މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް، ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާތަބު ކުރައްވާނީ، ޤައުމީ ދުވަސް ކަމަށްވާ އާދީއްތަ ދުވަހު ހެނދުނު 10 ޖަހާއިރު ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައެވެ.

ގައުމީ ދުވަހަކީ ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރި ދުވަހެވެ.

ހިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ދުވަހު މިގައުމު ޕޯޗުގީޒުންގެ އަތުން މިނިވަންކޮށްދެއްވީ ބޮޑުތަކުުރުފާނު ނުވަތަ އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމްއެވެ.

މިއަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމަށް ގައުމީ ދުވަސް ނިސްބަތްވާ ބޮޑުތަކުރުފާނުގެ އުފަން ރަށް ހއ. އުތީމުގައި ހާއްސަ ޖަލްސާއެއް ބާއްވަން ހޯމް މިނިސްޓްރީން ނިންމާފައި ވާއިރު އެ ޖަލްސާގައި ވީޑިއޯ މެދުވެރިކޮށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަފުޅު ދައްކަވަން ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި ޤައުމީ ދުވަހުގެ ގޮތުގައި ފުރަތަމަ ދުވަހެއް ފާހަގަކުރީ ހިޖުރައިން 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ މީލާދީން 4 ފެބްރުއަރީ 1946 ގައެވެ.

ރާއްޖޭގައި އާންމުގޮތެއްގައި ގައުމީ ދުވަސްތައް ފަދަ މުހިންމު ދުވަސްތައް ކުލަގަދަކޮށް ފާހަގަކުރި ނަމަވެސް ކޮވިޑްގެ ހާލަތާގުޅިގެން ގި.ނަ ރަސްމިއްޔާތުތަކެއް ވަނީ ފަސްކޮށްފައެވެ. އަދި ބައެއް ރަސްމިއްޔާތުތައް ކުރިއަށްގެންދަނީ ވީޑިއޯ މެދުވެރިކޮށެވެ.