ކޮވިޑް-19 ބަލިމަޑު ހާލަތާ ގުޅިގެން ގާތްގަނޑަކަށް ހަމަސްދުވަހުގެ މެދުކެނޑުމަކަށްފަހު ރާއްޖޭގެ ރަށްރަށުގެ ގެސްޓްހައުސްތައް ހުޅުވައި މިއަދު ޚިދުމަތްދޭން ފަށައިފިއެވެ.

ގެސްޓްހައުސްތައް މިއަދު އަލުން މި ހުޅުވީ، ސިއްހީ ގައިޑްލައިންތަކާ އެއްގޮތަށް ގެސްޓްހައުސްތަކުގައާއި، އަދި ގެސްޓްހައުސްތައް ހުންނަ ރަށްރަށުގައިވެސް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ފަހުގައެވެ.

އަދި ގެސްޓްހައުސްތައް އަލުން ޚިދުމަތަށް މި ހުޅުވާލީ، ޕޮޒިޓިވް ކޭސްތައް މަދުކުރުމަށް ސަރުކާރާއި، އާންމު ފަރާތްތަކުންވެސް ކުރި ބުރަ މަސައްކަތްތަކަށް ފަހުގައެވެ.

ގެސްޓްހައުސްތަކުގެ ޚިދުމަތްތައް މިއަދު އަލުން ފެށިއިރު، ރާއްޖޭގައި ގިނަ އަދަދަކަށް ގެސްޓްހައުސްތައް ހުންނަ ކ. މާފުށްޓަށް ދިޔަ ފުރަތަމަ ފަތުރުވެރިންނަށް މަރްހަބާ ކިއުމަށް ޚާއްސަ ރަސްމިއްޔާތެއް މިއަދު ވަނީ ބާއްވާފައެވެ.

މާފުށީ ކައުންސިލާއި، މާފުށީގައި ހުންނަ ގެސްޓްހައުސްތަކުން ދިން ދައުވަތަކަށް މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމްވެސް ބައިވެރިވެވަޑައި ގެންނެވިއެވެ.

މާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ބައިވެރިވެވަޑައި ގަންނަވަނީ:

ރާއްޖޭގެ ރަށްރަށުގައި ހިންގާ ގެސްޓްހައުްތައް އަލުން ހުޅުވާލިއިރު، ޖުމައިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވައި، ބޭރުގެ ފަތުރުވެރިންނަށް ރާއްޖެ އައުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. އެހެންނަމަވެސް، މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތައް ހުޅުވާނުލައި މަޑުޖައްސާލީ ބަލީގެ ހާލަތު ހުރިގޮތުންނެވެ.

އެގޮތުން، ރަށްރަށުގެ ރައްޔިތުންނާއި އަދި ފަތުރުވެރިންގެވެސް ސިއްހީ ރައްކާތެރިކަމަށް ގެސްޓްހައުސްތަކުގައާއި، ގެސްޓްހައުސްތައް ހުންނަ ރަށްރަށުގައިވެސް ޚާއްސް ފިޔަވަޅުތަކެއް އަޅާފައިވާއިރު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އިއްޔެވަނީ، ލޯކަލް ޓޫރިޒަމްގެ ޚިދުމަތްދޭ ރަށްރަށުގައި އާންމުން ގެއިން ބޭރުގައްޔާއި އާންމު ތަންތަނުގައި އުޅޭއިރު އަނގަޔާއި ނޭފަތާއި ދަތްދޮޅި ނިވައިވާގޮތަށް މާސްކް އެޅުމަށްވެސް އަންގަވާފައެވެ.