ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ އިޖްތިމާޢީ ކޮމެޓީން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ އުންމީދު ގެއްލިގެން ނުދާނެ ގޮތްތައް ހޯދުމަށް ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢި ކޮމެޓީއާއި މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީ އާއި ގުޅިގެން ރާއްޖޭގެ ތެލެސީމިއާގެ ހާލަތު ދިރާސާކުރުމަށް ސްޓޭކް ހޯލްޑަރުންނާއެކު ބޭއްވި ފުރަތަމަ ބާއްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހާއި މަޖިލީހުގެ އިޖްތިމާޢީ ކޮމެޓީން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ އުންމީދު ގެލިގެން ނުދާނެ ގޮތްތައް ހޯދައިދިނުމަށް ކަމަށެވެ.

ޚާއްސަގޮތެއްގައި އަޖަލުގައި ޖެހިފައިވާ އާއިލާތަކަށް ގޮތްތަކެއް ހޯދައިދިނުމަކީ އެއީ ވަރަށް ބޮޑު އަމާޒެއް ކަމަށާއި މިމަސައްކަތާއި ގުޅޭ އެކިއެކި ފަރާތްތަކާއި އެކުގައި މަޝްވަރާކުރެވިގެން އިތުރު އުންމީދުތަކެއް ހޯދުމަކީ އެމަނިކުފާނު ކުރައްވާ އުންމީދެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މި މަސައްކަތުގެ ބައްދަލުވުން މިތާ އިންތިޒާމުވެފައި އޮތީ އިޖްތިމާޢީ ކޮމެޓީގެ ނިންމުމެއްގެ ސަބަބުން. ކޮމެޓީން ނިންމީ މިކަން ފުންކޮށް ބަލާ އިސްލާހު ކުރެވެންހުރި ކަންކަން ބަލާ އެކަންކަން އިސްލާހު ކުރުމަށް ބާރުއެޅުމަށް."
ރައީސް ނަޝީދު

ތެލަސީމިއާ ކުދިންގެ އާއިލާތަކަށް ކުރާ އަސަރާއި އެއާއިލާތަކުގެ ވޭނަކީ އެހެންމީހުންނަށް އިހުސާސް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ދުރުން ފެންނަ މަންޒަރެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.