އިސްލާމްދީނުގެ އާންމު މައުލޫމާތު ހިމެނޭ ޚާއްސަ ޕްރޮގްރާމްތަކެއް އުފައްދައި، ގެނެސްދިނުމަށް އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހާއި، ވީމީޑިއާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއީ، ކަނޑައެޅޭ ވަކި މަޢުޟޫތަކެއްގެ މައްޗަށް އާންމުންނަށް މައުލޫމާތުދީ، ދީނީ އެކިއެކި ކަންކަމަށް އާންމުން ހޭލުންތެރިކުރުމުގެ މަގްސަދުގައި އުފައްދައި ގެނެސްދޭ ޕްރޮގްރާމްތަކެކެވެ.
މިކަމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހާއި، ވީމީޑީއާ ދެމެދު ކުރެވުނު އެއްބަސްވުމުގައި، އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން ސޮއިކުރެއްވީ، އެ މަޖިލީހުގެ ނައިބް ރައީސް ޑރ. މުހަންމަދު އިޔާޒެވެ.
ވީމީޑިއާ ހިންގާ އައިލެންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީގެ ފަރާތުން ސޮއި ކުރެއްވީ، އެކްޓިންގ ޗީފް އޮޕަރޭޓިންގ އޮފިސަރ މުހަންމަދު ޒަހީނެވެ.
މި އެއްބަސްވުމުގެ ދަށުން، އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުގެރޭ ޕްރޮގްރާމެއް ހުށަހަޅައިދޭނެއެވެ.
އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހާއި، ވީމީޑިއާ ގުޅިގެން އުފައްދާ ޕްރޮގްރާމްގެ ނަމަކީ "ދަންމަރު" އެވެ. ކޮންމެ ޕްރޮގްރާމެއްގެ ދިގުމިނަކީ 50 މިނެޓެވެ.
13 އެޕިސޯޑުގެ މައްޗަށް ކުރިއަށްގެންދާ މި ޕްރޮގްރާމްތަކުގެ ފުރަތަމަ ޕްރޮގްރާމް ވީޓީވީން ދުރަށް ދެއްކުމަށް ހަމަޖެހިފައިވަނީ މި އޮކްޓޫބަރުމަހުގެ 17 ވާ ހޮނިހިރު ދުވަހުގެރޭގައެވެ.
މީގެ ކޮންމެ ޕްރޮގްރާމެއްވެސް އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ދެ ބޭފުޅަކު ބައިވެރިވެވަޑައިގެން މައުލޫމާތު ހިއްސާ ކުރައްވާނެއެވެ.
އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހާއި، ވީމީޑިއާ ގުޅިގެން އުފައްދާ "ދަންމަރު" ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.
ވީމީޑިއާއިން ގެނެސްދޭ ދީނީ ޕޮރޮގްރާމްތައް ވަރަށްވެސް ފުރިހަމަ އާއްމުނަށް ތިޔަ ފޯރުކޮއްދެއްވާ މައުލޫމާތުތަކަށް ފައްފަޝުން ޝުކުރު އަދާކުރަން ޝުކުރިއްޔާ