ނިއުޒީލްނެޑްގައި މިއަދު ބޭއްވި އާންމު އިންތިޚާބު އެގައުމުގެ ބޮޑުވަޒީރު ޔަސިންދާ އަރްދާންގެ ލޭބަރ ޕާޓީން ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފިއެވެ.

އިންތިޚާބުގެ ވޯޓުގެ ޖުމްލަ ހަތަރުބައިކުޅަ އެއްބައިގެ ވޯޓު އަދި ގުނައި ނުނިމި އުޅެނިކޮށް އިދިކޮޅު ނޭޝަނަލް ޕާޓީންވަނީ އިންތިޚާބުގެ ބަލި ގަބޫލުކޮށްފައެވެ. އިދިކޮޅު ލީޑަރ ޖޫޑިތް ކޮލިންސްވަނީ ބޮޑުވަޒީރު ޔަސިންދާއަށް ފޯނުން ގުޅުއްވައި މަރްހަބާވެސް ވިދާޅުވެފައެވެ.

ކޮވިޑް-19 ބައްޔާ ދެކޮޅަށް ނިއުޒީލެންޑްގެ ބޮޑުވަޒީރު ޔަސިންދާގެ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތައް ބަލައިގަނެ، އެގައުމުގެ ރައްޔިތުން މިވަނީ ބޮޑުވަޒީރަށް އެކަމުގެ އިނާމު ދީފައެވެ.

މިހާތަނަށް ހާމަކޮށްފައިވާ ނަތީޖާއިން ނިއުޒީލެންޑްގެ ޔޫނިކެމެރަލް ޕާލަމެންޓްގައި ހިމެނޭ 120 ގޮނޑީގެ ތެރެއިން ބޮޑުވަޒީރު ޔަސިންދާގެ ލޭބަރ ޕާޓީއަށް 64 ގޮނޑި ލިބޭނޭ ކަމަށް ބެލެވިފައި ވެއެވެ.

މި އަދަދަށް ލޭބަރ ޕާޓީއަށް ގޮނޑި ލިބިއްޖެނަމަ އެކަން ވެގެންދާނީ ތާރީޚީ ކަމަށެވެ. ސަބަބަކީ، އެ ނަތީޖާގެ ސަބަބުން 1996 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އެއް ޕާޓީއަކަށް ސަރުކާރު އެކުލަވާލުވުމުގެ ފުރުސަތު ފަހިވެގެން ދާނެތީއެވެ.

އިންތިޚާބުގެ ކާމިޔާބީއާ ގުޅިގެން، އޯކްލޭންޑްގައި ހުންނަ ބޮޑުވަޒީރު ޔަސިންދާ އަރްދާންގެ ގެކޮޅު ކައިރިއަށް އެކަމަނާގެ އެތައްހާސް ސަޕޯޓަރުންވެސް ޖަމާވެފައި ވެއެވެ. އަދި ގެއިން ނުކުމެވަޑައިގެން ބޮޑުވަޒީރުވަނީ ސަޕޯޓަރުންނާ ސަލާމް ކުރައްވާފައެވެ.

އިންތިޚާބުގައި ބޮޑުވަޒީރުގެ ޕާޓީން ޕާލަމެންޓުގެ އަޣުލަބިއްޔަތު ހޯދިއިރު، މިހާރު ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ނިއުޒީލެންޑް ފަރސްޓް ޕާޓީއަށް ލިބިފައިވަނީ ވޯޓުގެ 2.6 އިންސައްތައެވެ. ކޯލިޝަންގައި ހިމެނޭ ގްރީން ޕާޓީއަށް ލިބުނީ ވޯޓުގެ 7.6 އިންސައްތައެވެ.

ކޮވިޑް-19 އާ ދެކޮޅަށް ނިއުޒީލެންޑުން އެޅި ހަރުކަށި ހަރުދަނާ ފިޔަވަޅުތަކަށް ނިއުޒީލެންޑުގެ ރައްޔިތުންގެ ތައުރީފް ބޮޑުވަޒީރަށް އޮހެމުންދާއިރު، ނިއުޒީލެންޑްގެ މިސްކިތްތަކަށް މިދިޔަ އަހަރުގެ ތެރޭގައި މީހަކު ބަޑިޖަހައި އެތައް މުސްލިމުން ޝަހީދުކޮށްލި ހާދިސާގެ ވަގުތުގައި ބޮޑުވަޒީރު ޔަންސިންދާ އެޅުއްވި ވަރުގަދަ ފިޔަވަޅުތަކުގެ ސަބަބުން އެކަމަނާއަށް މުޅި ދުނިޔޭގެ ތައުރީފްވެސް އޮހިގެންދިޔައެވެ.

ބައިނަލްއަގްވަމީގޮތުން ޔަސިންދާ އަރްދާން ފާހަގަކުރެވިފައިވަނީ، އަންހެނުންގެ ހައްގުތަކާއި އިޖުތިމާއީ އަދާލަތު ގާއިމްކުރުންފަދަ ކަންކަން ކުރެއްވުމަށް ގަދައަޅައި މަސައްކަތް ކުރައްވާ ލީޑަރެއްގެ ގޮތުގައެވެ.

އެހެންނަމަވެސް، ވެރިކަމަށް ވަޑައިގެން ނިއުޒީލެންޑަށް ގެންނަވާނެ ކަމަށް އެކަމަނާ ވެވަޑައިގެންފައިވާ އިސްލާހީ ބަދަލުތައް ފުރަތަމަ ދައުރު ނިމިގެންދިޔަ އިރުވެސް ގެނެވިފައި ނުވާ މައްސަލާގައި ނިއުޒީލެންޑުގެ އެތެރެއިން އެކަމަނާއަށް ދެކޮޅުވެރިކަން ކުރިމަތިވަމުން ގޮސްފައި ވެއެވެ.

ސިޔާސީ މުހައްލިލުން ވިދާޅުވަނީ، އިންތިޚާބު ކާމިޔާބުވުމާ ގުޅިގެން ބޮޑުވަޒީރު ޔަސިންދާ ވެރިކަމުގެ ދެވަނަ ދައުރުގައި އިސްކަން ދެއްވާނީ ކުރިން ވައުދުވެވަޑައިގެންފައިވާ އިސްލާހީ ބަދަލުތަކަށް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.