މިދިޔަ އޮގަސްޓްމަހުގެ ކުރީކޮޅު ކޮވިޑް-19ގެ ދެވަނަ ރާޅު ބޯމަތިވެ، އަނެއްކާވެސް ނަމްބަރުތައް އުފުލިގެން ދިއުމާއެކު، އެޗްޕީއޭއިން ފިޔަވަޅުތައް އަޅައި އާންމުންނަށް ނަސޭހަތްތެރިވީ އަލުން ލޮކްޑައުންއަކަށް ނުގޮސް ސަލާމަތްވެވެން އޮތީ ކޮންމެ މީހެއްވެސް އަމިއްލަ ޒިންމާއެއް އޮތްކަން ދެކިގެން ކޮވިޑް-19 އިން ރައްކާތެރިވެ ހުރެގެން ކަމެވެ.

އެންމެފަހުން ފެންނަ ތަފާސްހިސާބުތަކަށް ބަލާއިރު ނަމްބަރުތަކުގެ އަދަދު ދަނީ ދަށްވަމުންނެވެ. މިއީ އަނެއްކާވެސް، ކޮވިޑް ހުއްޓުވުމުގައި ސިއްހީ މާހިރުންގެ ލަފާ އަޑުއަހާ ކަމުގެ ހެއްކެކެވެ.

މިދިޔަމަހު ފަހުކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޓެކްނިކަލް އެޑަވައިޒަރީ ގްރޫޕް (ޓެގް) ގެ މެމްބަރު، ޑރ. އަހުމަދު ޝަހީދު ވިދާޅުވެފައިވާ ގޮތުގައި އޮގަސްޓްމަހާ އަޅާބަލާއިރު މިދިޔަމަހު ބަލި ކޮންޓްރޯލް ކުރުމުގައި ކުރިއެރުން ހޯދުނެވެ. އެއީ ހަގީގަތުގައި، އެޅި ފިޔަވަޅުތަކުގެ މުހިއްމުކަން ދަނެގެން އާންމުން އެއާ އެއްގޮތަށް އަމަލުކުރުމުގެ ނަތީޖާއެވެ.

އެއްބައިވަންތަކަމުގެ ނަމޫނާ ދައްކަންޖެހޭ

ގައުމީ ރޫހުގައި އެއްބައިވަންތަކަން ދައްކަންޖެހޭ ވަގުތުތަކުގައި މީގެކުރިންވެސް ދިވެހި ރައްޔިތުން ވަނީ ނަމޫނާ ދައްކާފައެވެ. މުޅި ދުނިޔޭގެ ނިސްބަތުން ބެލިޔަސް ކޮވިޑް-19 އިން އަވަހަށް ސަލާމަތްވެވުނު ކޮންމެ ގައުމެއްގައިވެސް އެކަން ހާސިލްކުރެވިފައި އޮތީ، އެއް ރޫހެއްގައި، އެކަތިގަނޑެއްގެ ގޮތުގައި އެންމެން މަސައްކަތް ކޮށްގެންނެވެ. ރާއްޖެއަށްވެސް އޮތީ އެ ގޮތެވެ. ވަކިވެނުގަނެ، އެއް މިސްރާބެއްގައި ތިބެގެން ކޮވިޑް-19ގެ ރާޅާ ދިވެހިން ކުރިމަތިލައިފިއެވެ. ބަލި ކޮންޓްރޯލް ކުރުމުގައި ކުރިއެރުން ދެފަހަރެއްގެ މަތިން ހޯދައިފިއެވެ. އެކަމަކު، މިހިސާބުން އަދި ނުނިމެއެވެ. މި ވައިރަހަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރުހުން ދޭ ވެކްސިނެއް ލިބެންދެން އޮތީ ފަރުވާތެރިވެގެން، ސިއްހީ ރައްކާތެރިކަމާއި އެންމެންގެ ސަލާމަތަށް ވިސްނައިގެން އުޅުމެވެ.

ހެލްތު މިނިސްޓްރީ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިދިޔަމަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ކޮވިޑް-19 ގެ އިތުރު ރާޅެއް ނައިސްފިނަމަ، އެ ބަލި ކޮންޓްރޯލްވާނެ ކަމަށް ބެލެވެނީ އަދި ދޮޅުމަސް ފަހުން ކަމަށެވެ. ހަގީގަތުގައި މިއީ އަހަރެމެން އެންމެން ކުރަމުން އައި މަސައްކަތުން އާދެވިފައިވާ ހިސާބެކެވެ. އެކަމަކު، މި ހިސާބުންވެސް، އެކަކު އަނެކަކަށް އެހީތެރިވުމާއި ބަލިން ރައްކާތެރިވުމުގައި ފަރުވާކުޑަކޮށްލައިފިނަމަ، އަނެއްކާވެސް އުނދަގޫ ހާލަތަކަށް ދިއުމުގެ ބިރު ބޮޑެވެ.

ކޮވިޑް-19 ފަދަ ފަސޭހައިން ގައިން ގަޔަށް އަރާ ބަލިތައް އޭގެ ޒާތުގައި، ކޮންޓްރޯލް ކުރަން ބަލާއިރު ވަރަށް ގިނަ ޗެލެންޖުތަކެއް ހުންނާނެއެވެ. އަމުދުން، މާލެ ކަހަލަ ކާރޫބާރު ބޮޑު ސިޓީއެއްގައި، މީހުން ތޮށްޖެހިގެން އުޅޭ ތަންތަނުގައި މި ބަލި ކޮންޓްރޯލްކުރުން ވާނީ ނުހަނު އުނދަގޫ ކަމަކަށެވެ. އެކަމަކު، މިހާތަނަށްވެސް ބަލީގެ ނުރައްކާ ބޮޑުވި ކޮންމެ ދަނޑިވަޅެއްގައި ދިވެހިން ދައްކާފައިވާ ކެތްތެރިކަމާއި، އެއްބައިވަންތަކަމުގެ ރޫހުގެ ސަބަބުން ބަލީގެ ހާލަތު އަތުން ދޫވާ ހިސާބަށް ގޮސްފައެއް ނުވެއެވެ.

ބަލި ކޮންޓްރޯލް ވުމުގެ އެންމެ މުހިއްމު އެއް ސަބަބު ގުޅިފައިއޮތީ ސިއްހީ މާހިރުންދޭ އިރުޝާދު ކަނުލާ އަޑުއަހާ މީހުން ގިނަވުމެވެ. އެކަމަކު، މަދުން ނަމަވެސް ކޮވިޑާގުޅޭ ގޯސް މައުލޫމާތު ނުވަތަ ނުރަނގަޅު މެސެޖެއް ދޭ ވާހަކަތައް އާންމުވެ، އޭގެ ފަހަތުންދާ މީހުން އެބަ އުޅެއެވެ. ހަގީގަތުގައި، ގޯސް މައުލޫމާތު ފަތުރައިގެން ލިބޭނެ ފައިދާއެއް ނެތްއިރު، އެކަން ކޮށްގެން ނުރައްކަލެއްގެ ތެރެއަށް އެ ހުށަހެޅެނީ ދުރުހިލޭ ބައެއް ނޫނެވެ. އޭގެ ތެރޭގައި، އެ ނުރަނގަޅު ވާހަކަތައް ފަތުރާ މީހާ އާއި އޭނާގެ ލޯބިވާ އެހެން މީހުންވެސް ހިމެނެއެވެ.

"މީގައި އަޅުގަނޑުމެން ވިސްނަންވީ ކަމަކީ، ވީހާވެސް ސައްހަ މައުލޫމާތު އެންމެނަށް ފޯރުކޮށްދޭށޭ. ހަގީގަތުގައި މީގެ ހަގީގަތާ ހިލާފު ވާހަކަތަކެއް ދައްކައިގެން ވާނެ ފައިދާއަކަށް ވުރެން ބޮޑަށް ލިބޭނެ ގެއްލުން އިންތިހާއަށް ބޮޑު. އެއް ބައެއްގެ ގޮތުގައި ތިބެގެން ކޮވިޑުން އަރައިގަނެވޭނީ. ވަކިވެގެން މީގެ މޮޅުވާނެ ކަމަށް ދެކިގެން ނުވާނެ. އަޅުގަނޑުމެން މި ނަމްބަރުތައް ތިރިކުރާނަމަ ކުރުން ރަނގަޅު ކަމަކީ ސާފު ތާހިރުކަމަށް އިސްކަންދޭން އެންމެނަށް ނަސޭހަތްތެރިވުން."
ޑރ. ނަޒްލާ ރަފީގު

ޑރ. ނަޒްލާ ފާހަގަކުރެއްވި އެ ވާހަކައިގައި އެންމެ މުހިއްމު ކަމަކީ، ބަލި ކޮންޓްރޯލް ކުރުމުގެ ހަގީގީ ބާރު އޮތީ ސިއްހީ ތަޖުރިބާކާރުންގެ އަތުގައި ނޫނެވެ. ކޮވިޑުގެ ހާލަތުން އަރައިގަނެ، އާއާމު ހާލަތަށް ރުޖޫއަވާން ކުރަންޖެހޭ އެންމެ މުހިއްމު ކަންތައް ކަމަށްވާ ޕޮޒިޓިވްވާ ނަމްބަރު ތިރިކުރުމަކީ އަހަރެމެން އެންމެންނާ ގުޅިފައިވާ ކަމެކެވެ. ބަލިން ސަލާމަތްވެ ހުރެވޭނީ އެކަކު އަނެކަކަށް އެހީތެރިވެގެންނެވެ.

ކޮންމެ މީހެއްވެސް އިސްކުރަންވީ ކޮވިޑް-19 އިން ރައްކާތެރިވެ ތިބުމަކީ ތިމާގެ އަމިއްލަ ނަފްސަށް ކޮށްދޭ ކަމެއްގެ އިތުރުން، އަމިއްލަ އާއިލާއަށް އަދި ގައުމަށް ވެސް ކޮށްދޭ ކަމެއްގެ ގޮތުގައެވެ. މި ވައިރަހުގެ ނުރައްކަލުން ސަލާމަތްވެގެން ނޫނީ މިވަގުތު އާންމު ދިރިއުޅުމަށް ކުރިމަތިވެފައިވާ ދަތި އުނދަގޫ ހާލަތުން އަރައިގެނެވޭނެ ގޮތެއް ނެތެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު ރާއްޖޭގައި މާ ވަރުގަދަ ސިއްހީ ނިޒާމެއް ނެތް ނަމަވެސް، މިހާތަނަށް ކޮވިޑްގެ އަދަދުތައް ހެލްތު ސިސްޓަމްގެ ތެރެއިން ހިފެހެއްޓޭ ވަރަށް ކޮންޓްރޯލްވެފައި އޮތީ ކޮވިޑް ޖެހޭ މީހުންގެ އަދަދު ތިރިކުރުމުގައި އެކި ފަހަރުމަތިން ކުރި މަސައްކަތުން ލިބުނު ކުރިއެރުންތަކުގެ ސަބަބުންނެވެ. އެހެންކަމުން އެ އަދަދުގެ ކޮންޓްރޯލް ނުގެއްލި ބޭއްވޭނީ އެހެން މީހުންނަށްޓަކައި ތިބާވެސް އަމިއްލަ ޒިންމާ އަދާކޮށްގެންނެވެ.

އެޑިޓަރުގެ ނޯޓު:

މިއީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ދިވެހި މީޑިއާއިން އިސް ނަގައިގެން ކުރިޔަށް ގެންދާ ގައުމީ ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓެކެވެ.