ދިވެހިރާއްޖެއަކީ ވަސީލަތްތައް ނެތް ގައުމެއް ނޫން ކަމަށާއި ނަތީޖާ ނެރެވޭނީ އެންމެން އެކީގައި މަސައްކަތް ކޮށްގެން ކަމަށް މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީގެ ޗެއަރޕާސަން ޖީހާން ސަލީމް ވިދާޅުވެއްޖެއެވެ.

ޖީހާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢި ކޮމެޓީއާއި މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީ އާއި ގުޅިގެން ރާއްޖޭގެ ތެލެސީމިއާގެ ހާލަތު ދިރާސާ ކުރުމަށް ސްޓޭކް ހޯލްޑަރުންނާއެކު ބޭއްވި ފުރަތަމަ ބާއްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖީހާން ވިދާޅުވީ، ރާއްޖެއަކީ ވަސީލަތްތައް ނެތް ގައުމެއް ނޫން ކަމަށާއި އިންސާނީ ވަސީލަތްތައްވެސް ހުރި ގައުމެއް ކަމަށެވެ. އެހެންކަމުން ތެލެސީމިއާ ބަލީގައިވެސް އެންމެން އެކީގައި މަސައްކަތް ކޮށްގެން ނަތީޖާ ނެރެވޭނެ ކަމަށް ވިދާޅުވިއެވެ.

އަދި މިއީ ފެށުމެއް ކަމަށާއި މިކަމުން ނަތީޖާ ނެރެވޭނެ ކަމަށް ގަބޫލު ކުރައްވާކަން ފާހަގަކޮށް އޭނާ ވިދާޅުވީ، މިއަހަރުގެ ޖުލައިމަހުގެ ތެރޭގައިވެސް ސްޓޭކް ހޯލްޑަރުންނާއެކު ތެލެސީމިއާގެ ކަންކަމުގައި ހުރި ގޮންޖެހުންތައް ބަލައި ދިރާސާ ކުރުމަށްޓަކައި ބައްލުވުމެއް ބޭއްވި ކަމަށެވެ.

"އެދުވަހުގެ ބައްދަލުވުމުން ނިންމީ ތެލެސީމިއާގެ ހާލަތު އަލުން ދިރާސާ ކުރުމަށްފަހު އަލުން ހުރިހާ ސްޓޭކް ހޯލްޑަރުންނާއެކު ތެލެސީމިއާ އާއިލާތަކަށް ދުޅަހެޔޮ ސިއްހަތެއް ލިބޭނެ ކަހަލަ މާހައުލެއް ގާއިމްކުރެވޭތޯ."
ތެލެސީމިއާ ސޮސައިޓީގެ ޗެއަރޕާސަން ޖީހާން ސަލީމް

ތެސެލީމިއާއާ ގުޅޭ ކަމެއްގައި މަޖިލީހުގައި ބައްދަލުވުން ކުރިއަށްގެންދިޔުމަށް ނިންމީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި ތެލެސީމިއާ ބަލީގެ 9 ކުއްޖަކު ވަރަށް ގާތްގާތުގައި ނިޔާވުމާއި ގުޅިގެން ކަމަށާއި، އެކަން ވަރަށް ގިނަ ބައެއްގެ ސަމާލުކަމަށް އައި ކަމަށާއި ނަމަވެސް މިވާހަކަތަކަކީ ތެލެސީމިއާ އާއިލާތަކަށް ނުވަތަ ތެލެސީމިއާ މަސައްކަތް ކުރާ ބަޔަކަށް އާ ވާހަކަތަކެއް ނޫން ކަމަށް ޖީހާން ވިދާޅުވިއެވެ.

ފުރާ އުމުރުގަ އެތައް ކުދިންނެއް ވަކިވެގެންދާކަން ފާހަގަކޮށް ޖީހާން ވިދާޅުވީ މިކަމަކީ މިމަސައްކަތްކުރާ ބަޔަކަށް ލިބޭ ވަރަށް ބޮޑު މާޔޫސްކަމެއް ކަމަށާއި މިކަންތައްތައް ރަނގަޅު ކުރުމަށްޓަކައި މަސައްކަތުގެ ދާއިރާއިން ކަންތައްތައް ރަނގަޅުކުރެވޭތޯ ބެލުމަކީ ތެލެސީމިއާ ސޮސައިޓީ އަދި މި މަސައްކަތުގައި ޝާމިލްވާ ބޭފުޅުންވެސް ކަނޑިނޭޅި ކުރަމުންދާ މަސައްކަތެއް ކަމަށްވެސް ޖީހާން ވިދާޅުވިއެވެ.

"އެގޮތުން އަޅުގަނޑުމެން ބައްދަލުވުމަށް އެދުނިން ރައީސް އޮފީހުގަ. ހެލްތު މިނިސްޓްރީއަށް ސިޓީއެއް ލިޔުނިން. ހިއުމަން ރައިޓްސް ކޮމިޝަނަށް ސިޓީ ލިޔުނިން. އަދި ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމެޓީއަށްވެސް ބައްދަލުކޮށްލަން އެދުނިން"
ޖީހާން

މިބައްދަލުވުމުގައި މަޖިލީހުގެ އިޖުތިމާޢީ ކޮމެޓީގެ މުގައްރިރު އަހުމަދު އީސަ އަދި މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީގެ ޗެއަރޕާސަން ޖީހާން ސަލީމް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.