ކާބޯތަކެތިން ދުނިޔެއަށް ފުދުންތެރިކަން ގެނެވޭނީ އެންމެ އެކުގައި ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައި މިނިސްޓަރ ވިދާޅުވީ ގައުމުތަކާއި އަމިއްލަ ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކުންވެސް މަސައްކަތް ކުރަންވީ ކާބޯތަކެތި އުފެއްދުމުގެ ނިޒާމު ތަފާތު އެކި ބާވަތްތަކުގެ ކާބޯތަކެތި ރައްކާތެރިކަމާއެކު އުފައްދާ އިތުރުވަމުންދާ އާބާދީއަށް ހިއްސާ ކުރުމަށް ކަމަށާއި ކާބޯތަކެތިން ދުނިޔެއަށް ފުދުންތެރިކަން ގެނެވޭނީ އެންމެ އެކުގައި ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ.

ކާބޯތަކެއްޗަކީ ދިރިއުޅުމުގެ މުހިންމު ބައެއް ކަމަށާއި އެއީ އިޖްތިމާއީ އަދި ސަގާފީ ބައެއްކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ ރައްކާތެރި އަދި ހަށިގަނޑަށް ފައިދާ ކުރަނިވި ކާބޯތަކެތި އަތްފޯރާ ފަށުގައި ހުރުމަކީ ކޮވިޑް-19 ފަދަ ބަލިމަޑުކަމަކުން އަރައިގަތުމަށް ކޮންމެހެން ބޭނުން ކަމެއް ކަމަށާއި ފުދުންތެރިކަން ކުޑަ މުޖުތަމައުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މި ބަލި މަޑުކަމުން އަސަރުކުރާ މިންވަރު ކުޑަކޮށްދިނުމަށްވެސް މުހިންމު ކަމެއް ކަމަށެވެ.

މިފަދަ ދުވަހެއްގައި އަޅުގަނޑުމެން ހަނދާންކޮށް ފާހަގަ ކުރަންވީ ކާބޯތަކެތީގެ ނިޒާމުގައި ހަރަކާތްތެރިވާ ހީވާގި ބަތަލުންގެ މަސައްކަތްތައް. އެއީ ކާބޯތަކެތީގެ ނިޒާމުގައި ހިމެނޭ މަސްވެރިންނާއި ދަނޑުވެރިންނާއި ފަޅު ގޮވާންކުރާ ފަރާތްތައް. އަދި އެކި ގޮތްގޮތުން މިމަސައްކަތުގައި ޝާމިލްވާ ފަރާތްތައް."
" ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު

މިއަހަރު ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރަމުން މިދަނީ ދުނިޔެ ކޮވިޑް-19 ބަލިމަޑުކަމުގެ ހިތްދަތި ދުވަސްތަކެއް ގުނަމުންދާ ދުވަސްވަރެއްގައި ކަމުގައިވީނަމަވެސް ރާއްޖޭގެ ރައްޔިތުން ދަނޑުވެރިކަން ކުރުމުގައި ސާބިތުވެ ތިއްބެވުމަކީ އެކަމަނާއަށް ލިބުނު އުފަލެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރުގެ ތަހުނިޔާގައި ރާއްޖޭގެ މަސްވެރިން އަދި ދަނޑުވެރިންގެ އިތުރަށް ކާބޯތަކެތި އުފައްދާ ފަރާތްތަކަށް ވަނީ ޝާމިލްކޮށްފައެވެ.