• އާންމުން ބޭރުގައިއުޅުން މަނާގަޑި: ރޭގަނޑު 11:00 އިން ފަތިހު 4:00 އަށް
  • ވެހިކަލް ދުއްވުން މަނާގަޑި: ރޭގަނޑު 11:00 އިން ފަތިހު 4:00 އަށް
  • ހޮޓާ، ކެފޭ، ރެސްޓޯރަންޓް ޚިދުމަތް ހުއްޓާލާގަޑި: ރޭގަނޑު 10:30 އިން ފަތިހު 4:00 އަށް

ކޮވިޑް-19 ބަލިން ރައްކާތެރިކުރުމަށް އަޅާފައިވާ ޚާއްސަ ފިޔަވަޅުތަކަށް ބަދަލު ގެނެސްފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ހުކުރު ދުވަހުގެ ރޭ އާންމުކުރި އެންގުމުގައިވަނީ، އެޗްޕީއޭގެ 3 އޮކްޓޫބަރު 2020 ގެ އެންގުން ބާތިލްކޮށް، އަދި އެޗްޕީއޭގެ 24 އޮގަސްޓް 2020 ގެ އެންގުމުގެ 2 ވަނަ ނަންބަރާއި، 3 ވަނަ ނަންބަރަށް މިހިނދުން ފެށިގެން ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އެ ބަދަލުގެ 1 ވަނަ ނަމްބަރުގައި ބުނެފައިވަނީ، މާލެއާއި، ހުޅުމާލެއާއި ވިލިމާލޭގައި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާ ކަމަށެވެ.

ގްރޭޓަރ މާލެ ސަރަހައްދުގައި ކުރިން އެއްގަމު އުޅަނދު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކޮށްފައިއޮތީ ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އަށެވެ.

އެންގުމުގެ 2 ވަނަ ނަންބަރުގައި ބުނެފައިވަނީ، މާލެއާއި، ހުޅުމާލެއާއި ވިލިމާލޭގައި ހޮޓާ، ކެފޭ، ރެސްޓޯރަންޓްފަދަ، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ދެމުންގެންދާ އެންމެހައި ޚިދުމަތްތައް ރޭގަނޑު 10:30 އިން ފަތިހު 4:00 އަށް ހުއްޓާލުމަށެވެ.

ގްރޭޓަރ މާލެ ސަރަހައްދުގައި ހޮޓާ، ކެފޭ، ރެސްޓޯރަންޓްފަދަ، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ކުރިން ބަންދުކުރަންޖެހެނީ ރޭގަނޑު 9:30 އިން ފެށިގެން ފަތިހު 5:00 އާ ދެމެދުއެވެ.

ކާފިއު ގަޑިއާއި، ވެހިކަލް ދުއްވުމުގެ ވަގުތަށް މިދެވުނު ލުޔާއެކުވެސް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީންގެ 24 އޮގަސްޓް 2020 ގެ އެންގުމުގައި ބުނެފައިވާ އެހެނިހެން ފިޔަވަޅުތަކާއި އިސްތިސްނާތައް އެގޮތަށް ދެމިއޮންނާނެ ކަމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމުގައި ބުނެފައި ވެއެވެ.

ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކައުތެރިކަމަށްޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްސަ ފިޔަވަޅުތައް އެޅުމަށް މަގުފަހި ކުރުމުގެގޮތުން، އެ ގާނޫނުގެ 33 ވަނަ މާއްދާގެދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިޢްލާންކޮށްފައިވަނީ މާޗްމަހުގެ 12 ވަނަ ދުވަހުއެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުވަނީ، މީގެކުރިން އެތައް ފިޔަވަޅުތަކެއް އަޅުވާފައެވެ.

އެ ފިޔަވަޅުތަކަށް ލުއިދޭން ފަށާފައިވަނީ ޖުލައިމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

އޭގެފަހުން، ރާއްޖޭގައި ކޮވިޑްބަލީގެ ހާލަތަށް އަންނަ ބަދަލުތައް ސިއްހީ ތަޖުރިބާކާރުންގެ ޚާއްސަ ޓީމަކުން ބަލައިވަޒަންކޮށް ދެއްވާ ލަފައާއި މަޝްވަރާތަކާ އެއްގޮތަށް ފިޔަވަޅުތަކަށް ގެންދަނީ ލުއިތައް ދެމުންނެވެ.