ރާއްޖޭގެ އުތުރުގެ 3 އަތޮޅެއްގައި، ދަނޑުވެރިންނަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖްތަކާއި ކާނާ ބަންދު ކުރާ ފެސިލިޓީތައް، ވަރަށް އަވަހަށް ގާއިމުކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިއަހަރުގެ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައެވެ.

މިނިސްޓަރ ވިދާޅުވީ ދަނޑުވެރިކަމުގެ ސިނާއަތު އިތުރު ހަރުފަތަކަށް ގެންދިއުމަށް އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑް)ގެ އެހީގައި ދަނޑުވެރިކަމުގެ ބޮޑު މަޝްރޫއު ފެށުމަށް މަޝްރޫއުގެ އެއްބަސްވުމުގައި މިހާރު ސަރުކާރުން ވަނީ ސޮއި ކޮށްފައި ކަމަށާއި މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އުތުރުގެ 3 އަތޮޅެއްގައި، ދަނޑުވެރިންނަށް ބޭނުންވާނެ މައިގަނޑު އިންފްރާސްޓްރަކްޗަރތައް ކަމަށްވާ ކޯލްޑްސްޓޯރޭޖްތަކާއި ކާނާ ބަންދު ކުރާ ފެސިލިޓީތައް، ގާއިމުކުރެވޭނެ ކަމަށެވެ.

އަދި ދަނޑުވެރި އުފެއްދުންތައް މާކެޓަށް ނެރުމަށް ގްރޭޑްކުރުމާއި ތަކެތީގެ ފެންވަރު ވަކި މިންގަޑެއްގައި ހިފެހެއްޓުމަށް ބޭނުންވާނެ ވަސީލަތްތައްވެސް ގާއިމްކުރެވިގެންދާނެ ކަން ފާހަގަކޮށް މިނިސްޓަރުގެ ޚިތާބުގައި ވަނީ ލަސްތަކެއް ނުވެ މިމަޝްރޫއުގެ މަސައްކަތްވެސް ފެށި ދަނޑުވެރިންނަށް މަޝްރޫއުގެ ސީދާ މަންފާ ލިބެން ފަށާނެ ކަމަށެވެ.

ދަނޑުވެރިން އުފައްދާ ތަކެތި މާކެޓު ކުރުމަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތައް ނައްތާލައި ދަނޑުވެރިންނާއި ގުޅިގެން، ދަނޑުވެރިންނަށް އެންމެ އެދެވޭ މަންފާއެއް ލިބިދެވޭނެ މަގު ތަނަވަސްކޮށްދިނުމުގެ މަގްސަދުގައި އެގްރޯ ނެޝަނަލް ކޯޕަރޭޝަންގެ ނަމުގައި ސަރުކާރުގެ ސަތޭކަ އިންސައްތަ ހިއްސާވާ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ މިއަހަރު ވަނީ އުފައްދަވާފައި ކަމަށާއި މިކުންފުނިން ކޮންޓްރެކްޓް ފާރމިންގެ ޒަމާނީ ވައްޓަފާޅި ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތަށް ތައާރަފް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިކުންފުނީގެ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ ދެކުނުގައި ދަނޑުވެރިން އުފައްދާ ތަކެތި މާކެޓު ކުރުމަށް ބޭނުންވާނެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ތަކާއި ތަކެތި މާކެޓް ކުރުމަށް ބޭނުންވާނެ އެހެނިހެން އިންތިޒާމުތައްވެސް ހަމަޖެހިގެންދާނެ."
ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު

ވިޔަފާރީގެ އުސޫލުން ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރުމަށް ފަޅުރަށްތަކެއް ދިގުމުއްދަތަށް ކުއްޔަށް ދޫކޮށްފައިވީ ނަމަވެސް ރަށްތައް ނަންގަވާފައިވާ ބައެއް ފަރާތްތަކުން ރަށް ނަންގަވާފައިވާ މަގްސަދުތަކާއި އެއްގޮތަށް މަސައްކަތް ނުކުރައްވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަދި ރަށްތައް ދޫކުރުމުގެ މަގްސަދު ހާސިލްވަމުން ނުދާނަމަ ރަށްތައް ނަންގަވާފައިވާ ފަރާތްތަކާއި މިނިސްޓްރީއާއި ދެމެދު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ގާނޫނުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.

ދަނޑުވެރިކަން އިތުރަށް ފުޅާކުރުމަށްޓަކައި ރޭވުންތެރިކަމާއެކު ތަފާތު ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ އުތުރުގެ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރު ފަދައިން، ރާއްޖޭގެ ދެކުނުގައިވެސް ދަނޑުވެރިކަމަށް ޚާއްސަ ސެންޓަރެއް ގާއިމްކުރުމަށާއި، ދަނޑުވެރިކަމުގެ ކޯޕަރޭޓިވްސްތައް ހަރުދަނާކުރުމަށް މަސައްކަތްތަކެއް މިހާރުވަނީ ފަށާފައި ކަމަށެވެ.

އަދި ދަނޑުވެރިކަމަށް ގާނޫނީ ބާރު ހޯދައި ދިނުމަށްޓަކައި ކަމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތްތައް ދަނީ ކުރަމުން ކަމަށާއި އެގޮތުން ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާ ބެހޭ ގާނޫނު މިހާރު ވަނީ ތަސްދީގު ކުރެވި އެގާނޫނާއި ގުޅޭ ގަވާއިދުތައް މިހާރު އޮތީ ނިންމުމުގެ މަރުހަލާގައި ކަމަށެވެ.

މީގެ އިތުރަށް ދަނޑުވެރިކަމުގެ އާންމު ގާނޫނާއި، ދިވެހިރާއްޖެއަށް ދިރޭ ޖަނަވާރު އެތެރެކުރުމުގެ ގާނޫނު އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށާއި ރާއްޖޭގެ ރުއްތަކަށް ކުރިމަތިވެފައިވާ ކޮކޮނަޓް ހިސްޕިޑް ބީޓްލްގެ މައްސަލައާއި، އަލަ އޮޅު ތަކަށް ދިމާވެފައިވާ ޓާރޯ ލީފް ބްލައިޓްގެ މައްސަލައަކީ ދަނޑުވެރިންނަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށްވެސް މިނިސްޓަރުގެ ޚިތާބުގައިވެއެވެ.

ބަލިތަކާއި ދުރު، ރުކުގެ އައު ޖީލެއް އުފެއްދުމަށްޓަކައި މިއަދު މިވަނީ ޚާއްސަ މަސައްކަތްތަކެއް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ފެށިފައި. އަދި ހަމައެއާއެކު ޓާރޯލީފް ބްލައިޓްއަށް ޓޮލަރަންޓް އަދި ރެސިސްޓެންޓް އަލައިގެ މުޑުވައްތައް ދަނޑުވެރިންނަށް ތަޢާރަފްކޮށްދިނުމަށް ރާއްޖޭން ބޭރުން މުޑުވައް ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން."
ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު

ދަނޑުވެރިކަމުގެ މަސައްކަތުގައި އުޅޭ އަމިއްލަ ފަރާތްތަކަށް މާލީ އެހީތެރިކަން ލިބޭނެ މަގު ތަނަވަސް ކުރުމަށް "ދަނޑުވެރި ނަފާ" ގެ ނަމުގައި މިނިސްޓްރީ އާއި އެސްޑީއެފްސީ ގުޅިގެން ފަށާފައިވާ ލޯނު ޕްރޮގްރާމްގެ ދަށުން މިއަހަރުގެ މިހާތަނަށް 5.4 މިލިޔަން ރުފިޔާގެ ލުއި ލޯނު ވާނީ ދޫކޮށްފައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.