• ހޮސްޕިޓަލުގައި ފަރުވާދެނީ 43 މީހަކަށް، 3 މީހަކު އައިސީޔޫގައި

ރާއްޖެއިން އިތުރު 24 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސިން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އަލަށް ޕޮޒިޓިވް ވެފައިވަނީ 24 މީހުން ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 20 ދިވެހިންނާއި، ބޭރު ގައުމުތަކަށް ނިސްބަތްވާ 4 މީހުންނެވެ.

އަލަށް ޕޮޒިޓިވްވި އެންމެންވެސް ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ.

މިއާއެކު، ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 11،178 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 102 މީހަކު ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވެ، މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 10،097 އަށް އަރާފައެވެ.

މިވަގުތު އެކްޓިވް ކޭސަސްގެ ގޮތުގައި ތިބީ 1،138 މީހުންނެވެ. މީގެތެރެއިން 43 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި، އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އެޑްމިޓްކޮށްފައިވާ އެންމެންނަކީވެސް ހުޅުމާލޭ މެޑިކަލް ސެންޓަރުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ މީހުން ކަމަށެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 40 މީހަކަށް ފަރުވާ ދެމުންގެންދަނީ ވޯޑުގައި ކަމަށާއި، 3 މީހަކަށް ފަރުވާދެނީ އައިސީޔޫގައި ކަމަށްވެސް ޑރ. ނަޒްލާ ރަފީގު ވިދާޅުވިއެވެ. ވެންޓިލޭޓަރުގައި އެއްވެސް މީހަކު ނެތް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.