"މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތައް އިތުރު. އެގައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ފަސޭހަ މަގުތަކެއް ހޯދަންޖެހޭ."
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

މިނިސްޓަރ ވަނީ ކޮމަންވެލްތުން މެމްބަރު ގައުމުތަކަށް އެހީތެރިވުމުގެ ގޮތުން ޑިޒާސްޓަރ ރިސްކް ފައިނޭންސް ޕޯޓަލްއެއް ގާއިމްކުރި ކަމާއި، ބައިނަލްއަގްވާމީ މާލީ ބާޒާރުން މެމްބަރު ގައުމުތަކަށް ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރިކަންވެސް މި ބައްދަލުވުމުގައި ފާހަގަ ކުރައްވާފައެވެ.

އަދި ކޮމަންވެލްތާއެކު ކުރިއަށް އޮތްތަނުގައި ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ވަރޗުއަލްކޮށް މިއަދު މެންދުރުފަހު ބޭއްވި މިބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އިނގިރޭސި ޚާރިޖީ ވަޒީރުން ޑޮމިނިކް ރާބްއެވެ.

ރައީސުލްޖުމްހޫރުއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް ކޮމަންވެލްތާއި ދިވެހިރާއްޖެ އަލުން ގުޅުނީ 2020 ފެބްރުއަރީ 1 ވަނަ ދުވަހުއެވެ.