ގައުމެއްގެ ފުދުންތެރިކަމާއި އަމިއްލަވަންތަކަން ކަށަވަރުވެގެންދާނީ، އެ ގައުމަކީ ކާބޯތަކެތީގެ ޔަގީންކަން ލިބިފައިވާ ރައްޔިތެއް ދިރިއުޅޭ ގައުމަކަށް ވެގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަހަރުގެ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި ތަހުނިޔާގެ ޚިތާބުގައެވެ.

ރައީސްގެ ޚިތާބުގައި، ގައުމެއްގެ ފުދުންތެރިކަމާއި އަމިއްލަވަންތަކަން ކަށަވަރުވެގެންދާނީ، އެ ގައުމަކީ ކާބޯތަކެތީގެ ޔަގާންކަން ލިބިފައިވާ ރައްޔިތެއް ދިރިއުޅޭ ޤައުމަކަށް ވެގެން ކަމަށާއި، ސަރުކާރުގެ ސިޔާސަތު ބިނާވެފައިވަނީ، ގައުމަށް މެދުވެރިވާ ކޮންމެ ހާލަތެއްގައި ވެސް، މި ޔަގީންކަން ރައްޔިތުންނަށް ކަށަވަރުކޮށް ދިނުމަށް ކަމުގައި ވިދާޅުވެފައި ވެއެވެ.

އެގޮތުން، ސަރުކާރުގެ ވައުދާ އެއްގޮތަށް ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން، މީގެކުރިން ނަގަމުން އައި އިމްޕޯޓްޑިޔުޓީ މިހާރު ވާނީ ކަނޑާލާފައި ކަމަށާއި، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް، ދަނޑުވެރިކަމަށް ލޯނު ދޫކުރުމުގެ އިތުރުން ދަނޑުވެރިންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށްޓަކައި، ތަމްރީނު ޕްރޮގުރާމުތައް އިތުރުކޮށް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި، ފަންނީ މައުލޫމާތު ފެތުރުމުގެ މަސައްކަތްވެސް އިތުރަށް ފުޅާކުރެވިފައި ވާކަމުގައި ރައީސް ވިދާޅުވިއެވެ.

"ޒަމާނުއްސުރެ ދަނޑުވެރިންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ދަނޑުވެރިން އުފައްދާ ތަކެތި ރަނގަޅު އަގުގައި ތާޒާކަމާއެކު، ބާޒާރަށް ނެރެވޭނެ ފަސޭހަ ގޮތްތަކެއް ނެތުން. މި ދަތިކަން ހައްލުކޮށްދިނުމަށް މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ނަމުގައި، ސަރުކާރުގެ 100 އިންސައްތަ ޙިއްސާވާ ކުންފުންޏެއް ވަނީ އުފައްދާފަ."
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ދަނޑުވެރިކަމަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަކީ، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ތަންފީޒުކުރަމުން އަންނަ ސިޔާސަތެއް ކަމަށާއި، އެގޮތުން މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކާއި، އަލަށް ދޫކުރާ ބިންތަކުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، އެއްވެސް ކުއްޔެއް ނުނެގުމަށް ނިންމައި، ދަނޑުވެރިކަން ފުޅާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން، އިތުރު ހަ ފަޅުރަށެއް ކުއްޔަށް ދޫކުރުމަށް ސަރުކާރުން އިއުލާނު ކޮށްފައިވާކަމަށް ރައީސްގެ ޚިތާބުގައި ވިދާޅުވެފައި ވެއެވެ.

މިއަދަކީ ރާއްޖޭގައި ފާހަގަކުރާ މިއަހަރުގެ ދަނޑުވެރިންގެ ދުވަސްކަމަށްވެފައި، އަދި މާދަމާއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ކާބޯތަކެތީގެ ދުވަސްކަމަށްވާއިރު, މި ދެދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހީވާގި ދަނޑުވެރިންނަށާއި، ދަނޑުވެރިކަމާއި ކާބޯތަކެތި އުފެއްދުމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އެންމެހައި ބޭފުޅުންނަށް، އިޚުލާސްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮ އެދުންތައް އެމަނިކުފާނު ވަނީ ފޮނުވާފައެވެ.

އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށްޓަކައި، ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީކުރުމާ ގުޅޭ މަޝްރޫއުތަކަށް، ބޭރުގެ އެހީދޭ ޖަމުއިއްޔާ އަދި ޖަމާޢަތްތައް މެދުވެރިކޮށް އެހީ ހޯދުމުގެ މަސައްކަތްވެސް، ސަރުކާރުން ކުރަމުން އަންނަކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ދަނޑުވެރިންގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ "ފަރުދީ ދަނޑުވެރިކަން – ކާނާގެ ޔަގީންކަން،" މި ޝިއާރެވެ.