ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 106 މައްސަލައެއް މިދިޔަ މަހު ރިޕޯޓުކޮށްފައި ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑަރ މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ އާއި ގުޅޭ 106 މައްސަލައެއް މިދިޔަ މަހު އެ މިނިސްޓްރީއަށް ވަނީ ހުށަހެޅިފައެވެ. މުޅި ޖުމްލަ 238 މައްސަލަ މިދިޔަ މަހު ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތައް ކަމަށާއި އެ ގޮތުން މި ބާވަތުގެ 44 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މި ބާވަތުގެ މައްސަލަތަކުގެ އިތުރުން އިހުމާލުވުމުގެ 29 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 16 މައްސަލަ، ގެވެށި އަނިޔާގެ ޢަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 7 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 5 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 2 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 2 މައްސަލަ އަދި ނަހަމަގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަ ހިމެނޭ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ކުޑަކުދިންގެ އަޚުލާގާ ގުޅުން ހުރި 10 މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅާފައި ކަމަށާއި މިފަދަ މައްސަލަތަކުގެ ތެރޭގައި ސްކޫލަށް ދާން ބޭނުން ނުވުމުގެ 4 މައްސަލަ އަދި ގެއިން ނުކުމެގެން ދިއުމުގެ 3 މައްސަލަ ހިމެނޭއިރު ހައްގުތަކުން ކުޑަކުދިން މަހްރޫމުކުރުމުގެ 10 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައި ކަމަށް މިނިސްޓްރީން ބުނެއެވެ.

ވެކްސިން ނުދިނުމުގެ 7 މައްސަލަ، އުފަންވުން ރަޖިސްޓްރީ ނުކުރުމާ ބެހޭ 2 މައްސަލަ އަދި ސިއްޙީ ފަރުވާއަށް ހުރަސްއެޅުމުގެ 1 މައްސަލައިގެ އިތުރަށް އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 2 މައްސަލަ ސެޕްޓެމްބަރު މަހު އެ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.

އާއިލީ 24 މައްސަލަ ސެޕްޓެމްބަރު މަހު މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު މިފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާތު ނުވަތަ ކުދިންނާ ބައްދަލު ނުކުރެވޭ 15 މައްސަލަ، އަދި ދަރިންނަށް ޚަރަދު ދިނުމުގައި ދިމާވާ 6 މައްސަލަ އަދި ކުދިން ބެލުމުގައި ޖެހޭ 3 މައްސަލަ ހިމެނޭ ކަމަށްވެސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 46 މައްސަލަ ސެޕްޓެމްބަރު މަހު މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ 29 މައްސަލަ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

މީގެ އިތުރަށް ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 8 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 3 މައްސަލަ، އިހުމާލުވުމުގެ 3 މައްސަލަ، ބާރާއި ނުފޫޒުފޯރުވުމުގެ 2 މައްސަލަ އަދި މާލީ، އިގްތިސާދީ ފުދުންތެރިކަން ފޯރުކޮށް ދިނުމުގައި ހުރަސްއެޅުމުގެ 1 މައްސަލަ ހިމެނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 32 މައްސަލައިގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 21 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 11 މައްސަލަ ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އަދި އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 8 މައްސަލަ ސެޕްޓެމްބަރު މަހު އެ މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ ކަމަށްވެސް ޖެންޑަރ މިނިސްޓްރީން މައުލޫމާތުދެއެވެ.