"މަތީ ތައުލީމަށް ޒަކާތު ފަންޑުން ސްކޮލަރޝިޕާއި ޚާއްސަ އެހީ ދިނުމުގެ އުސޫލު"ގެ ދަށުން މާލީ އެހީއަށް އެދުމުގެ ފުރުސަތު ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ފުރުސަތަކީ ފުދުންތެރިކަން ނެތުމުގެ ސަބަބުން ކިޔެވުން ކުރިއަށް ގެންދިއުމަށް ދަތިވެފައިވާ ދަރިވަރުންނާއި ފުރިހަމަކުރަމުން ދިޔަ ކޯސް މެދުކެނޑިފައިވާ ދަރިވަރުންނާއި، ގްރެޖުއޭޓް ނުވެވިފައިތިބި ދަރިވަރުންނަށް އެހީތެރިވުމުގެގޮތުން ހުޅުވާލާފައިވާ ފުރުސަތެއް ކަމަށެވެ.

މި އުސޫލުގެ ދަށުން ދެކޮޅު ޓިކެޓުގެ ޚަރަދު، ކޯހުގެ ޓިއުޝަންފީ، ވިސާގެ ާޚަރަދު، ކޯސް ރެޖިސްޓްރޭޝަން ޚަރަދު، ހެލްތް އިންޝުއަރެންސް، އެސްޓެބްލިޝްމަންޓް އެލަވަންސް، ސްޓައިޕެންޑް، ބުކް އެލަވަންސް އަދި ޑިޕާޗަރަ އެލަވަންސް ލިބޭގޮތަށްވަނީ ހަމަޖައްސާފައި ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

ޒަކާތު ފަންޑުގެ ސްކޮލާޝިޕް ދިނުމުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހިރައްޔިތެއް ކަމުގައިވުމާއި އިސްލާމީ ޝަރީއާ ހުއްދަކުރާ ކޯހެއްގައި ކިޔަވާ ދަރިވަރެއް ކަމުގައިވުމާއި މާލީ ގޮތުން ފުދުންތެރިކަމެއް ނެތް ޒަކާތް ލިބުން ހައްގުވާ ގިންތިއެއްގައި ހިމެނޭ ފަރާތެއްކަމުގައިވުން އަދި ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައިވާ ލެވެލް 5 (ފަހެއް) އިން ފެށިގެން ލެވެލް 10 (ދިހައެއް) ގެ ނިޔަލަށް ހިމެނޭ ކޯހެއްގައި ކިޔަވާ ދަރިވަރެއް ކަމުގައިވުމުގެ އިތުރަށް ޚާއްސަ އެހީއަށް އެދޭ ދަރިވަރަކީ އަމިއްލަ ބާރެއް ނެތި ދިމާވި ކަމެއްގެ ސަބަބުން، ކޯސް ފުރިހަމަކުރުމަށް ފައިސާގެ ދަތިކަން މެދުވެރިވެފައިވާ ދަރިވަރެއް ކަމުގައިވުން ހިމެނެއެވެ.

އަދި ޒަކާތު ފަންޑުގެ ދަށުން ސްކޮލަރޝިޕް ލިބިފައިވާ ދަރިވަރެއް ކަމުގައި ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

އެހީއަށް އެދޭ ފޯމް މިނިސްޓްރީގެ ކައުންޓަރުން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9 އަކުން މެންދުރުފަހު 13:30 އަށް ލިބެންހުންނާނެ ކަމަށާއި އަދި މިނިސްޓްރީގެ ވެބްސައިޓް http://islamicaffairs.gov.mv އިންވެސް ފޯމު ޑައުންލޯޑުކުރެވެން ހުންނާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.